ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު

ސޮވެރިން ފަންޑަށް 807 މިލިއަން ޖަމާކޮށްފި

ސޮވެރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް އަހަރު ނިމުމުގެ ކުރިން ޖަމާކުރެވޭނެ ކަމަށް އަންދާޒާކުރި އަދަދަށް ފައިސާ ޖަމާކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެ ފަންޑަށް ވަނީ 807.6 މިލިއަން ރުފިޔާ ޖަމާކޮށްފަ އެވެ.

އެ އަދަދާއެކު މި އަހަރު ފަންޑަށް ޖަމާކުރެވޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އިތުރަށް 38.4 މިލިއަން ރުފިޔާ ފަންޑަށް ވަނީ ޖަމާކޮށްފަ އެވެ. މިއަހަރު ނިމޭއިރު އެސްޑީއެފްއަށް ޖަމާކުރެވޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 769.2 މިލިއަން ރުފިޔާ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާރު ސޮވެރިން ޑިވްލޮޕްމަންޓް ފަންޑްގެ ސައިޒަކީ 5.7 ބިލިއަން ރުފިޔާ އެވެ. ފަންޑްގެ ބޭންކް ބެލެންސަކީ 764 މިލިއަން ރުފިޔާ އެވެ.

އެސްޑީއެފް އަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލްކަން ހޯދަން އުފެއްދި ފަންޑެކެވެ. ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް މި ފަންޑް އުފެއްދީ 2017 ވަނަ އަހަރު އެވެ.

ސޮވެރިން ފަންޑަށް ފައިސާ ޖަމާކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އެވެ.

ރައީސް އޮފީހުގައި މިއަހަރުގެ އޮގަސްޓް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އަހަރު ނިމޭއިރު ސޮވެރިން ފަންޑްގައި ހުންނާނެ ކަމަށް ލަފާކުރާ އަދަދު ހުންނާނެ ކަމަށެވެ. ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް އެ ޔަގީންކަން ދެއްވި އެވެ.