ފައިސަލް ނަސީމް

ހުރި ވަސީލަތްތައް ހޯދައި، އިތުރު މަސައްކަތް ފަށަންޖެހޭ: ފައިސަލް

ރާއްޖޭގައި ހުރި ވަސީލަތްތައް ހޯދައި، ކުރެވިދާނެ އިތުރު މަސައްކަތްތައް ފަށަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ވިލާ ކޮލެޖުން ދަސްވެނިވި ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް އެވޯޑު ހާސިލުކުރި ދަރިވަރުންނަށް އެވޯޑް ދިނުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިއަދު ބަރޯސާވެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށެވެ.

ނައިބު ރައީސް ފައިސަލް ވިދާޅުވީ ކޯވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހީނަރުކަން ކުރިމަތިވި ސަބަބުތަކުގެ ތެރޭގައި އެއް ސިނާއަތަކަށް ބަރޯސާވުން ހިމެނޭ ކަމަށެވެ. ވަކި ސިނާއަތަކަށް އެކަނި ބަރޯސާނުވެ، ހުރިހާ ދާއިރާއަކުންވެސް މީހުން ބިނާކުރަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން އެބަޖެހޭ ޕޮސިޓިވް އިކޮނޮމިކް ގްރޯތަކަށް ވިސްނާކަމަށް ވަންޏާ ޑައިވާސިފައި ކުރުމަށް މަސައްކަތްތަކެއް ކުރަން،" ނައިބު ރައީސް ވިދާޅުވި އެވެ.

ކުރިމަތިވެދާނެ ހާލަތްތަކަށް ތައްޔާރުވެފައިވާ މުޖުތަމައުއެއް އުފެއްދުމަށް އާ ވިސްނުންތަކެއް ނެރެންޖެހޭކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ހުރިހާ ދާއިރާތަކުން މީހުން ބިނާކުރަން ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

މިރަސްމިއްޔާތުގައި، ގާސިމް އިބްރާހީމް އެވޯޑް ފޯ އެކްސެލެންސް ހާސިލުކުރި 22 ދަރިވަރުންނަށް ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ.

މީގެއިތުރުން ވިލާ ކޮލެޖުގެ ގޯލްޑް މެޑަލް އަދި އިންޑަސްޓްރީ އިނާމު ހާސިލުކުރި 42 ދަރިވަރަކަށާއި ބުކް ޕްރައިޒް ހާސިލުކުރި 107 ދަރިވަރެއްގެ އިތުރުން އޭސީސީއޭ ނެޝަނަލް އެސިޑެންޓް ޕްރައިޒް ހާސިލުކުރި ހަތް ދަރިވަރަކަށް ވެސް އެވޯޑް ދީފައިވެ އެވެ.