ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެތައް މިލިއަން ޑޮލަރެއް ދީފައިވާ ކަމުގެ ތުހުމަތު ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ކުރައްވައިފި އެވެ.
އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އޮޕަރޭޓަރުންނަށް ކުއްޔަށް ދޭނެ ގޮތަކާމެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. ކުރިން އަޑު ފެތުރުނީ އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ވަރަށް ކުޑަ އަގަކަށް ޓީއެމްއޭއަށް ދިނުމަށް އެމްއޭސީއެލްއިން ނިންމާފައިވާ ކަމަށެވެ. އެ މައްސަލަ ފެންމަތިވެ، ސީޕްލޭން އޮޕަރޭޓަރުންގެ މެދުގައި ވެސް ބަހުގެ ހޫނު ހަމަލާތައް ދަނީ ރައްދު ކުރަމުންނެވެ.
މި މައްސަލައާއި ގުޅިގެން މަޖިލީހުގެ ރައީސް ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެމްއޭސީއެލްއާ ޓީއެމްއޭއަށް އެއްބަސްވެވޭ ގޮތަކަށް މައްސަލަ އަވަހަށް ނިންމުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވުމުން ގިނަ ބަޔަކު ވަނީ އެ މައްސަލާގައި ވަކި ބައެއްގެ ދިފާއުގައި ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވި ކަމަށް ބުނެ ތުހުމަތުގެ އިނގިލި ދިއްކޮށްފަ އެވެ. އަދި ޓީއެމްއޭއާ އެއްކޮޅަށް ރައީސް ނަޝީދު ވަކާލާތު ކުރައްވަނީ އެމަނިކުފާނުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުގައި ހިމެނޭ މެންބަރެއްގެ މަސްލަހަތުގައި ކަމަށް ބުނެ އެކަމާ ގުޅުންހުރި ބައެއް ހެކިތައް ވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ހިއްސާކޮށްފައި ވެއެވެ.
އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި ރިޕޯޓް ސިއްރު ކުރަން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ނިންމުމުން މި ތުހުމަތުތައް ވަނީ އިތުރުވެފަ އެވެ.
ރައީސް ނަޝީދަށް ތުހުމަތުކުރައްވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ ޓީއެމްއޭއިން ރައީސް ނަޝީދަށް 13 މިލިއަން ޑޮލަރު ދީފައިވާ ކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ މަޖިލީސް މެންބަރުންނާއި، ސަރުކާރު މެދުވެރިކޮށް އެ ވާހަކަތައް އޮއްބާލަން ކަމަށް ވެސް ވިދާޅުވިއެވެ.
"ޓީއެމްއޭއިން ރައީސް މުހައްމަދު ނަޝީދަށް 13 މިލިއަން ޑޮލަރު ދިންކަން އޮއްބާލަން މިއަދު އެމްޑީޕީގެ މެންބަރުން ލައްވާ ކުރީ ސަރުކާރޭ... ކުރީ ސަރުކާރޭ މި ކިޔަނީ."
ނަޝީދު ވިދާޅުވީ ގާނޫނާ ހިލާފަށް އަމަލުކުރާ މީހުންނާ ގާނޫނު އަރާ ހަމަ ކުރާނެ ދުވަސް އަންނާނެ ކަމަށެވެ.
"ގާނޫނު އަރާ ހަމަކުރާނެ، އެކަން ދަންނާތި، ގޮނޑި ދުއްވަން މިފަހަރު ނުފޮނުވާނެ، އޮންނަން ޖެހޭނީ ޖަލުގައި،" ރައީސް ނަޝީދަށް އިޝާރާތް ކުރައްވާ މެންބަރު ނަޝީދު ވިދާޅުވި އެވެ.
އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލް އިން ބޮޑު ޖާގައެއް ދޭން ނިންމާފަ އެވެ.
ނަމަވެސް މިހާރު މައްސަލަ ބޮޑެތި، އާ ޓާމިނަލްއާ މެދު އަމަލުކުރާނެ ގޮތެއް ވަނީ ނޭންގުމެއްގެ ތެރޭގަ އެވެ.