ފޮރިން މިނިސްޓްރީ

ޕޮލިސީ ޑައިލޮގް އަންނަ ހޯމަ ދުވަހު

ދިވެހިރާއްޖެއާ ޔޫރަޕިއަން ޔޫނިއަންއާއެކު ބާއްވާ ޕޮލިސީ ޑައިލޮގްގެ ފަސް ވަނަ ބައްދަލުވުން އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އަހަރުގެ ޕޮލިސީ ޑައިލޮގް ވާޗުއަލްކޮށް ބާއްވަން ނިންމާފައިވާއިރު ޑައިލޮގްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން ކަމަށެވެ.

އަދި މަސްވެރިކަމާ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާއި ތަރައްގީގެ ދާއިރާގައި ގުޅިގެން މަސައްކަތް ކުރުމާއި ވިޔަފާރި އާއި އިންވެސްޓްމަންޓްތަކުގެ އިތުރުން މާލީ ދާއިރާ އާއި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކާއި ސަލާމަތީ އެއްބާރުލުން އަދި ޝެންގެން ވިސާ އާއި ބެހޭ ގޮތުންވެސް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕޮލިސީ ޑައިލޮގްގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. އެ ބައްދަލްވުމުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނާނެއެވެ. އީޔޫގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޔޫރަޕިއަން ޔޫނިއަންއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއެވެ.

ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އެކި ދާއިރާތަކުން ހަރުދަނާ ގޮތެއްގައި މަޝްވަރާކޮށް ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ބާއްވާ މި ޑައިލޮގަކީ އަހަރު އެއް ފަހަރު ބާއްވާ މަޝްވަރާތަކެކެވެ. މި ޑައިލޮގްގެ އިތުރުން ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން އާ ދެމެދު ސީނިއާ އޮފިޝަލުންގެ ބައްދަލުވުމެއް އަހަރަކު އެއް ފަހަރު ބޭއްވުމަށް ނިންމައި ފުރަތަމަ ބައްދަލުވުން މިއަހަރު ފެބްރުއަރީ މަހު މާލޭގައި ވަނީ ބާއްވާފައެވެ.