ވެޭތުވެދިޔަ 2019 ވަނަ އަހަރުގެ އޮކްޓޫބަރު 31 ވަނަ ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ރާއްޖޭގެ އެންމެ ފުރަތަމަ ކެޕިޓަލް މާކެޓް ފޯރަމް އިފްތިތާހު ކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ދެއްކެވި ވާހަކަފުޅުގައި ވަރަށް އަގުހުރި ވާހަކަކޮޅެއް ވެއެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ މައި ލޭނާރަކީ އެޤައުމެއްގެ އިޤްތިޞާދުގައި ހަރަކާތްތެރިވާ ކުންފުނިތައް ކަމާއި، މި ކުންފުނިތައް ރާއްޖޭންބޭރުގައި ޤާއިމުވާން ޖޭހޭ ކަމެވެ. އަދި ބޭރުގެ އިންވެސްޓަރުންނަށް މި ކުންފުނިތައް ހުޅުވާލަންޖެހޭކަމެވެ. އަދި މިކަން ޙާޞިލުކުރުމަށް އޮތް އެންމެ އެކަށީގެންވާ ވަޞީލަތަކީ ކެޕިޓަލް މާކެޓް ކަމުގައި އެމަނިކުފާނު ދެކެ ވަޑައިގަންނަވާ ކަމެވެ.
ކޮންމެ ޤައުމެއްގައި ވެސް އެޤައުމެއްގެ ފުދުންތެރިކަމަކީ ވަރަށް ގިނަ ކަންތައްތައް ޙާޞިލު ކުރުމުގެ ތަޅުދަނޑިއެވެ. ޤައުމެއްގެ އަމާންކަން ގުޅިފައިވަނީ އާންމު ފަރުދުންގެ ފުދުންތެރިކަމާ އެވެ. ފުދުންތެރިކަން ދަށްވުމާއި ގައުމުތަކުގެ ހަމަޖެހުން ގެއްލިދިޔުމާއި ގުޅޭކަން ދުނިޔޭގެ އެކި ގައުމުތަކުން ފެންނަ މަންޒަރުތަކާއި މިކަމާ ބެހޭގޮތުން ހެދިފައިވާ ދިރާސާތަކުން އެނގެއެވެ.
ދިވެހިރާއްޖޭގެ މިއަދުގެ ހާލަތައް ބަލާ ނަމަ ފެންނާން އޮތް ހަޤީގަތަކީ ދިވެހި ރައްޔިތުންގެ އެންމެ ބޮޑު އެއް އުދާހެއް ގުޅިފައިވަނީ އާންމު ފަރުދުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ނުވާކަން އިހުސާސްވުމާއި، ފަރުދުންނަށް އޮތް މާލީ ނުތަނަވަސްކަމޭ ބުނެވިދާނެ އެވެ.
ރަނގަޅު އިޤްތިޞާދީ ނިޒާމެއް ކުރިއެރުވުމަކީ އާންމު ރައްޔިތުން ފުދުންތެރި ކުރުވުމަށް އޮތް އެންމެ ހެޔޮ ފާލެވެ. މިގޮތުން، ކާމިޔާބު އިޤްތިޞާދެއް ބިނާކުރުމަށް ކޮންމެ ގައުމަކުން ވެސް އެންމެ އިސްކަން ދޭން ޖެހެނީ ޤައުމުގެ ބޮޑެތި ވިޔަފާރިތަކަކީ އެންމެހާ އާންމު ފަރުދުންނަށް ބައިވެރިވުމުގެ ފުރުޞަތު އޮންނަ ނިޒާމެއްގެ ތެރެއިން ކުރިއަރާ ވިޔަފާރިތަކަށް ހެދުމެވެ.
މި ގޮތުން ކޮންމެ ޤައުމެއްގެ ވެސް ކެޕިޓަލް މާކެޓަކީ އާންމު ރައްޔިތުންނަށް މިފަދަ ކުންފުނިތަކުގެ މިލްކުވެރިކަމުގެ ވަލުގައި ހިފުމަށް ހުޅުވިފައި އޮންނަ ދޮރެވެ. ދުނިޔޭގެ ކާމިޔާބު ކުންފުނިތައް ކަމަށްވާ އެޕަލް، މައިކޮރްސޮފްޓް އިން ފެށިގެން ގޮސް އީޖާދީ އަދި ފިކުރީ މުއްސަނދިކަން ހުރި ނަމަވެސް، ވިޔަފާރި ފުޅާކުރުމަށް ފައިސާ ހޯދަން ބޭނުން ފަރާތްތަކަށް ކުރިއަރާ ދިޔުމަށް އޮތް ފަހި ބާޒާރެކެވެ.
ކެޕީޓަލް މާކެޓަކީ އެއްގޮތަކުން ބުނާ ނަމަ ބެންކުތަކުގެ ބަދަލުގައި ފައިސާ ހޯދޭނެ ވާދަވެރި ނިޒާމެވެ. ދުނިޔޭގެ އިދާރާތަކުން ހެދިފައިވާ ދިރާސާތަކުން ފާހަގަވާ ގޮތުގައި ކެޕިޓަލް މާކެޓަކީ ބޭންކުތައް ކުރިއެރުމަށް އޮތް ހުރަހެއް ނޫނެވެ.
މިގޮތުން އޭޝިއަން ޑިވެލޮޕްމަންޓުން 2019 ވަނަ އަހަރު ހެދި ދިރާސާއަކުން ފާހަގަ ވަނީ ކެޕިޓަލް މާކެޓް ކުރިއެރުމާއި ބޭންކުތަކުގެ ކުރިއެރުމާ ވަނީ ސީދާ ގުