ހަބަރު

ރާއްޖެ-އީޔޫ ޕޮލިސީ ޑައިލޮގް ބާއްވައިިފި

Nov 23, 2020

ދިވެހިރާއްޖެއާ ޔޫރަޕިއަން ޔޫނިއަންއާއެކު ބާއްވާ ޕޮލިސީ ޑައިލޮގްގެ ފަސް ވަނަ ބައްދަލުވުން މިއަދު ބާއްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އަހަރުގެ ޕޮލިސީ ޑައިލޮގް ވާޗުއަލްކޮށް މިއަދު ބާއްވާފައިވާއިރު ޑައިލޮގްގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން ކަމަށެވެ. އަދި މަސްވެރިކަމާ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާއި ތަރައްގީގެ ދާއިރާގައި ގުޅިގެން މަސައްކަތް ކުރުމާއި ވިޔަފާރި އާއި އިންވެސްޓްމަންޓްތަކުގެ އިތުރުން މާލީ ދާއިރާ އާއި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކާއި ސަލާމަތީ އެއްބާރުލުން އަދި ޝެންގެން ވިސާ އާއި ބެހޭ ގޮތުންވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ޕޮލިސީ ޑައިލޮގްގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. އެ ބައްދަލްވުމުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އީޔޫގެ ވަފުދުގައި އިސްކޮށް ހުންނެވީ ޔޫރަޕިއަން ޔޫނިއަންއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއެވެ.

ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އެކި ދާއިރާތަކުން ހަރުދަނާ ގޮތެއްގައި މަޝްވަރާކޮށް ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ބާއްވާ މި ޑައިލޮގަކީ އަހަރު އެއް ފަހަރު ބާއްވާ މަޝްވަރާތަކެކެވެ. މި ޑައިލޮގްގެ އިތުރުން ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން އާ ދެމެދު ސީނިއާ އޮފިޝަލުންގެ ބައްދަލުވުމެއް އަހަރަކު އެއް ފަހަރު ބޭއްވުމަށް ނިންމައި ފުރަތަމަ ބައްދަލުވުން މިއަހަރު ފެބްރުއަރީ މަހު މާލޭގައި ވަނީ ބާއްވާފައެވެ.