ފެނަކަ ކޯޕްރޭޝަން

ކޮރަޕްޝަނާ ގުޅޭ ތުހުމަތުތައް ފެނަކައިން ދޮގުކޮށްފި

ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް ކަންތައްތައް ހިންގާކަމަށް ފެނަކަ ކޯޕަރޭޝަނެއް ކުރާ ތުހުމަތުތައް އެ ކުންފުނިން ދޮގުކޮށްފި އެވެ.

ތުހުމަތުތައް ދޮގު ކުރިއިރު ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަމާލުކަަމަށް ވެސް ގެންގޮސްފަ އެވެ. އެސީސީން ބުނީ އެ ކުންފުންޏާ ބެހޭ 22 މައްސަލައެއް މިހާރު ބަަލަމުން ގެންދާ ކަމަށެވެ.

ނަމަވެސް ފެނަކައިން ބުނީ ތުހުމަތުތަކުގެ އަސްލަކީ އެ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏަށް ހޯދައިދެމުންދާ ކުރިއެރުންތަކާއި ފަހުރުވެރި ރީތި ނަމާއި ކާމިޔާބީތަކާމެދު އުފެދިފައިވާ ހަސަދަވެރިކަން ކަމަށެވެ. އަދި މިއީ ފެނަކައިގެ ނަން ކިލަނބުކޮށް، މެނޭޖްމަންޓާއި މުވައްޒަފުންގެ އަގު ވައްޓާލުމަށް، އެއްވެސް ޒިންމާދާރުކަމެއްނެތި، ރޭވުމެއްގެ ތެރެއިން ކުރެވެމުންދާ، ސިލްސިލާ ފިނޑި އަމަލުލެއް ކަމަށެވެ.

" 18 ޑިސެމްބަރ 2018 ގައި ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏާ ހަވާލުވުމަށްފަހު، މި ކުންފުނިން ރައްޔިތުންނަށް ހިދުމަތްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި، ނަޒާހާތްތެރިކަން ކަށަވަރުކުރެވެނިވި ގޮތެއްގައި ކަން މިފުރުސަތުގައި ވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް ޔަގީންކޮށްއަރުވަމެވެ." ފެނަކައިން މިއަދު ނެރުނު ނޫސް ބަޔާނުގައި ވެއެވެ.

ކޮރަޕްޝަނަށް ފާރަވެރިވުމުގެ ގޮތުން ޖަވާބުދާރީ ކުރެވޭނެ އެކަށީގެންވާ ނިޒާމުތަކެއް ކުންފުނީގައި ގާއިމްކޮށް އަމަލުކުރަމުންދާ ކަމަށް ފެނަކައިން ބުނެއެވެ. އަދި ބުނީ ކޮރަޕްޝަނަށް މަގުފަހިވާ ގަވައިދެއްވެސް އުސޫލެއްވެސް މިހާރުގެ މެނޭޖްމަންޓުން ހަދައިފައި ނުވާނެ ކަމަށެވެ.

ނިމިގެން ދިޔަ ސަރުކާރުތަކުގައި ފެނަކައިގައި އެފަދަ ގަވައިދުތައް ހުއްޓަސް އެކަންކަން ބަދަލުކޮށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހަރުދަނާ ނިޒާމެއްގެ ތެރެއިން ހަރުދަނާކަމާ އެކު މިހާރު ރު ހިދުމަތް ފޯރުކޮށްދެމުންދާކަމުގެ ޔަގީންކަން ފެނަކައިން ދެއެވެ.