ފައިސަލް ނަސީމް

މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް އެދިވަޑައިގެންފި

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި، ސައިންޓިފިކް ދިރާސާތަކާއި ސިޔާސަތުތަކުގެ ބޭނުން ހިފައިގެން ކުރިއަށްދާންޖެހޭ ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވީ ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަން (އައިއާރްއައި) އިން "އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން" ނަމުގައި ބޭއްވި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވިލާކޮލެޖުގައި މިއަދު ބޭއްވި މިރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ މިފަހަރުގެ ކޮންފަރެންސްގެ ޝިއާރު "ބްރޭކް ތްރޫ އެކްސެލެންސް: އެޗީވިން އަ ނެޓްވޯކް ކޮމިއުނިޓީ" އަކީ މިވަގުތަށް ވަރަށް އެކަށޭނަ މުހިއްމު ޝިއާރެއް ކަމަށެވެ. އަދި އިޖުތިމާއީ މައްސަލަތައް ކަމުގައިވާ ފަގީރުކަން ނައްތާލުމާއި، ހަމަހަމަކަން ގާއިމުކުރުމާއި މޫސުމީ ބަދަލުތައް ފަދަ އެތައް ގޮންޖެހުންތަކެއް މިއަދު ކުރިމަތިވެފައިވާކަން ފާހަގަކުރެއްވި އެވެ. އެކަންކަމަށް ހައްލު ހޯދުމުގައި ބައިނަލްއަގްވާމީ މުޖުތަމައާއި ގުޅިގެން މަސައްކަތްކުރަންޖެހޭ ކަންވެސް ނައިބް ރައީސް ފާހަގަކުރެއްވި އެވެ. އަދި އިލްމާއި ފަންނުވެރިކަން ހިއްސާކުރުމުގެ ސަގާފަތުގެ މައްޗަށް ބިނާކޮށް، އެމައްސަލަތަކަށް އީޖާދީ ހައްލުތަކެއް ހޯދުމުގެ މުހިއްމު ކަމުގެ މައްޗަށްވެސް އެމަނިކުފާނު ވާހަކަދެއްކެވި އެވެ.

ނައިބް ރައީސް ވިދާޅުވީ ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ވެއްޓަށް ލިބޭ ގެއްލުންތައް ބޮޑު ކަމަށެވެ. މިގޮތުން ކުރިމަތިވާ މޫސުމީ ކާރިސާތަކާއި، މުރަކަ ހުދުވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އޮތް ނުރައްކާތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މިއާއެކު ތެލަށް ބަރޯސާވުން ކުޑަކުރުމަށާއި، އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި، ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ހިންގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މިސަރުކާރުން މަސައްކަތް ކުރަމުންދާނޭ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

ފައިސަލް ވިދާޅުވީ ތެޔޮ އިމްޕޯޓްކޮށްގެން ހަކަތަ އުފެއްދުމަށް ބަރޯސާވުން ކުޑަކުރުމަށް، ކުނިން ހަކަތަ އުފެއްދުމަށް ހިންގޭ، ގްރޭޓާ މާލެ ވޭސްޓް އެނާޖީ ޕްރޮޖެކްޓާއި، ތައުލީމު ކުރިއަރުވައި އިންސާނީ ވަސީލަތްތައް ގާއިމުކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން، ހިލޭ ޑިގްރީ ޕްރޮގްރާމާއި، ޖޫނިއާ ކޮލެޖްތައް ބިނާކުރުމާއި، ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިން ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް މުޅިރާއްޖޭގައި ހިނގަމުންދާކަން ފާހަގަކުރެއްވި އެވެ. އަދި މިމަސައްކަތްތަކުން ހާސިލްކުރަން ބޭނުންވާ އަމާޒަކީ މިއަދުގެ ޒުވާނުންނަކީ މުސްތަގުބަލްގެ ލީޑަރުންކަމުގައި ހެދުން ކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން ނައިބް ރައީސް ވިދާޅުވީ ތައުލީމާއި ވަޒީފާ އާއި ސިއްހީ ދާއިރާ ފަދަ ހުރިހާ ދާއިރާތަކެއްގައި ވެސް ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމަށް ސަރުކާރުން ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭނެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ އެކްޝަން ޕްލޭން ފަރުމާކުރެވިފައިވަނީ ދެމެހެއްޓެނިވި އަދި ހަމަހަމަ މުސްތަގުބަލަކަށްޓަކައި، ދެމެހެއްޓެނިވި ތަރައްގީގެ ދަނޑުދަނޑިތަކާއި އެއްގޮތްވާނޭ ގޮތަށް ސައިންޓިފިކް ދިރާސާތައްކޮށް، ސިޔާސަތުތައް އެކަށައަޅައިގެން ކުރިއަށް ދިއުމަށް ކަމުގައިވެސް ވިދާޅުވި އެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ވަނީ ދުނިޔެ އާއި ދުނިޔޭގެ މުސްތަގުބަލް ރައްކާތެރިކުރުމަށްޓަކައި ޒުވާނުން މިހާރުން މިހާރަށް މަސައްކަތްތައް ކުރުމަށްވެސް ގޮވާލައްވާފަ އެވެ.

ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އައިސީއެސްއާރްއައި އަކީ އިލްމީ ދިރާސާތައް ކުރައްވާ ބޭފުޅުންނާއި، އިލްމުވެރިންނާއި، ދަރިވަރުންނާއި، ސިނާއަތްތަކުގެ ތަޖުރިބާކާރުންނަށް އެ މީހުންގެ ދިރާސާތަކުގެ ހޯދުންތައް ހުށައަޅައި، ގުޅުންތައް ބަދަހިކޮށް، އާ ހިޔާލާއި މަޝްވަރާތަކުގައި ބައިވެރިވުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.