ފެނަކަ ކޯޕްރޭޝަން

"ފެނަކައާ ގުޅޭ ގޮތުން ފަތުރާ ވާހަކަތަކުގައި ހަގީގަތެއް ނެތް"

ފެނަކަ ކޯޕަރޭޝަނާއި ގުޅޭ ގޮތުން ހުށައަޅާ ކޮރަޕްޝަންގެ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައިވާ ކަމަށް ބުނެ ފެތުރި ހަބަރު އެ ކުންފުނިން ދޮގު ކޮށްފި އެވެ.

ފެނަކައިގެ ގިނަ މައްސަލަތަކެއް އޭސީސީއަށް ހުށައަޅާފައިވާ ކަމަށާ އޭގެ ތެރޭގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދާ ގުޅޭ ގިނަ މައްސަލަތަކެއް އެ ކުންފުނީގެ މުވައްޒިފުން ވެސް ހުށައަޅާފައިވާ ކަމަށް އޭސީސީއާ ހަވާލާދީ ވަނީ ރިޕޯޓް ކޮށްފަ އެވެ. އަދި މައްސަލަތައް ބަލަމުން ދާއިރު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާ އޭސީސީއަށް ފާހަގަ ކުރެވޭ ކަމަށާ ހުށަހެޅި މައްސަލަތަކާ ގުޅިގެން ކަންކަން އިސްލާހުކުރަން އަންގާފައިވާ ކަމަށްވެސް އޭސީސީއާ ހަވާލާދީ ވަނީ ރިޕޯޓް ކޮށްފަ އެވެ.

ފެނަކަ ކޯޕަރޭޝަނާ ގުޅޭ ގޮތުން ހުށަހެޅޭ ގިނަ މައްސަލަތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރެވުނީ ކޮރަޕްޝަންގެ އަމަލުތައް ހިންގަން މަގުފަހިވާ ފަދަ ބަދަލުތައް އެ ކޯޕަރޭޝަންގެ ގަވާއިދަށް ގެނެސްފައި ހުރުން ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އެ ވާހަކަތައް އެ ކުންފުނިން ދޮގު ކުރެއެވެ. އެ ރިޕޯޓްތައް ދޮގުކޮށް ފެނަކައިން ބުނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރާ ގަވާއިދު 3،000 ރުފިޔާއިން 225،000 ރުފިޔާ އާއި ދެމެދުގެ މުއާމަލާތެއް ނަމަ އެ މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ތިން ފަރާތެއްގެ ކޯޓޭޝަން ހޯދުމައް އޮތް އޮތުން ޖޫން 26، 2018 ގައި 10،000،000 ރުފިޔާއަށް މަތިކުރަން ނިންމި ކަމަށެވެެ.

އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރާ ގަވާއިދުގައި ރާއްޖޭން ބޭރުން މުދަލާއި ހިދުމަތް ހޯދުމުގައި އާންމު ބިޑު އުސޫލުން އިއުލާންނުކޮށް ކުރިއަށް ގެންދެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށްފައި ނުވާ ކަމަށް އޭސީސީން ބުނި ނަމަވެސް އެ ކުންފުނިން މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރާ ގަވާއިދުގައި ރާއްޖެއިން ބޭރުން މުދަލާއި ހިދުމަތެއް ހޯދާއިރު ކޯޓޭޝަން ހޯދަން ފޮނުވާން ވާނެ ކަމަށް ބަޔާންކޮށް، ކޯޓޭޝަން ލިބުމުން ދިހި މިލިއަން ރުފިޔާގެ މުއާމަލާތް އޭރަކު ކުންފުނި ހިންގެވުމާއި ހަވާލުވެހުރި ފަރާތެއްގެ ހުއްދައާއި އެކު ކުރިއަށް ގެންދެވިދާނެ ކަމަށް ބަޔާންކޮށްފައި އޮތް އޮތުން އަލަށް އެކުލަވާލި ފެނަކައިގެ މިހާރުގެ ޑިރެކްޓަރުންގެ ބޯޑުން ބަދަލުކޮށްފައިވާ ކަމަށެވެ. އެ ބަދަލު ގެނައީ އޮގަސްޓް 1، 2019 ގައެވެ.

އެގޮތުން ގެނެވިފައިވާ ބަދަލުތަކުގެ ތެރޭގައި 225،000 ރުފިޔާއިން ފެށިގެން ފަސް މިލިއަން ރުފިޔާގެ މުއާމަލާތެއްނަމަ އެ މުއާމަލާތެއް ކުރިއަށް ގެންދާނީ ޑައިރެކްޓް ޕާޗޭސް ކޮމިޓީއިން އިވެލުއޭޓްކޮށް ފާސް ކުރެވިގެން ކަމާއި އަދި ފަސް މިލިއަން ރުފިޔާއިން ފެށިގެން މަތީ މުއާމަލާތެއް ނަމަ އެ މުއާމަލާތެއް ކުރިއަށް ގެންދާނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހުއްދަ ލިބިގެންކަމުގައި ހަމަޖައްސާ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރާގެ ގޮތުގެ ގަވާއިދު ވަނީ އިސްލާހު ކޮށްފައެވެ.

ފެނަކައިގެ މިހާރުގެ ޑިރެކްޓަރުންގެ ބޯޑުން މި އިސްލާހު ގެނެސްފައިވަނީ ވަގުތާއި ހާލަތަށް ބަލައި އަދި ކުންފުނިން ފޯރުކޮށްދެވެމުންދާ ހިދުމަތުގެ ބާވަތަށް ބަލައިގެން މެދުނުކެނޑި ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި ކުރަންޖެހޭ މުއާމަލާތްތައް އިދާރީ ހުރަސްތަކެއްނެތި ފަސޭހައިން މުދަލާއި ހިދުމަތް ހޯދުމުގެ ބޭނުމުގައި ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އަދި އެ ނިންމުންތަކުންވެސް، ކުންފުނިން ނިންމާ ބޮޑެތި ނިންމުންތައް ނިންމުމުގެ ބާރު އެންމެ ފަރާތަކަށް ދިނުމުގެ ބަދަލުގައި، އެއަށްވުރެ ހަރުދަނާ އުސޫލުތަކަކަށް ބަދަލުކުރެވިފައިވާކަން ވަނީ ފާހަގަކޮށްފައެވެ.