ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެތައް މިލިއަން ޑޮލަރެއް ދީފައިވާ ކަމުގެ ތުހުމަތު ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ކުރައްވާފައިވާތީ އެކަން ބަލަން ޖެހޭ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދަށް ތުހުމަތުކުރައްވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ ޓީއެމްއޭއިން ރައީސް ނަޝީދަށް 13 މިލިއަން ޑޮލަރު ދީފައިވާ ކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ މަޖިލީސް މެންބަރުންނާއި، ސަރުކާރު މެދުވެރިކޮށް އެ ވާހަކަތައް އޮއްބާލަން ކަމަށް ވެސް ވިދާޅުވިއެވެ.
"ޓީއެމްއޭއިން ރައީސް މުހައްމަދު ނަޝީދަށް 13 މިލިއަން ޑޮލަރު ދިންކަން އޮއްބާލަން މިއަދު އެމްޑީޕީގެ މެންބަރުން ލައްވާ ކުރީ ސަރުކާރޭ... ކުރީ ސަރުކާރޭ މި ކިޔަނީ."
ނަޝީދު ވިދާޅުވީ ގާނޫނާ ހިލާފަށް އަމަލުކުރާ މީހުންނާ ގާނޫނު އަރާ ހަމަ ކުރާނެ ދުވަސް އަންނާނެ ކަމަށެވެ.
އެކަމަށް އިޝާރަތް ކުރައްވާ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޓީއެމްއޭ އަށް ވިޔަސް އަދި އެހެން މީހަކަށް ވިޔަސް އެމަނިކުފާނަކަށް ރުފިޔާ ދޭން ނޫޅޭނެ ކަމަށާއި ނުވެސް ދެވޭނެ ކަމަށެވެ. އެފަދަ ކަމަކާ މީހަކު ވެސް ވިސްނާނެ ކަމަށެވެ.
"ދެއްވަން އުޅުއްވަބަލަ އެއްވެސް މީހަކު އެއްވެސް އެއްޗެއް، އެކަން ގޮސް ނިމިދާނެ ގޮތް އެބަޔަކަށް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، ރިޝްވަތު ދިނުމަކީ ވެސް މަނާ ކަމެއް، ރިޝްވަތު ހިފުމަކީ ވެސް މަނާ ކަމެއް، ރިޝްވަތު ދޭން އުޅޭކަން އެނގި އެކަމާ އަޅާނުލުމަކީ ވެސް މަނާ ކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވަނީ ވަކި ކަމެއް ވަކި ގޮތަކަށް ކުރުމުގެ ނިޔަތުގައި އެއްވެސް މީހަކު އެމަނިކުފާނާ ރަހުމަތްތެރިވެ ވާހަކަ ނުދެއްކުމަށް އިހްލާސްތެރިކަމާއެކު އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
ޖަމީލް ވިދާޅުވީ ބަލަންވީ ތުހުމަތު ރައްދުވާ ފަރާތުގެ ޖަވާބަކަށް ނޫން ކަމަށެވެ. އެހެން ނޫންނަމަ ފަނޑިޔާރުންވެސް މަގާމުތަކުގައި ތިއްބެވީސް ކަމަށް ޖަމީލް ވިދާޅުވިއެވެ.
"ޖިންސީ ކުށެއް ނުކުރާކަން ގާއިމްވާނީ ކަމާ ގުޅުންހުރި އިދާރާގެ ތަހުގީގަކުން، ގާނޫނުގެ ކުރިމަތީގައި އެންމެންވެސް ހަމަހަމަވާން ޖެހޭނެ." ޖަމީލް ވިދާޅުވިއެވެ.
އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އޮޕަރޭޓަރުންނަށް ކުއްޔަށް ދޭނެ ގޮތަކާމެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. ކުރިން އަޑު ފެތުރުނީ އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ވަރަށް ކުޑަ އަގަކަށް ޓީއެމްއޭއަށް ދިނުމަށް އެމްއޭސީއެލްއިން ނިންމާފައިވާ ކަމަށެވެ. އެ މައްސަލަ ފެންމަތިވެ، ސީޕްލޭން އޮޕަރޭޓަރުންގެ މެދުގައި ވެސް ބަހުގެ ހޫނު ހަމަލާތައް ދަނީ ރައްދު ކުރަމުންނެވެ.
މި މައްސަލައާއި ގުޅިގެން މަޖިލީހުގެ ރައީސް ކުރިން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެމްއޭސީއެލްއާ ޓީއެމްއޭއަށް އެއްބަސްވެވޭ ގޮތަކަށް މައްސަލަ އަވަހަށް ނިންމުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވުމުން ގިނަ ބަޔަކު ވަނީ އެ މައްސަލާގައި ވަކި ބައެއްގެ ދިފާއުގައި ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވި ކަމަށް ބުނެ ތުހުމަތުގެ އިނގިލި ދިއްކޮށްފަ އެވެ. އަދި ޓީއެމްއޭއާ އެއްކޮޅަށް ރައީސް ނަޝީދު ވަކާލާތު ކުރައްވަނީ އެމަނިކުފާނުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުގައި ހިމެނޭ މެންބަރެއްގެ މަސްލަހަތުގައި ކަމަށް ބުނެ އެކަމާ ގުޅުންހުރި ބައެއް ހެކިތައް ވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ހިއްސާކޮށްފައި ވެއެވެ.
އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި ރިޕޯޓް ސިއްރު ކުރަން ނިންމުމުން މި ތުހުމަތުތައް ވަނީ އިތުރުވެފަ އެވެ.