ވެލެންސިއާ

ވެލެންސިއާގެ ޗެއާމަންގެ މަގާމުން އަޒްމީން ދުރުކޮށްފި

ކުލަބް ވެލެންސިއާގެ ޗެއާމަންގެ މަގާމުން ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީން ދުރުކޮށްފި އެވެ.

ވެލެންސިއާގެ ޗެއާމަންގެ މަގާމުން އަޒްމީން ދުރުކޮށްފައި މިވަނީ އެފްއޭއެމްގެ އިންތިހާބާ ދިމާކޮށް ވެލެންސިއާގެ ބޯޑު މެންބަރުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައި ވަނިކޮށެވެ.

ވެލެންސިއާގެ ބޯޑުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އަޒްމީނާ ދެކޮޅަށް މަސައްކަތް ކުރާ ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ އަޒްމީން ޗެއާމަން ކަމުން ވަކިކުރީ ބޯޑުގައި ތިބި މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ. ޗެއާމަން ކަމުން އަޒްމީން ވަކިކޮށް އޭނާ އަށާއި އެފްއޭއެމްއަށް އެކަން މިހާރު އަންގާފައިވާ ކަމަށްވެސް ބުންޏެވެ.

ވެލެންސިއާގެ ބޯޑު މެންބަރުންގެ މެދުގައި ހުރި ހިޔާލުތަފާތުވުންތައް އިތުރަށް ގޯސްވީ އެފްއޭއެމްގެ އިންތިހާބުގައި އެ އިދާރާގެ ރައީސް ކަމަށް ވާދަކުރާ ދެ ކެންޑިޑޭޓުން ކަމަށްވާ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑް އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ތޯރިގު (ޓޮމް) އާއި މުފާވިޒް ހާޝިމް (މުފާ) އަށްވެސް ތާއީދުކުރާކަން ހާމަކޮށް ދެ ބޭފުޅުންނަށްވެސް ވެލެންސިއާ އިން ތާއީދު ސިޓީ ދޫކުރި ހިސާބުންނެވެ.

ވެލެންސިއާގެ ބޯޑު މެންބަރުން ދެބައިވެފައިވާއިރު އަޒްމީނާ އެކު ބޯޑުގައި ތިބި މެންބަރުން ބުނާ ގޮތުގައި މުފާއަށް ތާއީދުކޮށް ވެލެންސިއާ އިން މުފާއަށް ސިޓީއެއް ދިނީ އަޒްމީންގެ ސޮއި ފޯޖުކޮށްގެންނެވެ. ބޯޑުގައި ތިބި އަޒްމީނާ ދެކޮޅު މެންބަރުން ބުނާ ގޮތުގައި ވެލެންސިއާގެ ތާއީދު ސިޓީ ތޯރިގުއަށް ދިން ބަޔަކު ދީފައިވަނީ ބޯޑަށް ނޭނގި ސިއްރުންނެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ބާރު އޮތް ކަމަށް ބުނާ ވެލެންސިއާގެ ބޯޑުގައި ތިބޭ ބައެއް މެންބަރުން ވަނީ އަޒްމީން، ތޯރިގު އަތުން ފައިސާ ނެގި ކަމަށްވެސް ތުހުމަތުކޮށްފަ އެވެ.

އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންނަށް ވެލެންސިއާ އިން ތާއީދުކުރާކަން ހާމަކޮށް ސިޓީއެއް ދީފައިވަނިކޮށް ވެލެންސިއާގެ ޗެއާމަންގެ މަގާމުން އަޒްމީން އިސްތިއުފާ ދީފައިވާ ކަމަށް ބުނާ ސިޓީއެއް އެފްއޭއެމް އިން އޭއެފްސީއަށް ފޮނުވި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

އަޒްމީންގެ ސޮއި ފޯޖުކޮށްފައިވާ ކަމަށް ބުނެ ގެންގުޅޭ ސިޓީގެ މައްސަލަ ބަލައިދިނުމަށް އަޒްމީން ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. ފުލުހުން މިހާރު ވަނީ އެ މައްސަލައިގެ ތަހުގީގު ފަށާފަ އެވެ.

ތޯރިގާއި މުފާއަށް ވެސް ވެލެންސިއާ އިން ތާއީދުކޮށް ސިޓީއެއް ދީފައިވާތީ އެފްއޭއެމް އިން ވަނީ މިމައްސަލައިގައި އަމަލުކުރާނެ ގޮތުގެ ގާނޫނީ ލަފައެއް ދިނުމަށް ފީފާ އަދި އޭއެފްސީގައި އެދިފަ އެވެ.

އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް އެ އިދާރާ އިން މަސައްކަތް ކުރަމުންދާއިރު ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ވަނީ އިންތިހާބު މަޑުޖައްސާލުމަށް އަންގަވާފަ އެވެ.