ކޮވިޑްއާ ގުޅިގެން ރާއްޖޭގައި ވަރަށް ގިނަ ތަކެތީގެ ޑިމާންޑް މަތިވެފައި ވެސް ވެއެވެ. މީގެތެރެއިން އެއް ބާވަތަކީ ކޮތަޅެވެ. ކޮވިޑް-19 އާއެކު ކުނި ރައްކާތެރިކޮށް ބަންދު ކުރަން ވެމްކޯ އިން ދަނީ ކުނި އުކަން ދެ ކޮތަޅެއް ބޭނުން ކުރަމުންނެވެ. އަދި ގޭގެ އަށް ގެންދާ ކޮތަޅުގައި ކޮވިޑް ވައިރަސް ހުރެދާނެ ކަމަށް ބަލައި ގިނަ ބަޔަކު ދަނީ މުދާ ގެއަށް ގެންދިއުމަށް ފަހު ކޮތަޅުތައް އުކާލަމުންނެވެ. އޭގެ ނަތީޖާއަކީ ރާއްޖެއަށް ބޭނުންވާ ވަރަށް ކޮތަޅު ނުލިބި ދާނެ ކަމުގެ ބިރެއް ތުމެވެ. މިހެން އޮއްވައި، ކަސްޓަމުން ބުނެފައިވަނީ ކުނި ބަންދު ކުރާ ކޮތަޅުން ޑިއުޓީ ކަނޑާލަން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ބަޔޯޑިގްރޭޑަބަލް ކޮތަޅު ބަންދު ކުރުމުގެ މަސައްކަތް 2006 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކުރަމުން ގެންދެ އެވެ. މި މަސައްކަތް ކުރަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ލިސާ މޯލްޑިވްސް އިންނެވެ. ދެހާސް ހަވަނަ އަހަރުން ފެށިގެން ލަގްޒަރީ ފަދަ ފިހާރަތަކުން ވިއްކަނީ އެ ކުންފުނިން ތައްޔާރު ކޮށްފައިވާ ކޮތަޅެވެ.
އެ ކުންފުނިން ދަނީ ރާއްޖެއަށް ފުދޭ ވަރަކަށްވުރެ ވެސް ގިނައިން ކޮތަޅު އުފައްދަމުންނެވެ. އެ ކުންފުނިން މިކަން ކުރަމުން ގެންދަނީ ކެނެޑާގެ އީޕީއާއި ރާއްޖޭގެ އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީން އެޕްރޫވަލް ލިބިގެންނެވެ. އެ ކުންފުންޏަކީ ކެނެޑާގެ އީޕީއޭ އިން ބަޔޯޑީގްރޭޑަބްލް ކޮތަޅު އުފައްދަން ރާއްޖެއިން ހުއްދަ ލިބިފައިވާ ހަމައެކަނި ކުންފުންޏެވެ. ލިސާ މޯލްޑިވްސް އިން ބުނީ ރާއްޖޭގެ ބާޒާރުގައި ކޮތަޅަށް ނުޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން މިދޭ ޔަގީން ކަމަކީ ރާއްޖެއަށް ފުދިފައި ބާކީ ވާ ވަރަށް ވެސް ކޮތަޅު އުފެއްދޭނެކަން. އެކަން މިހާރު ވެސް މި ދަނީ ކުރަމުން،" ލިސާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަހީމް ވިދާޅުވި އެވެ.
އެ ކުންފުނިން ހަތަރު ސައިޒެއްގެ ކޮތަޅު އުފައްދާއިރު ދުވާލެއްގެ މައްޗަށް 1.4 މިލިއަން ޑަސްބިން ކޮތަޅު އުފައްދަ އެވެ. ނަމަވެސް ރާއްޖެއަށް ބޭނުންވަނީ ގާތްގަނޑަކަށް 500،000 ކޮތަޅެވެ. އަދި ގޭގައި ބޭނުންކުރާ ޑަސްބިނަށް ލެވޭ ވަރު ސައިޒުގެ 40،000 ކޮތަޅު އުފައްދަ އެވެ.
