ވިލާ ކޮލެޖުގެ މި އަހަރުގެ މެއި އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ ކޮލެޖުން ހުޅުވާލައިފި އެވެ.
ވިލާ ކޮލެޖުގެ މެއި މަހުގެ އިންޓޭކުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް އެ ކޮލެޖުގައި މިއަދު ކުރިއަށް ދިޔަ ހަރަކާތެއްގައި ވަނީ ޖުމްލަ 80 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މިގޮތުން އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓާ ސައިންސް، ޓީޗިން، އެޑިއުކޭޝަން، ޝަރީއާ އިން ލޯ، އިސްލާމް، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމިކްސް، އެކައުންޓިން އެންޑް ފައިނޭންސް، ބޭންކިން އެންޑް ފައިނޭންސް، މާކެޓިން، ހިއުމަން ރިސޯސް، ރިސާޗް، ނާސިން، ސައިކޮލޮޖީ، ޕަބްލިކް ހެލްތް އަދި މެރިން ސްޓަޑީސް ދާއިރާ އިން ކިޔެވުމަށް ބޭނުންވާ ފަރާތްތަކަށް އެ ކޮލެޖުން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
ވިލާ ކޮލެޖުން ބުނީ މި އިންޓޭކްގައި މާސްޓާސް ފެންވަރުގެ 13 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ނުވަތަ ސެޓްފިކެޓް ފެންވަރުގެ ފަސް ކޯހަކާއި، ޑިގްރީ ފެންވަރުގެ 20 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 51 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 13 ކޯހަކާއި އަދި ސެޓްފިކެޓް ތިނެއް ފެންވަރުގެ 11 ކޯހަކާއި ސެޓްފިކެޓް ލެވެލް ދޭއްގެ ދެ ކޯހުގެ އިތުރުން ސެޓްފިކެޓް ލެވެލް އެކެއްގެ އެއް ކޯސް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން އޭސީސީއޭގެ ނޮލެޖް ލެވެލް، ސްކިލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް އަށް ވަނުމުގެ ފުރުސަތު ވެސް ކުރިއަށް އޮތް މެއި އިންޓޭކުގައި ހުޅުވިގެން ދާނެ ކަމަށްވެސް އެ ކޮލެޖުން ވަނީ ބުނެފަ އެވެ.
މި ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އެއް ކަމަށްވާ، "ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް"ގެ މާސްޓާސް އަދި ބެޗެލާސް ޑިގްރީ ކޯސްތައް ހިމެނެ އެވެ.
ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއު.އައި. ކެމްޕަހުގެ އިތުރުން ވިލާ ކޮލެޖު ތ. ގުރައިދޫ ކެމްޕަސް، ވިލާ ކޮލެޖު ހިތަދޫ ކެމްޕަސް، ވިލާ ކޮލެޖު ނައިފަރު ކެމްޕަސް، ވިލާ ކޮލެޖު ކުޅުދުއްފުށީ ކެމްޕަސް، ވިލާ ކޮލެޖު ލޭކް ސައިޑް ކެމްޕަސް (ށ.ފުނަދޫ)، ވިލާ ކޮލެޖް ލ.ގަން ކެމްޕަސް އަދި ވިލާ ކޮލެޖު މަހިބަދޫ ކެމްޕަހުގައިވެސް މި ކޯސްތައް ފެށުމަށްވަނީ ހަމަޖެހިފަ އެވެ.
ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަންނަ އެޕްރީލް މަހުގެ ނުވަ ވަނަ ދުވަހާއި ހަމަޔަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ކޯސްތަކުގެ ކިޔެވުން، މެއި މަހުގެ ފުރަތަމަ ދެ ހަފްތާ ތެރޭގައި ފެށިގެން ކުރިއަށް ދާނެ ކަމަށް އެ ކޮލެޖުން ބުނެ އެވެ.
ވިލާ ކޮލެޖުން ބުނީ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެގޮތުން ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓް އަށް ފީ ދެއްކޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވާނޭ ކަމަށާއި މީގެ އިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލާސް ޑިގްރީ ޕްރޮގްރާމެއް ކިޔެވުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށެވެ.