މިފަހުގެ ތާރީހުގައި ރާއްޖޭގައި ހުޅުވޭ އެންމެ ހިތްގައިމު ބިނާގެ ހިދުމަތް ފަށަން މިވަނީ ތައްޔާރުވެފަ އެވެ. އެއީ އެންމެ ޒަމާނީ ފެންވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކުރި ސީޕްލޭން ޓާމިނަލް އެވެ. މި ފުރިހަމަ ޓާމިނަލްގެ ރީތި ފޮޓޯ ތަކެއް މިވަނީ އާއްމުންނާހަމަ އަށް ގެނެސްދީފަ އެވެ.
ވައިގެ ދަތުރުފަތުރުގެ މައުލޫމާތު ގެނެސްވޭ މޯލްޑިވްސް އޭވިއޭޓާސް އިން އާއްމުކުރި މި ފޮޓޯތަކުން މި ބިޔަ ބޮޑު މަސައްކަތުގެ ހައިބަތާއި ފުރިހަމަކަން ފެނިގެންދެ އެވެ. ޗައިނާ ބީޔޫސީޖީއިން ކޮށް ނިންމި މި ފުރިހަމަ މަސައްކަތް ނިމި މިމަހު މެދުތެރޭގައި ބޭނުން ކުރަން ފަށާނެ އެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޓާމިނަލް ބޭނުން ކުރަން ފަށަން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދަނީ މަންޓާ އާއި ޓީއެމްއާ ގުޅިގެން ވަމުންނެވެ. އެގޮތުން މިހާތަނަށް 13 ޓްރަޔަލް ހަދާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓްރަޔަލް މި ހަދަނީ ހިދުމަތް ފަށަން އެންމެ ފުރިހަމައަށް އެތަން ގެންނަން. ލޯޑް އަންނައިރު ކެޕޭސިޓީއާ މީޓްވޭ ތޯ މި ފަދަ ގިނަ ކަންކަމަށް ބަލާނެ،" އޮފިޝަލް ވިދާޅުވި އެވެ.
މި ޓާމިނަލްގެ އެންމެ ހާއްސަ ސިފައަކީ ތަނުގެ ރީތިކަމުގެ އިތުރުން ޖާގަ ތަނަވަސް ވެފައިވާ މިންވަރެވެ. މިތަނަށް އެއް ފަހަރާ ވައިޑް ބޮޑީ އެއާކްރާފްޓުގެ ތިން ބޯޓުގެ މީހުންނަށް ހިދުމަތް ދެވޭނެ އެވެ. އެއް ފަހަރާ އެއްހާސް މީހުންނަށް މިތަނުން ހިދުމަތް ދެވޭނެ ޖާގަ އޮތުމަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ހިދުމަތްދޭ ރާއްޖެ އަންނަ މީހުންނަަށް ލިބިގެންދާނެ ހިތްހަމަ ޖެހުމަކަށްވާނެ އެވެ.
ސީޕްލޭން ޓާމިނަލްގެ ހާއްސަ ސިފަތައް
- ވަދެ ނިކުމެ ހަދަން 32 ގޭޓް
- ބޯޓު ޕާކް ކުރަން 47 ޑޮކް
- އެމްއޭސީއެލް ބިޒްނަސް ލައުންޖު
- އެމްއޭސީއެލް ކޮމަން ލައުންޖު
- ކެންޓީން
- އެކްސްކްލޫސިވް ރިސޯޓް ލައުންޖު: 45
- އެއް ފަހަރާ 1000 މީހުންނަށް ހިދުމަތް ދެވޭ
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ބޭސް އޮންނަ ރާއްޖޭގެ އާ ސީޕްލޭން ޓާމިނަލްގެ ބިންގާ އަޅާފައިވަނީ 29، ޖެނުއަރީ 2018 ގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އާ ސީ ޕްލޭން ޓާމިނަލެއް ތަރާއްގީ ކުރަން ހިންގި ބޮޑު މަޝްރޫއުގެ ދަށުން 3.2 ހެކްޓަރު (32،000 އަކަމީޓަރު) ގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލީ 2015 ޖޫންގަ އެވެ. މި ޕްރޮޖެކްޓަކީ ޖުމްލަ 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ގެ ބޮޑު މަޝްރޫއެކެވެ. ސީޕްލޭން ޓާމިނަލް ހިދުމަތަށް މި ގެންނަނީ މި ޓާމިނަލް އިން ޖާގަ ބެހުމުގައި މައްސަލަ ޖެހި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވި ސަރުކާރުން މައްސަލާގެ ތެރެއަށް ވަދެ އެކަމަށް ހައްލެއް ގެނެސްގެންނެވެ.