"ޔަގީންކަން ދެން އަވަށްޓެރި ސްރީލަންކާގައި މިކަން ކުރާ ވަރަށްވުރެ ވެސް ރަނގަޅަށް މިކަން ކުރެވޭނެކަން. އަޅުގަނޑުމެންގެ އަތުގައި ހުރި މެޝިނަރީއަށް ބަލާއިރު، ކެޕޭސިޓީ އަދިވެސް އިތުރު ކުރެވޭނެ،" ޝަހީމް ވިދާޅުވި އެވެ. "މި ވަރަށް އުފައްދާއިރު ވެސް ފެކްޓަރީން އުކާލާ އެއްވެސް އެއްޗެއް ނުހުންނާނެ. ކޮތަޅު ކަފާފައި ބާކީ އޮންނަ ތަކެތިން ރީސައިކަލްކޮށްގެން އުފައްދަން."
އިޖުތިމާއީ ޒިންމާގައި ނަމޫނާއެއް
ލިސާ މޯލްޑިވްސް އަކީ އިޖުތިމާއީ ޒިންމާއަށް އިސްކަން ދޭ ކުންފުންޏެވެ. އެ ކުންފުނީގައި 40 މުވައްޒަފުން މަސައްކަތް ކުރާއިރު، މި ހާލަތުގައި ވެސް އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިކޮށްފައެއް ނުވެ އެވެ. އަދި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ބޭނުންވާނެ ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓް (ޕީޕީއީ) އެއްވެސް އެ ކުންފުނިން ވަނީ އުފައްދާފަ އެވެ،
"ހުޅުމާލެ ހޮސްޕިޓަލުގައި މިހާރުވެސް މި ޕީޕީއީ ބޭނުން ކުރަމުން ގެންދޭ. މީގެ އިތުރުން ވެސް ކޮތަޅު ފޯރު ކޮށްދެމުން މި ގެންދަނީ ހުޅުމާލެ، އަދި ޓްރީޓޮޕް ހޮސްޕިޓަލަށް ހާއްސަ އަގެއްގައި ބޭގް ހަދިޔާ ކުރަމުން މި ގެންދަނީ. ވެމްކޯ މެދުވެރިކޮށް އާއްމުންނަށް ކޮތަޅު ފޯރުކޮށް ދޭން ވެސް ވާނީ ފަށާފަ،" އޭނާ ވިދާޅުވި އެވެ.
މި ހާލަތުގައި ވެސް ނަމޫނާއެއް
ކޮވިޑް-19 އާ ގުޅިގެން ގިނަ ކުންފުނިތަކުން ދަނީ މުވައްޒަފުން ވަޒިފާއިން ވަކި ކުރަމުންނެވެ. ނަމަވެސް ލީސާ މޯލްޑިވްސްގެ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިކޮށްފައެއް ނުވެ އެވެ. ބަރާބަރަަށް މުސާރަ ދެ އެވެ.
"މިދިޔަ މަހުގެ ވެސް އެއްކެއްގައި، މި މަހުގެވެސް އެއްވަނަ ދުވަހު މުސާރަ ވެސް ވާނީ ދީފަ. ބަލަނީ މުވައްޒަފުންނަށް ރަނގަޅަށް ކަންތައް ކުރަން. މާލޭގައި ކޮވިޑް-19 އުޅޭތީ މުވައްޒަފުން މިހާރު ބޭރަކަށް ނުދާނެ. ކޮތަޅު ބޭނުންވާ މީހުން އޯޑަރު ދީފަ، އޮންލައިންކޮށް ޕޭ ކުރީމަ ބޭރަށް މުދާ ނެރެދޭނެ،" ޝަހީމް ވިދާޅުވި އެވެ.