އޭސީސީ

ފެނަކަ ސައީދުގެ ޕާސްޕޯޓް ހިފަހައްޓައިފި

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

އޭސީސީ އިން ތަހުގީގު ކުރަމުންދާ ފެނަކައިގެ ހިޔާނާތުގެ މައްސަލަތަކަކާ ގުޅިގެން ސައީދުގެ ޕޯސްޕޯޓް ހިފަހައްޓާފައިވާކަން އޭސީސީ އިން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

އޭސީސީ އިން ބުނީ ސައީދުއާ ގުޅޭ ހިޔާނާތުގެ މައްސަލަތަކެއް ތަހުގީގު ކުރަމުންދާތީ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް ތަހުގީގު ކުރިއަށްދާ މައްސަލައަކަށްވާތީ އިތުރު ތަފްސީލެއް ނުދެ އެވެ.

ކުރީގެ ރައީސް އިބްރާހީމް ސޯލިހްގެ ވެރިކަމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް ސައީދު ހުންނެވިއިރު އޭނާ އަކީ އޭރު ކޮރަޕްޝަންގެ ތުހުމަތު އެންމެ ބޮޑަށް އަމާޒުވި އެއް ބޭފުޅާ އެވެ.

ސައީދު ވަނީ އޭނާއަށް އަމާޒުވާ ކޮރަޕްޝަންގެ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރުކުރައްވާފަ އެވެ.

އޭސީސީ އިން ބަލަމުންދާ ހިޔާނާތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީވެސް ފެނަކަ އާއި ގުޅުންހުރި މައްސަލަތައް ކަމަށް އެނގިފައިވެ އެވެ.