ހަބަރު

މައްސަލަ ހުށަހެޅީ ކޮރަޕްޝަންގެ ދޮރުތައް ބަންދުކުރީމަ: ފެނަކަ އެމްޑީ

Sep 21, 2020

ފެނަކަ އާ ގުޅޭ ގިނަ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅީ، ކުންފުނީގެ ތެރެއިން ވައްކަން ކުރަން އޮތް ދޮރުތައް ބަންދުކުރުމުންކަމަށް އެ ކުންފުނީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސީދާ ސައީދަށް ތުހުމަތުވާ ގޮތަށް ފެނަކައިން ކޮރަޕްޝަނަށް މަގުފަހިވާ މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށް ބުނެ އޭސީސީއަށް 28 މައްސަލައެއް ހުށަހަޅާފައިވަނީ އެ ކުންފުނީގެ މުވައްޒަފުންތަކެއް ކަމަށް މައުލޫމާތު ވަނީ ލިބިފަ އެވެ.

އޭގެ ތެރެއިން 22 މައްސަލައެއް ތަހުގީގު ކުރަން އެ ކޮމިޝަނުން ނިންމާފައިވާއިރު، ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ސައީދު ރޭ ވިދާޅުވީ އޭނާ އެއްވެސް ވައްކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި، އެ މައްސަލަތައް ބަޔަކު ހުށަހެޅީ ރާވައިގެން، ކޮރަޕްޝަނަށް ހުޅުވިފައިހުރި ދޮރުތައް އޭނާ މަގާމާ ހަވާލުވެ ބަންދުކުރުމުން ކަމަށެވެ.

"ތަކުރާރުކޮށް މި ދަންނަވަނީ، އަޅުގަނޑެއް ނޯންނާނެ މިތަނަކުން އެފަދަ އަމަލެއް ހިންގާފައި. އަޅުގަނޑު ދަންނަ ކަމެއް ނޫން، ވައްކަމެއް، ރިޝްވަތުގެ ފައިސާ މުދަލުގައި ހިފުމަކީ. އެ ދަންނަ ބަޔަކަށް އެކަން ނުކުރެވުނީމާ ހަސަދައިގެ ގޮތުން އެކަން ކުރުން އެއީ އަޅުގަނޑު ނުދެކެން އެއީ މައްސަލައެއް ކަަމަށް،" ސައީދު ވިދާޅުވި އެވެ.

އެ މައްސަލަތައް ހުށަހެޅީ ކޮރަޕްޝަން ހިންގަން ބޭނުންވާ ބަޔަކަށް އެކަން ކުރެވޭނެ މިހާރު ކުންފުނީގެ ތެރޭގައި ޖާގަ ނެތުމުން ކަމަށް ސައީދު ރޭ ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.