ކުޑަކުދިންގެ ހައްގަށް އުނިކަމެއް ލިބިގެން ޖެންޑާ މިނިސްޓްރީއަށް ހުށަހެޅޭ ޝަކުވާތައް ބެލޭނެ ހަރުދަނާ ނިޒާމެއް އެ މިނިސްޓްރީގައި ގާއިމުވެފައިނެތްކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެދިގެން ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ފެމިލީ ސަޕޯޓް ޑިޕާޓްމަންޓުން ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކޮށް އެ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދެވޭ މިންވަރު ބެލުމަށް ކުރި އޮޑިޓްގައި ގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފަ އެވެ.
"ބޭކާރު" ހޮޓްލައިނެއް
އޮޑިޓުގައި ބުނެފައިވަނީ، 2018 ވަނަ އަހަރުން ފެށިގެން 2019 އެ ޑިޕާޓްމަންޓަށް އެކި ޒަރިއްޔާތަކުން ހުށަހެޅުނު ޝަކުވާތަކާއި ބަލަމުންދާ މައްސަލަތަކާ ގުޅޭ މައުލޫމާތުތައް ބެލެހެއްޓޭނެ މަރުކަޒީ ނިޒާމެއް ނެތް ކަމަށެވެ.
އެގޮތުން، ފޯނުގެ ޒަރިއްޔާއިން ޝަކުވާ ހުށަހެޅުމަށް ގާއިމުކޮށްފައިވާ ޗައިލްޑް ހެލްޕްލައިން، 1412 އިން 24 ގަޑިއިރު ހިދުމަތް ދެވެމުން ނުދާކަން ފާހަގަކޮށްފައިވެ އެވެ.
އަދި ކޯލް ސެންޓަރު ބަންދުކުރާ ގަޑިތަކުގައި އޮން-ކޯލްގައި ހުންނަ މުވައްޒަފަށް ކޯލްތައް ޑައިވާޓްވާއިރު އެ މުވައްޒަފު ކޭހެއްގައި މަސައްކަތްކުރަމުންދާ
ވަގުތާއި އޮން-ކޯލް ފޯނަށް ޖަވާބު ދޭ ވަގުތުތަކުގައި ޑައިވަޓްވާ ކޯލްތަކަށް ޖަވާބު ނުދެވޭކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން، މިނިސްޓްރީއަށް ހުށަހެޅިފައިވާ ބައެއް ކޭސްތަކުގައި އިޖާބަ ދިނުމުގައި އިސްކަން ދޭ މިންގަނޑެއް ބަޔާންކޮށްފައި ނުވާކަން
ފާހަގަކޮށްފައިވާއިރު، އޮޑިޓުގައި ސާމްޕަލް އުސޫލުން ބަލައިލެވުނު 22 ކޭސްގެ ތެރެއިން ހަތަރު ކޭހަށް އިޖާބަ ދިނުމުގައި އިސްކަން ދޭނެ މިންގަނޑު ބަޔާންކޮށްފައި ނުވާކަމަށް ރިޕޯޓުގައި ބުންޏެވެ.
"މިހެންވުމުން، ލިބިފައި ހުރި ވަސީލަތްތައް ބޭނުން ކުރެވެނީ އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ މީހުންނަށާއި އާއިލާތަކަށް ފޯރުކޮށްދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްކަންކަށަވަރު ކުރެވިފައި ނުވޭ."
މުވައްޒަފުން މަދު، ކޭސްތައް އިންތިހާއަށް
އެ އޮޑިޓް ގައި ދެން ފާހަގަކޮށްފައިވަނީ އެކަށީގެންވާ މިންވަރަށް ފަންނީ މުވައްޒަފުން ނެތުމުގެ މައްސަލަ އެވެ. މިގޮތުން، މި 2017 އިން ފެށިގެން ކުޑަކުދިންނާ ގުޅޭ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުން އައިސްފައިވީނަމަވެސް، މިދިޔަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުންދިޔައީ 16 ކޭސްވާކަރުންނާއި އެންމެ ސުޕަވައިޒަރެއް ކަމަށެވެ.
