ފައިނަލުގައި ސުޕަ ޔުނައިޓަޑް ސްޕޯޓްްސް (ސަސްޕަޓީގެ) މައްޗަށް 3-1 ނަތީޖާ އަކުން ކާމިޔާބު ހޯދައި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ކުލަބު ވެލެންސިއާ ހޯދައިފި އެވެ.
ފައިނަލު މެޗަށް ނުކުތުމުގެ ކުރިންވެސް މި ދެ ޓީމު ވަނީ، އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައި ވެފަ އެވެ. ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވާ ނިއު ރޭޑިއަންޓާއި ވިކްޓަރީ ވަނީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވެފަ އެވެ.
މިރޭ ކުޅުނު މެޗުގައި، ފުރަތަމަ ލީޑް ނެގީ ސަސްޕަޓީސް އިންނެވެ. އެ ޓީމުގެ ލަނޑު އާދަމް ނިޒާމް ކާމިޔާބު ކުރީ ވެލެންސިއާގެ ކުޅުންތެރިންނަށް ހެދުނު މިސްޓޭކެއްގަ އެވެ. އެ ލަނޑު ނިޒާމް ކާމިޔާބު ކުރީ މެޗުގެ 27 ވަނަ މިނެޓްގަ އެވެ.
ވެލެންސިއާއިން ނަތީޖާ ހަމަހަމަ ކުރީ 38 ވަނަ މިނެޓްގައި އައިރީ ސެމިއުލް ކާމިޔާބު ކުރި ލަނޑުންނެވެ. ވެލެންސިއާއަށް ލިޑް ނަގައިދިނީ ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓްގައި އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު 89 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސެމިއުލް އެވެ.
ދެ ވަނަ ޑިވިޝަންގައި ވެލެންސިއާ އަށް އިރުޝާދު ދިނީ، އެ ޓީމުގެ ލެޖެންޑް އިސްމާއީލް އާސިފް (ކުޑަހީނާ) އެވެ. އެ ތައްޓަކީ އޭނާ އިސްވެ ހުރެ އެ ކުލަބަށް ހޯދައިދިން ދެ ވަނަ ތައްޓެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން ވެލެންސިއާ ވަނީ 2016 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަންވެސް ހޯދާފަ އެވެ.
ދެވަނަ ޑިވިޝަންގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސަސްޕަޓީސްގެ އާދަމް ނިޒާމް އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ވެލެންސިއާގެ މުހައްމަދު ޖަޒްލާން އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ މަހިބަދޫ ސްޕޯޓްސް ކުލަބެވެ.