ކޮރަޕްޝަނާމެދު އާންމުން ދެކޭގޮތުގެ ގައުމީ ދިރާސާއެއް ކުރިއަށް ގެންދިއުމުގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިލާ ކޮލެޖާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އޭސީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖްގެ ރެކްޓާ ޑރ. އަހްމަދު އަންވަރު އެވެ. އަދި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ސަލީމް އެވެ.
މިއީ ކޮރަޕްޝަނާމެދު އާންމުން ދެކޭގޮތް ދެނެގަތުމުގެ ގޮތުން ރާއްޖޭގައި ކުރެވޭ ރަސްމީ ފުރަތަމަ ދިރާސާ އެވެ.
މި ދިރާސާއަކީ ކޮރަޕްޝަނާ މެދު އާންމުން ދެކޭގޮތް ދެނަގަތުމުގެ އިތުރަށް ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކޮރަޕްޝަންގެ ޓްރެންޑާއި އެކަމާ ގުޅުންހުރި ކަންކަން ދެނެގަނެ އިތުރަށް ދިރާސާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ދިރާސާ އެކެވެ.
މިރަސްމިއްޔާތުގައި އޭސީސީގެ މެންބަރު ޝިޔާމާ މުހައްމަދު ވިދާޅުވީ ތޯތޯ ވާހަކަތަކުގެ މައްޗަށް ބުރަވުމުގެ ސަގާފަތް ދޫކޮށްލައި އިލްމީ ހަގީގަތާ ކުރިމަތިލާންޖެހޭ ކަމަށެވެެ. އެއްމަގުން ކަންކުރާން ނުތިބެ ހުރިހައި ދިމާލެއްގެ ހިންގުން ރަނގަޅު ކުރަންޖެހިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
"މިއަދު މި ފެށުނު މަސައްކަތާއެކު ހެދިގެންދާ ދިރާސާގެ އަލީގައި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތަކީ 'އެވިޑެންސް ބޭސްޑް' މަސައްކަތަކަށް ހެދުމަށް އޭސީސީގެ ހިންގުން ބައްޓަންކުރާނެ ކަމުގެ ޔަގީކަން ދެން،" ޝިޔާމާ ވިދާޅުވި އެވެ.
ވިލާ ކޮލެޖްގެ ރެކްޓާ ޑރ. އަހްމަދު އަންވަރު ވިދާޅުވީ ކޮރަޕްޝަން ފަދަ ނޭދެވޭ ކަންކަން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުގައި އާންމުން ބައިވެރިކޮށް އެމީހުންގެ ހިޔާލު ހޯދުމަކީ މުހިއްމު ކަމެއް ކަމަށެވެ.
"މިފަދަ ދިރާސާއެއް ކުރިއަށް ގެންދިއުމުގައި ބައިވެރިވެވުމަކީ ވިލާކޮލެޖުގެ ރިސާޗްގެ މަސައްކަތްތަކަށްވެސް ލިބިގެންދާނެ އިތުރު ކުރިއެރުމެއް،" އަންވަރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި އޭސީސީގެ މެންބަރުންނާއި ބައެއް އިސްވެރިންނާއި ވިލާ ކޮލެޖްގެ ބައެއް އިސް ބޭފުޅުން ވެސް ބައިވެރިވަޑައިގެންނެވި އެވެ.