އޭގެ ނަތީޖާއަކީ އެވަރެޖްކޮށް ކޮންމެ ކޭސްވާކަރަކަށް 76 ކޭސް ހަވާލުކޮށްފައިވުމުގެ ސަބަބުން ކޭސްތަކަށް ދޭންޖެހޭ ވަގުތާއި ސަމާލުކަން
ނުދެވި، މަސައްކަތުގެ ފެންވަރަށް އަސަރުކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.
ޖަޒްބާތީ އަދި ނަފްސާނީ ގޮތުން ބުރަ މާހައުލެއްގައި ކޭސްވާކަރުން މަސައްކަތް ކުރަމުންދާއިރު އަމިއްލަ ނަފްސަށް އަޅާލާނެ ވަގުތު ނުލިބޭ ކަމަށް މި އޮޑިޓްގެ ތެރެއިން ކުރިއަށް ގެންދިޔަ ސާވޭގައި ބައިވެރިވި 15 ކޭސްވާކަރުންގެ ތެރެއިން %86 މުވައްޒަފުން ބުނެފައިވުން.އޮޑިޓް ރިޕޯޓް
އަދި ކޭސް އެލޮކޭޓް ނުކުރެވި ގިނަ ދުވަސްތަކެއް ހޭދަވާކަމާއި އެސެސްމަންޓް ގަވާއިދުން ހެދެމުން ނުދާކަމާއި އެސެސްމަންޓުގައި ހިމަނަން ޖެހޭ ބައެއް މުހިންމު މައުލޫމާތު ހިމަނާފައި ނުވާކަމާއި އެކްޝަން ޕްލޭން ތައްޔާރުކޮށް ފޮލޯ-އަޕް ގަވާއިދުން ހެދެމުން ނުދާކަމާއި ކޭސްތައް ގަވާއިދުން ނިންމަމުން ނުދެވޭކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
"ސުޕަވައިޒަރަށް ބެލެހެއްޓޭ ވަރަށްވުރެ މިނިސްޓްރީގައި ކޭސްތައް ގިނަވުމުންނާއި ސުޕަވައިޒަރުންނަށް ބަރޯސާވާ މިންވަރު އިތުރުވުމުގެ ސަބަބުން ސުޕަވައިޒަރުންގެ ފަރާތުން އެކަށީގެންވާ މިންވަރަށް އެހީތެރިކަމާއި އިރުޝާދު ކޭސްވާކަރުންނަށް ފޯރުކޮށްދެވެމުން ނުދޭ،" އޮޑިޓުގައި ބުންޏެވެ.
އޭގެ އިތުރުން، ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކަށް ބޭނުންވާ މުވައްޒަފުން ލިބުން ދަތިވުމުން މަރުކަޒުތަކުގައި އެކަށީގެންވާ އަދަދަށް މުވައްޒަފުން
ނެތުމާއި ކުދިންގެ އުމުރާ ގުޅޭ ގޮތަށް ކުދިންނަށް ބޭނުންވާ ހިދުމަތްތައް އެދެވޭ ގޮތެއްގައި ފޯރުކޮށްދެވެމުން ނުދާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
"މީގެ ސަބަބުން ހިޔާތަކުގައި ގެންގުޅުން މަނާތަކެތި ކުޑަކުދިން ގެންގުޅުމާއި ކެއާވާކަރަކާ ނުލައި ކުދިން ބޭރަށް ދިއުމާއި ކުދިންގެ އަމަލުތައް އެކަށީގެންވާ ގޮތެއްގައި ކޮންޓްރޯލް ކުރެވިފައި ނުވުމުގެ އިތުރުން ކެއާވާކަރުން އެކަށީގެންނުވާ ގޮތަށް ކުދިންނާ މުއާމަލާތު ކުރުންފަދަ ކަންކަން ހިނގާފައިވެ އެވެ."
