ވިޔަފާރި

ރޯދަ މަހަށް މިފްކޯގެ އުފެއްދުންތައް ދުރާލާ ފޯރުކޮށް ދެނީ

Feb 27, 2020

ރޯދަ މަހަށް މިފްކޯގެ އުފެއްދުންތައް ދުރާލާ ރާއްޖޭގެ ބޮޑެތި އާބާދީ ތަކަށް ފޯރުކޮށްދޭން އެ ކުންފުނިން ތައްޔާރު ވެއްޖެ އެވެ.

އަވަސްއާ ވާހަކަ ދެއްކި މިފްކޯގެ ސީނިއަ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ މި އަހަރުގެ އަމާޒަކީ މަސް ދަޅު ފަދަ ބާވަތްތައް ރައްޔިތުންނާ ހަމައަށް ފަސޭހަ އިން ލިބޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުން ކަމަށެވެ. އެހެންވެ އެކަމަށް ފުރާލާ ތައްޔާރުވުމުގެ ގޮތުން ރޯދަ ޕްރޮމޯޝަން އަންނަ މަހުގެ އެއް ވަނަ ދުވަހު ފަށާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕްލޭންއަކީ މިފްކޯގެ އުޅަނދު ފަހަރުން ދަޅު މަސް ގެންގޮސް ބޮޑެތި އާބާދީ ތަކަށް ފޯރުކޮށް ދިނުން. އޭރުން ހޯލް ސޭލްކޮށް ގަންނަ މީހުންނަށް އަގު ހެޔޮކޮށް ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

ރޯދަ މަހު އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއް ބާވަތް ކަމަށްވާ ދަޅު މަސް އާއްމު ގޮތެއްގައި ރަށްރަށުން ލިބެނީ ކޭހެއް 650ރ. އަށެވެ. ނަމަވެސް މިފްކޯއިން ބަނދަރާ ހަމައަށް ދަޅު މަސް ގެންގޮސް ދިނުމުން ކޭހެއް 620ރ. އަށް ލިބިގެންދާނެ އެވެ. އަދި ރޯދަ މަހު މުޅި ރާއްޖެއަށް ވާ ވަރަށް ދަޅު މަސް ސްޓޮކް ތައްޔާރު ކުރަމުގެ މަސައްކަތް ވެސް އެ ކުންފުން ދަނީ ކުރަމުންނެވެ.

"ދަޅު މަސް އަގު ބޮޑު ވަނީ ނާލު ހިމެނީމަ. އެހެންވީމަ އަޅުގަނޑުމެން ފޯރުކޮށް ދިނީމަ އަގު ހެޔޮކޮށް ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

މިފްކޯ އިން އަންނަ މަހުގެ ތިން ވަނަ ދުވަހު ފަށާ ރޯދަ ޕްރޮމޯޝަންގައި ހާއްސަ އިނާމުތަކެއް ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.