ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު

ސޮވެރިން ފަންޑަށް ޖަމާކުރި އަދަދު 29 ޕަސަންޓް އިތުރުވެއްޖެ

ދިވެހި ސަރުކާރުން ނަގާ ލޯނުތަކަށް ފައިސާ ދެއްކުމަށްޓަކައި ފައިސާ ރައްކާ ކުރުމަށް އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) މިއަހަރުގެ މިހާތަނަށް ޖަމާކުރި ފައިސާ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 29.9 ޕަސަންޓް އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފަންޑަށް 489.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ފަންޑަށް ޖަމާކުރި 376.6 މިލިއަން ރުފިޔާއަށްވުރެ 29.9 ޕަސަންޓް އިތުރުވުމެކެވެ.

ސޮވަރިން ފަންޑަށް މިއަހަރު 871.4 މިލިއަން ރުފިޔާ ޖަމާކުރެވޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު މިއަހަރުގެ މިިހާތަނަށް ވަނީ އަންދާޒާގެ 56 ޕަސަންޓް ފަންޑަށް ޖަމާކޮށްފަ އެވެ.

އެސްޑީއެފް އަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލްކަން ހޯދަން އުފެއްދި ފަންޑެކެވެ. ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް މި ފަންޑް އުފެއްދީ 2017 ވަނަ އަހަރު އެވެ.

ފަންޑަށް މިދިޔަ އަހަރު 769.2 މިލިއަން ރުފިޔާ ޖަމާކުރެވޭނެ ކަމަށް އަންދާޒާކުރިއިރު އެ އަހަރު ފަންޑަށް 820 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނަށް މިއަހަރު ގެނައި އިސްލާހާއެކު އެސްޑީއެފަށް ފައިސާ ޖަމާކުރުމާއި އެ ފަންޑުން ހަރަދުކުރާނެ ގޮތް ރައީސުލްޖުމްހޫރިއްޔާ ނިންމަވާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިންނެވެ. އަދި އެ ފަންޑު ބަލަހައްޓާނީ ފިނޭންސް މިނިސްޓްރީންނެވެ.

އޭގެ ކުރިން އެސްޑީއެފް ބަލަހައްޓަމުން ގެންދިޔައީ މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ.