ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު

ސޮވެރިން ފަންޑްގައި 6.9 ބިލިއަން ރުފިޔާ

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) ގައި މިހާރު ހުރީ 6.9 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކުރަމުން ގެންދާ ހަފުތާގެ މާލީ ރިޕޯޓު ދައްކާ ގޮތުގައި މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފަންޑްގެ ސައިޒަކީ 6.97 ބިލިއަން ރުފިޔާ އެވެ. އެސްޑީއެފްގެ ބޭންކް ބެލެންސަކީ 1.91 ބިލިއަން ރުފިޔާ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރު ފަންޑަށް ޖަމާކުރީ 52.2 މިލިއަން ރުފިޔާ އެވެ.

އެސްޑީއެފް އަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލްކަން ހޯދަން އުފެއްދި ފަންޑެކެވެ. ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް މި ފަންޑް އުފެއްދީ 2017 ވަނަ އަހަރު އެވެ.

އެސްޑީއެފް ފަންޑްގައި މިދިޔަ އަހަރު ނިމުނުއިރު ހުރީ 6.3 ބިލިއަން ރުފިޔާ އެވެ. އަދި އެސްޑީއެފް ބޭންކް ބެލެންސްގައި ހުރީ 2.1 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ފަންޑަށް 820 މިލިއަން ރުފިޔާ ޖަމާކުރި އެވެ.

ސޮވެރިން ފަންޑަށް ފައިސާ ޖަމާކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އެވެ.