ރައްޔިތުންގެ މަޖިލިސް

އޭސީސީ ރިޕޯޓް ސިއްރު ކުރުމުން ފާޑު ކިޔަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮންނަ ހުޅުލޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަދާ ސީޕްލޭން ޓާމިނަލް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ދޫކޮށްލަން އުޅޭ މައްސަލާގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވައިލި ރިޕޯޓް ސިއްރު ރިޕޯޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމަށް އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސީޕްލޭން ޓާމިނަލްގެ މައްސަލާގައި އޭސީސީން އެކުލަވާލި ރިޕޯޓް، ސިއްރު ރިޕޯޓެއްގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ލިބިފައިވާ ކަމަށެވެ.

"އެ ރިޕޯޓް ވަނީ ސިއްރު ރިޕޯޓެއްގެ ގޮތުގައި އަޅުގަނޑަށް ލިބިފައި. އަދި އެ ރިޕޯޓް ވަނީ ކޮމިޓީއާއެކު ވެސް ހިއްސާ ކުރެވިފައި. އަދި އަޅުގަނޑު ބޭނުން ސިއްރު ރިޕޯޓެއްގެ ގޮތުގައި ތިޔަ އިތްޒަތްތެރި މެންބަރުންނާ ވެސް ހިއްސާ ކުރަން،" ރިޕޯޓާގުޅޭ އިތުރު ތަފްސީލެއް ނުދެއްވާ ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް އޭސީސީން ބުނީ އެ ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާ ރިޕޯޓަކީ ތަހުގީގު ފުރަތަމަ މަރުހަލާގައި ފާހަގަވި ކަންކަން ބަޔާން ކޮށްފައިވާ ރިޕޯޓެއް ކަމަށާ އެ ރިޕޯޓްގައި ސިއްރު ޖަހާފައި ފޮނުވީ، އޭގައި ހިމެނޭ މައުލޫމާތުތައް އެހެން ފަރާތަކުން އާންމު ކުރުމުގެ ފުރުސަތު ނުދޭން ކަމަށްވީ ނަމަވެސް އެއީ ސިއްރު ރިޕޯޓެއް ނޫން ކަމަށެވެ.

ފާޑުކިޔާ ފަރާތްތަކުން ވަނީ ޓީއެމްއޭ މައްސަލައިގެ އޭސީސީ ތައްޔާރުކުރި ރިޕޯޓް ސިއްރު ކުރުމުގައި ކަންތައްތަކެއް ފޮރުވުން ހިމެނޭ ކަމަށް ތުހުމަތު ކޮށްފަ އެވެ. ރައްޔިތުންގެ މަޖިލީހަކީ ރިޔާސީ ކޮމިޝަނުން އެކުލަވާލި މަރުތަކެއްގެ ރިޕޯޓްގެ ސިއްރުވެސް ނުހިފެހެއްޓި މުއައްސަސާއެއްް ކަމަށާ އެހެން ކަމުން މިއަދު އޭސީސީގެ ރިޕޯޓް ސިއްރު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް އެމީހުން ބުނެފައި ވެއެވެ.

"ހަމަ ޔަގީން މިކަމުގައި ބައެއްގެ ނުފޫޒު އޮތީ. ވަކިން ހާއްސަކޮށް ރައީސް ނަޝީދު އެބަ އެހެން މަސްލަހަތެއް ދިފާއުކުރޭ. އެހެން ނޫންނަމަ އޭސީސީގެ ރިޕޯޓް ސިއްރެއް ނުކުރާނެ."

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވެސް ވަނީ އޭސީސީގެ ރިޕޯޓް މަޖިލީހުން ސިއްރު ކުރުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަލީ ވިދާޅުވީ އެ ރިޕޯޓްގައި ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލަތަކެއް ނެތް ކަމަށެވެ.

"ތިޔައީ ސިއްރު ކުރަން ޖެހޭ ޒާތުގެ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެއް ކަމަކަށް ނުފެނޭ." އަލީ ހުސައިން ވިދާޅުވިއެވެ.

ޓްރާސްޕޭރަންސީ މޯލްޑިވްސްއިން ވަނީ އޭސީސީގެ ރިޕޯޓާއި، އޮޑިޓަރު ޖެނެރަލްގެ ހާއްސަ އޮޑިޓް ރިޕޯޓް އާންމުކޮށް ހާމަ ކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

"މި މައުލޫމާތުތައް އެގުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްގެއް." ޓްރާސްޕޭރަންސީން ބުނެފައި ވެއެވެ.

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލް އިން ބޮޑު ޖާގައެއް ދޭން ނިންމާފަ އެވެ.

ނަމަވެސް މާލިއްޔަތު ކޮމެޓީގައި އެ ކުންފުނީގެ ސީއީއޯ އެމްޔޫއެމް ފައުޒީ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން 19،000 އަކަ މީޓަރުގެ ބިމުގެ ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އެހެން ކަމުން އެގޮތަށް އަމަލުކޮށް ދިނުމަށެވެ. އެހެނަސް، އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެފައިވަނީ ޓީއެމްއޭ އިން އެ ބުނާ ސިޓީއަށް ބާރުލިބޭ އެމްއޭސީއެލްގެ ބޯޑުގެ ނިންމުމެއްވެސް އަދި ރިޒޮލިއުޝަނެއްވެސް ނެތް ކަމަށެވެ.