ރޯދަ މަސް

ރޯދަ މަހު ދަޅުމަހަކަށް ނުޖެހޭނެ: މިފްކޯ

މި އަހަރުގެ ރޯދަ މަހު ރައްޔިތުނަށް ބޭނުންވާ ވަރަށް ދަޅު މަސް ލިބެން ހުންނާނެ ކަމަށާއި ދަޅު މަހަށް ޖެހިހެން އެއްވެސް މައްސަލައެއް މިފަހަރު ދިމާ ނުވާނެ ކަމަށް މަސް ކުންފުނި، ކުންފުނިން ބުނެފި އެވެ.

މިފްކޯ އިން ވާހަކަ ދެއްކެވި ސީނިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މި އަހަރުގެ ރޯދަ މަހަށް އެ ކުންފުނިން ފުރިހަމައަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

"ރޯދަ މަހު ބާޒާރަށް ބޭނުންވާ ވަރަށް ދަޅު މަސް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް،" އޮފިޝަލް ވިދާޅުވި އެވެ.

ރޯދަ މަހަށް މިފްކޯ ތައްޔާރުވިއިރު އެ ކުންފުނީގެ ދަޅު މަސް ފަސޭހައިން ކެނޑޭނެ ގޮތަށް ދަޅު މަތީގައި ފުރަތަަމަ ފަހަރަށް ވަނީ ޕިން ހިމަނާފަ އެވެ. މިހާރު މިފްކޯގެ މަސް ދަޅު ވެސް ދަޅުކެނޑިއާ ނުލައި ބޭނުން ނުކޮށް ފަސޭހަ ކަމާއެކު ދަޅު ކަނޑާލެވޭނެ އެވެ.

ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާވާ މިފްކޯއަކީ ރާއްޖޭގައި އެންމެ ގިނައިން ދަޅު މަސް އުފައްދާ އެއް ކުންފުންޏެވެ. އެ ކުންފުނިން ދަނީ "ފަސްމީރު" ބްރޭންޑުގެ ނަމުގައި ދަޅު މަސް ވިއްކަމުންނެވެ. މި ބްރޭންޑުގައި ތެޔޮ މަހާއި ފެން މަސް ވިއްކަ އެވެ. އަދި މީގެ އިތުރުން ވެސް ސޯސް އަޅައިގެން ވެސް ދަޅު މަސް ވިއްކަ އެވެ.