ހަބަރު

މަޖިލީހަށް ފޮނުވި ރިޕޯޓްގައި ސިއްރު މައުލޫމާތެއް ނުވާނެ: އޭސީސީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮންނަ ހުޅުލޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަދާ ސީޕްލޭން ޓާމިނަލް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ދޫކޮށްލަން އުޅޭ މައްސަލާގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި ރިޕޯޓް ސިއްރު ކުރުމުގެ ނިޔަތެއް ނެތް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސީޕްލޭން ޓާމިނަލްގެ މައްސަލާގައި އޭސީސީން އެކުލަވާލި ރިޕޯޓް، ސިއްރު ރިޕޯޓެއްގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ލިބިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެ ރިޕޯޓް ހާމަ ކުރުމަށް އޭސީސީއަށް ދިޔައީ ގޮވާލަމުންނެވެ. އެހެންވެ، އޭސީސީގެ އިންފޮމޭޝަން އޮފިސަރު ހަސަން މަނިކާ އެކަމާ ގުޅޭ ގޮތުން އަވަސްއިން ސުވާލު ކުރުމުން ވިދާޅުވީ، އޭސީސީއިން މަޖިލީހަށް ފޮނުވާފައިވާ ރިޕޯޓަކީ ތަހުގީގު ފުރަތަމަ މަރުހަލާގައި ފާހަގަވި ކަންކަން ބަޔާންކޮށްފައިވާ ރިޕޯޓެއް ކަމަށެވެ.

އެ ރިޕޯޓްގައި ސިއްރު ޖަހާފައި ފޮނުވީ، އޭގައި ހިމެނޭ މައުލޫމާތުތައް އެހެން ފަރާތަކުން އާންމު ކުރުމުގެ ފުރުސަތު ނުދޭން ކަމަށެވެ. ރިޕޯޓް، މަޖިލީހުގެ އިތުރުން އެމްއޭސިއެލްއަށް ވެސް ފޮނުވި އެވެ. ހަސަން ވިދާޅުވި ގޮތުގައި އޭސީސީގެ މަގުސަދަކަށްވީ ހުދު އޭސީސީއިން ތަހުގީގުގައި ފާހަގަވި ކަންކަން ހާމަކުރުން ކަމަށެވެ.

އެ ރިޕޯޓް، ސިއްރު ޖަހާފައި ހިއްސާ ކުރުމަށްފަހު އޭސީސީއިން ވަނީ އޭގައިވާ މައުލޫމާތުތައް ޕްރެސް ސްޓޭޓްމެންޓެއްގެ ގޮތުގައި ހާމަކޮށްފަ އެވެ. އެހެންކަމުން ރިޕޯޓްގައި ސިއްރު ކޮށްފައިވާ މައުލޫމާތެއް ނުހުންނާނެކަން ހަސަން ފާހަގަ ކުރެއްވި އެވެ.

މަޖިލީހުގެ ތަޅުމުގައި ވެސް އަދި ކޮމިޓީގައި ވެސް އެ ރިޕޯޓް ބޭނުން ކޮށްފައިވަނީ ސިއްރު ރިޕޯޓެއްގެ ގޮތުގަ އެވެ. ދައުލަތުގެ އެއް އިދާރާއިން އަނެއް އިދާރާއަށް ސިއްރު ޖަހާފައިވާ ލިޔުމެއް، އެ ފޮނުވާ އިދާރާއިން އެހެން ގޮތަކަށް އަންގާ ލިޔުން ނުފޮނުވާހާ ހިނދަކު ބަލާނީ ސިއްރު ލިޔުމެއްގެ ގޮތުގަ އެވެ. އެ ރިޕޯޓަކީ ސިއްރު ރިޕޯޓެއް ނޫން ކަމަށް ބުނެ އަދި އޭސީސީއިން މަޖިލީހަށް ލިޔުމެއް ނުފޮނުވަ އެވެ.

ސީޕްލޭން ޓާމިނަލް ކުއްްޔަށް ދޫކުރުމުގައި ވަކި އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ފަށާފައިވާ ކަމަށް އޭސީސީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލް އިން ބޮޑު ޖާގައެއް ދޭން ނިންމާފަ އެވެ.

ނަމަވެސް މާލިއްޔަތު ކޮމެޓީގައި އެ ކުންފުނީގެ ސީއީއޯ އެމްޔޫއެމް ފައުޒީ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން 19،000 އަކަ މީޓަރުގެ ބިމުގެ ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އެހެން ކަމުން އެގޮތަށް އަމަލުކޮށް ދިނުމަށެވެ. އެހެނަސް، އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެފައިވަނީ ޓީއެމްއޭ އިން އެ ބުނާ ސިޓީއަށް ބާރުލިބޭ އެމްއޭސީއެލްގެ ބޯޑުގެ ނިންމުމެއްވެސް އަދި ރިޒޮލިއުޝަނެއްވެސް ނެތް ކަމަށެވެ.