އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސް އަބްދުލް ސަލާމް އާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އަބްދުއް ސަލާމް އާއި ތޯހާ އިސްތިއުފާ ދެއްވީ އެ ދެ ބޭފުުޅުން މަގާމުން ވަކިކުރުމަށް މަޖިލީހުގައި މިއަދު ވޯޓު ނަގަން ތާވަލްކޮށްފައި ވަނިކޮށެވެ.
އެ ދެ ބޭފުޅުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލައިގައި އެ ދެ މެންބަރުންނަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ.
އަބްދުއްސަލާމް އާއި ތޯހާގެ މައްސަލަ ދިރާސާކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމިި ގޮތުގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހަޅުއްވަމުން ކޮމިޓީގެ މުގައްރިރު އަދި ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ރިޒާ ވިދާޅުވީ އަބްދުއްސަލާމް އާއި ތޯހާގެ މައްސަލަ ދިރާސާކުރުމުން ގާނޫނާ ހިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.
އެ ގޮތުން ކުރީގެ ބަންޑާރަނައިބެއްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ދައުވާ ކުރެވޭ ވަރަށް ހެކި ހުރި ނަމަވެސް އޭނާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައި މައްސަލަ ފައިލްކުރުމުގައި އަބްދުއްސަލާމް އިސް ދައުރެއް އަދާކޮށްފައިވާ ކަމަށް ކޮމިޓީ ރިޕޯޓްގައި ތުހުމަތުކޮށްފައިވެ އެވެ.
ބިންވެރިޔާ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޕްރިލިމިނަރީ އިންވެސްޓިގޭޝަނުން ސަޖެސްޓްކޮށްފައި ވަނިކޮށް، އިންވެސްޓިގޭޝަން އޯވާސީ ކުރާ އިސްފަރާތުގެ ހައިސިއްޔަތުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުރުސަތު ނުދީ މައްސަލަ ހުއްޓުވާފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
އަބްދުއްސަލާމަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ބިންވެރިޔާ މައްސަލަ ހުއްޓުވައި ބާއްވާފައިވަނީ ރިޔާސީ އިންތިހާބާ ގުޅިގެން ވަކި ސިޔާސީ ޕާޓީއަކަށް ގެއްލުންތަކެއް ކުރިމަތިވެދާނެތީ ކަމަށް ބުނެފައިވެ އެވެ. އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ފޯނު ހިފެހެއްޓުމުގެ އަމުރު ހޯދަން އުޅުމުގައި ލަސްކޮށް ހެކި ނައްތާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.
އޭސީސީގެ އޮނިގަނޑު އިސްލާހުކޮށް ފޮރެންސިކް ސެކްޝަން ހަދައި އެތަނުގެ ހެޑަކަށް އަބްދުއްސަލާމް އާއި ކޮމިޝަންގެ އެހެން މެންބަރަކާ ގާތް ގުޅުމެއް އޮންނަ މުވައްޒަފަކުލި ތުހުމަތުކޮށްފައިވެ އެވެ.
މައްސަލަތައް އެޖެންޑާކުރުމުގައިވެސް އަބްދުއްސަލާމް އިސްކަން ދެނީ އަމިއްލަ މަސްލަހަތަށްކަމާއި މި ގޮތުން މައްސަލަތައް އެޖެންޑާކުރަމުން ގޮސްފައިވަނީ އެއްވެސް ތަރުތީބަކަށް ބެލުމެއް ނެތި ކަމަށް ކޮމިޓީ ރިޕޯޓްގައިވެ އެވެ.
ކޮމިޓީ ރިޕޯޓްގައި އޭސީސީގެ މެންބަރު ތޯހާގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ކުރީގެ ބަންޑާރަނައިބެއްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ދައުވާ ކުރެވޭ ވަރަށް ހެކި ހުރި ނަމަވެސް އޭނާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައި މައްސަލަ ފައިލްކުރުމުގައި އިސް ދައުރެއް އަދާކޮށްފައިވުން ހިމެނެ އެވެ.
އޭސީސީގެ މެންބަރުންނަކީ ކޮމިޝަންގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ ބަޔަކަށް ވެގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ލޯފާމްއެއްގެ ވެބްސައިޓްގައި އެ ލޯފާމްގެ އެޓާނީންގެ ތެރޭގައި ތޯހާ ހިމަނާފައިވާ ކަމަށް ކޮމިޓީ ރިޕޯޓްގައިވެ އެވެ.