ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު

ސޮވެރިން ފަންޑަށް 246.4 މިލިއަން ރުފިޔާ ޖަމާކޮށްފި

Jul 28, 2020

ސަރުކާރުން ނަގާ ލޯން ތަކަށް ފައިސާ ދައްކަން އުފެއްދި، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް މިހާތަނަށް 246.4 މިލިއަން ރުފިޔާ ޖަމާ ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ހަފުތާގެ މާލީ ރިޕޯޓްގައިވާ ގޮތުން މި އަހަރުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް 246.4 މިލިއަން ރުފިޔާ ވަނީ ޖަމާ ކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ޖަމާ ކޮށްފައި ވަނީ 770.1 މިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ސޮވްރިން ޑިވްލޮޕްމަންޓް ފަންޑުގެ ބެލެންސުގައި 181 މިލިއަން ޑޮލަރު (2.7 ބިލިއަން ރުފިޔާ) ހުއްޓެވެ.

މާލީ ރިޕޯޓް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 600.7 މިލިއަން ރުފިޔާ ވަނީ ލޯނުގެ ގޮތުގައި ދައްކާފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖުލައި 16 ގެ ނިޔަލަށް ލޯނު ގޮތުގައި 596.1 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. ސަރުކާރުން ވަނީ މި އަހަރު ލޯނުތަކަށް ދެ ބިލިއަން ރުފިޔާ ދައްކަން ބަޖެޓުގައި ހިމަނާފަ އެވެ.

އެސްޑީއެފް ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތި ވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެ ދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން އުފައްދާފައިވާ ހާއްސަ ފަންޑެކެވެ. އެސްޑީއެފް އުފެއްދީ 2017 ވަނަ އަހަރު އެވެ. މި ފައިސާ ޖަމާ ކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ ވީއައިއޭ އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އެވެ.