ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު

ސޮވެރިން ފަންޑަށް 627 މިލިއަން ޖަމާކޮށްފި

ސޮވެރިން ޑިވްލޮޕްމަންޓް ފަންޑް [އެސްޑީއެފް] އަށް މިއަހަރު 627.9 މިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.

މި އަހަރު ނިމޭއިރު ފަންޑަށް 769.2 މިލިއަން ރުފިޔާ ޖަމާވާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވާއިރު އެ އަމާޒަށް ވާސިލުވުމަށް އަދި 141.3 މިލިއަން ރުފިޔާ ބޭނުންވެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާރު ފަންޑްގެ ސައިޒަކީ ފަސް ބިލިއަން ރުފިޔާ އެވެ. ފަންޑްގެ ބޭންކް ބެލެންސްގެ ގޮތުގައި ހުރީ އެއް ބިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި ފަންޑްގެ ސައިޒަކީ 3.5 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ފަންޑަށް ޖަމާކުރެވުނީ 244.2 މިލިއަން ރުފިޔާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެސްޑީއެފް އަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލްކަން ހޯދަން އުފެއްދި ފަންޑެކެވެ. ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް މި ފަންޑް އުފެއްދީ 2017 ވަނަ އަހަރު އެވެ.

ސޮވެރިން ފަންޑަށް ފައިސާ ޖަމާކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް [ވީއައިއޭ] އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އެވެ.

މިދިޔަ މަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އަހަރު ނިމޭއިރު ފަންޑްގައި ހުންނާނެ ކަމަށް ލަފާކުރާ އަދަދު ހުންނާނެ ކަމަށެވެ.