އެފްއޭއެމް

އެފްއޭއެމްގެ އިންތިހާބު: ވެލެންސިއާގެ ތާއީދު ސިޓީ ބާތިލްކޮށްފި

އެފްއޭއެމްގެ އިންތިހާބުގައި އެ އިދާރާގެ ރައީސް ކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަށް ތާއީދުކޮށް ވެލެންސިއާ އިން ދީފައިވާ އެއްވެސް ސިޓީއެއް ބަލައިނުގަތުމަށް އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީން ނިންމުމާ އެކު އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅި އެއް ކެންޑިޑޭޓް -- އަހްމަދު ތޯރިގު (ޓޮމް)އަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ތިން ޓީމެއްގެ ތާއީދު ސިޓީ ކޮންމެ ކެންޑިޑޭޓަކުވެސް ހުށަހަޅަންޖެހެ އެވެ.

އިންތިހާބުގައި ވާދަކުރަން ތޯރިގު ހުށަހަޅާފައިވަނީ ވެލެންސިއާގެ ސިޓީއާ އެކު ތިން ސިޓީ އެވެ. ވެލެންސިއާގެ ސިޓީ ބަލައިނުގަތުމުން ތޯރިގު އަތުގައި މިހާރު އޮތީ ދެ ސިޓީ އެވެ. އެއީ ޓީސީ އާއި މާޒިޔާގެ ސިޓީ އެވެ. އެހެންވެ އޭނާއަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.

ތޯރިގުއާ ވާދަކުރަން ފޯމު ހުށަހެޅި ހަމައެކަނި ކެންޑިޑޭޓް ކްލަބް އީގަލްސްގެ ވައިސް ޗެއާމަން -- މުފާވިޒް ހާޝިމް (މުފާ)ގެ އަތުގައި ވެލެންސިއާގެ ސިޓީއާ އެކު ޖުމްލަ ހަ ސިޓީ އޮތެވެ. އެހެންކަމުން ވެލެންސިއާގެ ސިޓީ ބަލައިނުގަތުމަށް އިލެކްޓޯރަލް ކޮމިޓީން ނިންމި ނަމަވެސް މުފާގެ ކެންޑިޑެސީ ބާތިލެއް ނުވެ އެވެ. މުފާއަށް ތާއީދު ސިޓީ ދީފައިވަނީ އީގަލްސް، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)، ކްލަބް ގްރީން ސްޓްރީޓްސް، ބުރު ސްޕޯޓްސް ކްލަބް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

ވެލެންސިއާގެ ސިޓީއާ މެދު އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން މިއަދު ގޮތެއް ނިންމީ އެ ސިޓީއާ މެދު އަމަލުކުރާނެ ގޮތުގެ ލަފާ އޭއެފްސީ އިން ހޯދުމަށްފަހު އެވެ.

ވެލެންސިއާގެ ތާއީދު ސިޓީ ތޯރިގަށް ދީފައިވަނީ އެ ކުލަބްގެ ޗެއާމަން އަބްދުﷲ އަޒްމީން ސޮއި ކުރެއްވުމަށްފަހު އެވެ. މުފާއަށް ވެލެންސިއާގެ ސިޓީ ދީފައިވަނީ ވެލެންސިއާގެ ވައިސް ޗެއާމަން އިލްމާއު ހުސައިން (މައު) ސޮއިކުރައްވާފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ނުފޫޒު އޮންނަ ވެލެންސިއާގެ ބޯޑު މެންބަރުން ދެބައިވެފައިވާއިރު އަޒްމީނާ އެކު ބޯޑުގައި ތިބި މެންބަރުން ބުނާ ގޮތުގައި މުފާއަށް ތާއީދުކޮށް ވެލެންސިއާ އިން މުފާއަށް ސިޓީއެއް ދިނީ އަޒްމީންގެ ސޮއި ފޯޖުކޮށްގެންނެވެ. ބޯޑުގައި ތިބި އަޒްމީނާ ދެކޮޅު މެންބަރުން ބުނާ ގޮތުގައި ވެލެންސިއާގެ ތާއީދު ސިޓީ ތޯރިގުއަށް ދިން ބަޔަކު ދީފައިވަނީ ބޯޑަށް ނޭނގި ސިއްރުންނެވެ.

އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީގެ ނިންމުން ތޯރިގު ބަލައިނުގަންނަނަމަ އެ ނިންމުން އިސްތިއުނާފް ކުރުމަށް މިއަދުން ފެށިގެން އޭނާއަށް ދެ ދުވަސް ލިބޭނެ އެވެ. އިސްތިއުނާފް ހުށަހަޅާތާ ތިން ދުވަސް ތެރޭގައި ގޮތެއްވެސް ނިންމަންޖެހެ އެވެ.

ތޯރިގު ހުށަހަޅާ އިސްތިއުނާފް މައްސަލަ އޭނާއާ ދެކޮޅަށް ނިމިއްޖެނަމަ އެފްއޭއެމްގެ އިންތިހާބުގައި މުފާ ހުށަހަޅާފައިވާ ޓީމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގާނެ އެވެ.

އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް އެ އިދާރާ އިން ނިންމާފައިވަނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.

ނަމަވެސް އެފްއޭއެމްގައި ހުރި މައްސަލަތަކަކާއި މިހާރު ފެންމަތިވެގެން އުޅޭ ވެލެންސިއާގެ ޗެއާމަންގެ މައްސަލައިގައި ގޮތްތަތަކެއް ނިންމަންދެން އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ވަނީ އެފްއޭއެމް އަށް އަންގާފަ އެވެ. އަދި މިއަދު އެފްއޭއެމް އަށް ފޮނުވި ސިޓީއެއްގައި ކޮމިޝަނަރު ވަނީ އެ އޮފީހަށް ލިބިފައިވާ ލިޔުންތަކަށް ބަލާއިރު ވެލެންސިއާގެ ޗެއާމަނަކީ އަޒްމީން ކަމަށް އަންގަވާފަ އެވެ. ކޮމިޝަނަރު ވިދާޅުވި ގޮތުގައި އަޒްމީން ވަކިކުރި ކަމަށް ބެލެވެންނެތީ ކްލަބް ވެލެންސިއާގެ އަސާސީ ގަވައިދާ އެއްގޮތަށް އެކަމުގައި އަމަލުކޮށްފައި ނުވާތީ ކަމަށެވެ.