ވިޔަފާރި

ސޮވެރިން ފަންޑަށް ޖަމާކުރި އަދަދު 92 ޕަސެންޓް މަދުވެއްޖެ

Aug 10, 2020

ސަރުކާރުން ނަގާ ލޯނުތަކަށް ފައިސާ ދައްކަން އުފެއްދި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދު 93 ޕަސެންޓް ދަށްވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖޫން މަހު ސޮވެރިން ފަންޑަށް ޖަމާ ކޮށްފައިވަނީ 13 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހު ޖަމާކުރި އަދަދު އުޅެނީ 176 މިލިއަން ރުފިޔާގަ އެވެ.

މި އަހަރުގެ ޖެނުއަރީ މަހުން ޖޫންގެ ނިޔަލަށް ސޮވެރިން ފަންޑަށް ޖަމާކުރި އަދަދު އުޅެނީ 246 މިލިއަން ރުފިޔާ އެވެ. އަދި މި އަހަރު ސޮވެރިން ފަންޑަށް ޖަމާކުރަން ބަޖެޓް ކޮށްފައި ވަނީ 756 މިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ސޮވެރިން ޑިވްލޮޕްމަންޓް ފަންޑުގެ ބެލެންސުގައި 181 މިލިއަން ޑޮލަރު (2.7 ބިލިއަން ރުފިޔާ) ހުއްޓެވެ.

އެސްޑީއެފް ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތި ވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެ ދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން އުފައްދާފައިވާ ހާއްސަ ފަންޑެކެވެ. އެސްޑީއެފް އުފެއްދީ 2017 ވަނަ އަހަރު އެވެ. މި ފައިސާ ޖަމާ ކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ ވީއައިއޭ އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އެވެ.