ހަބަރު

ދޮގު ވާހަކަ ފަތުރާކަމަށް ބުނެ ފެނަކައިގެ ނުރުހުން

Dec 21, 2020
1

ރާއްޖޭގެ ބައެއް މީޑިއާތަކުން ހަގީގަތާ ހިލާފު، ދޮގު ވާހަކަތައް ފަތުރަމުންދާކަމަށް ބުނެ، ފެނަކަ ކޯޕަރޭޝަނުން މިއަދު ނުރުހުން ފާޅުކޮށްފި އެވެ.

ފެނަކަ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވެ ދިޔަ މާޒީގައި އެ ކުންފުނިން ރައްޔިތުންނަށް ހަރުދަނާ ގޮތެއްގައި ހިދުމަތް ފޯރުކޮށް ނުދެވި، ކުންފުނީގެ ނަން ކިލަނބުވެފައި ވަނިކޮށް، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން، ކުންފުނީގެ ހިނގުމަށް ގެނެވުނު ހެޔޮ ބަދަލާ ގުޅިގެން ބަޔަކު ހަސަދަވެރިވެ ބައެއް އޮންލައިން ނޫސްތަކުގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކަމުން ގެންދާ ކަމަށެވެ.

ފެނަކަ އިން ބުނީ ކުންފުނިން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެއްވުމަށް ކުރެވޭ މަސައްކަތްތަކަށް ފާޑު ކިޔުމަށް މަރުހަބާ ކިޔާކަމަށާއި، ނަމަވެސް ކުންފުންޏާ ގުޅޭގޮތުން ހަގީގަތާ ހިލާފު، ދޮގު ވާހަކަތައް ފެތުރުމަށް ފުރުސަތު ނުދޭނެ ކަމަށެވެ.

"ފެނަކަ ކޯޕަރޭޝަނާމެދު މިހާރު ދެކެވެމުންދާ ހަގީގަތާ ހިލާފު ވާހަކަތަކަކީ، މިއަދު ހޯދިފައި، އަދި ހޯދަމުންދާ ކާމިޔާބުތަކަށް ހަސަދުވެރިވާ މަދު ބަޔަކު، ކުންފުނީގެ އެކި ޒިންމާތަކުގައި ތިއްބެވި ވެރިންގެ އަބުރު ކަތިލުމަށް ހިންގަމުންދާ ނާތަހުޒީބު ފިނޑި އަމަލެއްކަމުގައި ދަންނަވަން،" ފެނަކަ އިން ބުނެފައިވެ އެވެ.

އިތުރަށް ބުނީ ކުންފުންޏާއި ކުންފުނީގެ ވެރިންނާއި މެދު ވިޔަސް، އެކިފަރާތްތަކުން ޝާއިއު ކުރަމުންދާ ހަގީގަތާ ހިލާފު ވާހަކައަކުން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއިއެކު ރައްޔިތުންނަށް ދެމުންދާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ފަސްނުޖެހެނޭ ކަމަށެވެ.

ފެނަކަ އިން މިފަދަ ބަޔާނެއް ނެރެފައިވަނީ، ފެނަކަ އާ ގުޅޭ ގިނަ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ދަނޑިވަޅެއްގައި އެވެ.

ސީދާ ކުންފުނީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދަށް ތުހުމަތުވާ ގޮތަށް ފެނަކައިން ކޮރަޕްޝަނަށް މަގުފަހިވާ މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށް ބުނެ އޭސީސީއަށް 28 މައްސަލައެއް ހުށަހަޅާފައިވަނީ އެ ކުންފުނީގެ މުވައްޒަފުންތަކެއް ކަމަށް މައުލޫމާތު ވަނީ ލިބިފަ އެވެ.