ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެފައިވަނީ ރައްޔިތުންނަށް "ބިރަކަށް" ކަމަށް ކުރީގެ ނާއިބު ރައީސް އަދި އިިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލްގެ ފާޑުވިދާޅުވުމުން މިފަހަރު ނަޝީދަށް އަމާޒު ކުރެއްވީ އެމްޑީޕީގެ ވެރިކަމެއް އަބަދަށްމެ އޮތުމަށް އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް ގާނޫނު އަސާސީ ބަދަލުކުރުން މުހިންމު ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމާއި ގުޅިގެންނެވެ.
ކުރީން އިސްގާޒީ ކަމާއި ޖަސްޓިސް މިނިސްޓަރުކަންވެސް ކުރެއްވި ޖަމީލް ވިދާޅުވީ އެއްވެސް މީހަކަށް އެކަނި ރައްޔިތުންގެ ފައިސާ އާއި ވެރިކަން ކުރަންވީ ގޮތް ނުނިންމޭނެ ކަމަށެވެ. ރައީސް ނަޝީދުގެ ހުރިހާ ހާސްކަމަކީ ވެރިކަން ނުލިބިއްޖެނަމަ ޖާހަތު ގެއްލުން ކަަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
"މުރައިދޫ ގަނޑުވަރާއި އިމެއް ނެތް ހަރަދު. ދަހިވެތިކަން ހައްދުން ނައްޓައި 'ރަންނަމާރި' ގޮތަށް ރައްޔިތުންނަށް ބިރަކަށްވެއްޖެ،" ރައީސް ނަޝީދާއި ރައީސް ސޯލިހް ދުބާއީގައި ނެންގެވި ފޮޓޯއަކާއެކު ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް ގާނޫނު އަސާސީ ބަދަލުކުރުން މުހިންމު ކަމަށް ނަޝީދު ވިދާޅުވީ އެންމެ ފަހުން އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލްވުމުގައެވެ.
ނަޝީދު ވިދާޅުވީ އެ އުސޫލަށް ގާނޫނު އަސާސީ ބަދަލު ކުރުން މުހިންމު ވަނީ އެމްޑީޕީން އަބަދަށް ވެރިކަމުގައި ތިބުމަށެވެ.
"އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް އަޅުގަނޑުމެން ބަދަލުވުން. 'ޕަސްޓް ޕާސް ދަ ޕޯސްޓް' އަށް ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ބަދަލުވުން. އެހެން ނަމަވެސް 30 ޕަސެންޓަށް ވުރެ ދަށްވެއްޖެނަމަ އަލުން އަނބުރާ އެންމެ ގިނަ ވޯޓް ލިބޭ ދެ ކެންޑިޑޭޓެއްގެ މެދުގައި ދެވަނަ ބުރެއް ބޭއްވުން. އެ އުސޫލަށް ގާނޫނު އަސާސީގައި ކަނޑައެޅުމަކީ ބޭނުންތެރި ކަމެއްގެ ގޮތުގައި އަޅުގަނޑަށް ޔަގީން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ފާހަގަ ވާނެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުން ހަރު އަޑުން އެމްޑީޕީގެ ވެރިކަމެއް މިރާއްޖޭގައި އަބަދަށްމެ އޮތުމަށް ކުރިއަށް އޮތް ފަސް އަހަރަށް އަދި އިތުރު ފަސް އަހަރަށްވެސް އޮތުމަށް އެ ގޮވަމުންދާ ގޮތުން އަޅުގަނޑުމެން ކަނުލާ އަޑުއަހަން ޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ.