އޭސީސީ

ކުޑަ ބަންދޭއާއި ޑރ. އަލީ ލަތީފާއި ޑރ. މިލްޒާއަށް ދައުވާކުރަނީ

ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރް ޓެސްޓް ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް"، އަމިއްލަ މަސްލަހަތު ހިމެނޭ ފަރާތަކަށް -- އާރްއެމްއެލްއެސް ލެބް ސާވިސަސްއަށް ނާޖާއިޒު މަންފާ ހޯދައިދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދުމުގެ މައްސަލައިގައި އައިޖީއެމްއެޗްގެ ކުރީގެ ތިން ވެރިއެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދިފައިވަނީ ކޮވިޑް-19ގެ ދުވަސްވަރު އައިޖީއެމްއެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާކަމާއި، މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމާއި، ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެންބަރު ކަމާއި އަދި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރު ކަން ކުރައްވާފައިވާ މ. ގައްދަޑުގެ ޑރ. އަލީ އަބްދުﷲ ލަތީފާއި އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ މއ. ބަންދުގެ އިބްރާހީމް ސަލީމްގެ އިތުރުން އައިޖީއެމްއެޗްގެ ލެބޯޓަރީގެ ކުރީގެ ހެޑް ގދ. ތިނަދޫ، ގަހާކޯޅި، ޑރ. މިލްޒާ އަބްދުލްމުހްސިންގެ މައްޗަށެވެ.

މި ތިން ބޭފުޅުންގެ މައްޗަށް ދައުވާކޮށްދިނުމަށް ހުށަހެޅީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައެވެ.

އޭސީސީ އިން ބުނީ މައްސަލައިގެ ތަހުގީގުން ހޯދި ހޯދުންތަކުން ޑރ. އަލީ އަބްދުﷲ ލަތީފް އަދި އޭނާގެ މަސްލަހަތު އޮންނަ އާރްއެމްއެލްއެސް ލެބް ސާވިސަސް އިން މަނީލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ވަކި މައްސަލައެއްގެ ގޮތުގައި ޑރ. އަލީ އަބްދުﷲ ލަތީފާއި އާރްއެމްއެލްއެސް ލެބް ސާވިސަސްގެ މަނީ ލޯންޑަރިންގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާއަށް ފޮނުވާފައިވާ ކަމަށެވެ.

ޑރ. އަލީ އަބްދުﷲ ލަތީފް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ހުށަހަޅާފައިވާ ޓެކުހާއި ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު ޓެކުހަށް މަކަރުހަދައި އޮޅުވާލާފައިވާ ކަމަށް ތަހުގީގުން ހޯދާފައިވާ ހޯދުންތަކުން ތުހުމަތު ކުރެވޭތީ، އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި މީރާއަށް ފޮނުވާފައިވާ ކަމަށްވެސް އޭސީސީ އިން ބުންޏެވެ.

މީގެއިތުރުން މި މައްސަލައިގައި، ޑރ. އަލީ އަބްދުﷲ ލަތީފް އަދި ޑރ. މިލްޒާ އަބްދުލްމުހްސިނާ ގުޅިގެން ފާހަގަކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލުކަމަށް ގެނެސް އަދި އެ ދެ ފަރާތާ މެދު ފިޔަވަޅެއް އަޅަންޖެހޭ ކަމުގައިވާނަމަ އެ ފިޔަވަޅެއް އެޅުމަށް އެ ކައުންސިލްގައި އެދިފައިވާނެ ކަމަށްވެސް އޭސީސީ އިން ބުނެފައިވެ އެވެ.