ހަބަރު

ދިވެހިންނަށް ވިސާއާ ނުލާ ޔޫރަޕަށް ދެވޭނެކަމުގެ އުއްމީދު

Mar 2, 2020
4

ދިވެހިންނަށް އެންމެ ފުރިހަމަ ކޮންސިޔުލާ ހިދުމަތެއް ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުން، ކައިރި މުސްތަގުބަލެއްގައި ވިސާ އާ ނުލާ ދިވެހިންނަށް ޔޫރަޕަށް ދަތުރުކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގެ އިތުރުން ޗެކް ރިޕަބްލިކް ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރެއް މިއަދު މާލޭގައި ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ޔޫރަޕަށް ދިޔުމަށްޓަކައި އަވަށްޓެރި ސްރީލަންކާގެ އިތުރުން އިންޑިއާ އަށް ދިވެހިން ދަތުރުކޮށް ވިސާ ނެގުމަށް އުފުލަންޖެހޭ ތަކުލީފާއި ކުރަންޖެހޭ ހަރަދު މިއަދު ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެންނަމުންދާ އިސްލާހީ ބަދަލުތައް ޔޫރަޕުގެ އިއްތިހާދުން ބަލައިގެންފައިވާ މިންވަރު މިއަދު ސާފުކޮށް ފެނިފައިވާ ކަމަށެވެ.

އަދި މި ތާރީހީ ފެށުމުގެ މަންފާ ދިވެހިންނަށް ވަރަށް ފުރިހަމަ ގޮތުގައި ކުރާނެ ކަމަށާއި، ވީއެފްއެސް ގްލޯބަލްއާއެކު ވިސާ ނެގުމުގެ ވަރަށް ޒަމާނީ އަދި ފުރިހަމަ ހިދުމަތެއް ލިބިގެންދާނެކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ.

"މިއަދު މިއީ ވަރަށް ތާރީހީ ދުވަހެއް. މިއީ ހަގީގަތުގައިވެސް ދިވެހިން ވަރަށް ބޮޑަށް އެދި އެދި ތިބި ކަމެއް. ހަމަ ޔަގީނުންވެސް، ޔޫރަޕަށް ދަތުރުކުރަން ދިވެހިން އުފުލަންޖެހޭ ތަކުލީފާއި ހޭދަވާ ވަގުތާއި، ކުރަންޖެހޭ އިތުރު ހަރަދު ނިމުމަކަށް މި އައީ،" އެ ސެންޓަރު ހުޅުވުމުގައި ޖަރުމަނު ސަރުކާރުގެ އެހީތެރިކަމަށާއި، ހާއްސަކޮށް ޖަރުމަނު ސަފީރު ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވަމުން ޝާހިދު ވިދާޅުވި އެވެ.

މިއަދު ފޮރިން މިނިސްޓްރީ ހިންގާ ވަގުތީ އިމާރާތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުއްވައި ދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ޖަރުމަނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރޯޑްސް އާއި ޗެކް ރިޕަބްލިކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މީލާން ހޮވަރުކާ އެވެ.

ޔޫރަޕްގެ ގައުމުތަކަށް ދަތުރު ކުރަން ސީދާ ރާއްޖޭން ވިސާ ނަގަން މިހާރު ދާން ޖެހެނީ އިންޑިއާގެ ނިއު ދިއްލީއަށް ނުވަތަ ސްރީލަންކާގެ ކޮލޮމްބޯއަށެވެ. އެހެންކަމުން ޖަރުމަނަށާއި ޔޫރަޕްގެ އެހެން ގައުމުތަކަށް ދާން ވިސާ ހޯދުމަށްޓަކައި ދިވެހިންނަށް އިތުރު ހަރަދާއި ވަގުތު ހޭދަ ކުރަން ޖެހެ އެވެ.

އެ މައްސަލައަށް ހައްލެއް ހޯދުމަށް ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ވިސާގެ ހިދުމަތް ފޯރުކޮށްދޭ ވީ.އެފް.އެސް ގްލޯބަލްއާއެކު ދިވެހި ސަރުކާރުން މަޝްވަރާތައް ފެށީ މިދިޔަ އަހަރުގެ ތެރޭގައި އެވެ.