ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު

އެސްޑީއެފްއަށް 417 މިލިއަން ރުފިޔާ ޖަމާކޮށްފި

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) މިއަހަރުގެ މިހާތަނަށް 417 މިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް މި ފަންޑަށް ޖަމާކުރެވުނު އަދަދެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ފަންޑަށް ޖަމާކުރި 406.2 މިލިއަން ރުފިޔާއަށްވުރެ 2.6 ޕަސެންޓް އިތުރުވުމެކެވެ.

ސޮވެރިން ފަންޑަށް މިއަހަރު އެއް ބިލިއަން ރުފިޔާ ޖަމާކުރެވޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

އެސްޑީއެފް އަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލްކަން ހޯދަން އުފެއްދި ފަންޑެކެވެ. ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް މި ފަންޑް އުފެއްދީ 2017 ވަނަ އަހަރު އެވެ.

އެ ފަންޑަށް ފައިސާ ޖަމާކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ.

ދަރަނި އަދާކުރަން 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު ސޮވްރިން ފަންޑުން ރުފިޔާ ބޭނުންކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.