ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ހުރިހާ ގައުމަކަށް ދަތުރުކުރެވޭ ވިސާ -- ޝެންގެން ވިސާ ހޯދުމަށް ލުއިތަކެއް ދިނުމަށް ރާއްޖެއިން އެދިއްޖެ އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ވޯލްޑް އެކްސްޕޯ 2030ގެ އިލެކްޓޯރަލް ކެމްޕެއިން ބިޑް ކޮމިޓީގެ ރައީސް އަދި އިޓަލީއަށް ނިސްބަތްވާ ގައެޓާނޯ ކަސްޓެލީނީ ކޫރިއެލް އަރިހުން މިކަމަށް އެދިވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.
މިނިސްޓަރު ޝާހިދު ގައެޓާނޯއާއި ބައްދަލުކުރައްވާފައި މިވަނީ ގައުމުތަކާއި ގުޅުން ބަދަހިކުރުމުގެ ގޮތުން ގައެޓާނޯ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިމަހުގެ ފަހަކުން ހަތަކަށް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރާއްޖޭއިން އެކްސްޕޯޓު ކުރާ މަހަށް އީޔޫގެ ގައުމުތަކުން ނަގާ ޓެރިފް ކުޑަ ކޮށްދިނުމަށްވެސް ޝާހިދު ވަނީ އެދިވަޑައިގެންފަ އެވެ.
މީގެ އިތުރުން މިނިސްޓަރު ޝާހިދު ވަނީ އީޔޫގެ ގައުމުތަކާއި ރާއްޖެއާއި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި މެދުވެސް މަޝްވަރާ ކުރައްވާފަ އެވެ. އަދި ހާއްސަކޮށް އިޓަލީ އާއި ރާއްޖެއާ ދެމެދު ގާތް ގުޅުމެއް އުފެއްދުމަށް ވަރަށް ހާއްސަ އިސްކަމެއް ދެއްވާ ކަމުގައި ވިދާޅުވި އެވެ.
ގައެޓާނޯ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުގެ ވަގުތެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތް ޝައުނާގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާ ވެސް ބައްދަލުކުރައްވާނެ އެވެ.
އީޔޫގެ ގައުމުތަކާއި ރާއްޖެއާއި ދެމެދު ގުޅުން ބަދަހިކުރުމަށް ސަރުކާރުން ދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި އަހަރު ފާހަގަކުރެވުނު އެއްކަމަކީ ފުރަތަމަ ފަހަރަށް އީޔޫގެ ހަތް އަހަރަށް ކަނޑައަޅާ ބަޖެޓް ސައިކަލްގައި ދިވެހިރާއްޖެއަށް ވަކިން ހާއްސަކޮށް އެހީ ދިނުމަށް ކަނޑައަޅާފައިވާ ކަމެވެ. އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން ރާއްޖެއަށް 40 މިލިއަން ޔޫރޯގެ އެހީތެރިކަންވެސް މިއަހަރުގެ ތެރޭގައި ފޯރުކޮށްދީފައިވެ އެވެ.