އަދި ދަރުމައަށް ކުދިން ބެލުން ހަވާލުކުރުމުގައި ޝަރުތު ހަމަވާ ފަރާތްތަކާ ކުދިން ހަވާލުކޮށްފައި ވީނަމަވެސް، އާއިލީ ފަރާތަކާ ކުދިން އަނބުރާ ހަވާލުކުރާއިރު ކުށުގެ ރެކޯޑު އޮތް ފަރާތްތަކާ ކުދިން ހަވާލުކޮށްފައިވުމާއި މިގޮތަށް ހަވާލުކުރެވޭ ބައެއް ކުދިން މޮނިޓާކުރެވެމުން ނުދާކަން ވަނީ ފާހަގަކޮށްފަ އެވެ.
"މިހެންވުމުގެ ސަބަބުން، އާއިލާތަކާ ހަވާލުކުރެވޭ ކުދިން ނުރައްކަލަށް ހުށަހެޅި، އެ ކުދިންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ނޭދެވޭ އަސަރުތައްކޮށް، އެ ކުދިންގެ މުސްތަގުބަލަށް އެކަމުގެ ހިޔަނިއެޅުމުގެ ފުރުސަތުއޮތްކަމަށް ދެކެމެވެ."
އޭގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފަރާތްތަކުގެ މަޢުލޫމާތު އާންމުންނަށް އެނގޭނޭހެން މިނިސްޓްރީން ބަލަހައްޓަމުން ގެންދާ
އޮފެންޑާސް.އެމްވީ ވެބްސައިޓުގައި ހިމަނަމުން ދިޔަ ނަމަވެސް، އަދާހަމަނުވުމުން މި މައުލޫމާތު އާންމުކުރުމުގެ މަގްސަދު
ހާސިލުވަމުން ނުދާކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ.
އެއާއެކު ކުޑަކުދިންނަށް އަނިޔާ ކުރާ ފަރާތްތައް ހޯދާ އެކުދިންނަށް އެފަރާތްތަކުން ލިބޭ އަނިޔާއިން ސަލާމަތްކުރުމަށް، މުއައްސަސާތަކުގައި ހުރި މައްސަލަތައް އިސްލާހުކުރަން އޮޑިޓް އޮފީހުން ވަނީ ގިނަ ލަފާތަކެއް ދީފަ އެވެ.
މި ސަރުކާރުގެ ފުރަަތަމަ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވާފައިވަނީ ކުޑަ ކުދިންނާ ގުޅޭ ގިނަ މައްސަލަތަކުގައި އިހުމާލިވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ގިނަ މެންބަރުން ޝިދާތާ އިސްތިއުފާ ދެއްވުމަށް ގޮވާލާފައި ވަނިކޮށެވެ. އަދި ޝިދާތާ މަގާމުގައި ހުންނަވަން ނުފެންނަކަމަށް، މަޖިލީހުގެ ސާފު މެޖޯރިޓީ އޮންނަ، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ އިއްތިފާގުން ފާސްކޮށްފައި ވެސް ވަނިކޮށެވެ.
އާ މިނިސްޓަރު ކަމަށް އަލަށް އައްޔަން ކުރެއްވި އައިޝަތު މުހައްމަދު ދީދީ މަގާމުގެ ހުވާ ކުރައްވާފައިވާއިރު، ޖެންޑާގެ ދާއިރާއާ ގުޅުންހުރި ކަންކަން ހައްލުކުރުމަށް ސަރުކާރުގެ ތެރެއިން ބޭނުންވާ މާލީ އެހީތެރިކަންވެސް އެ މިނިސްޓްރީއަށް އެދެވޭ ގޮތެއްގައި ލިބެމުން ނުދާކަމަށް މި ރިޕޯޓުގައިވެސް ވަނީ ފާހަގަކޮށްފަ އެވެ.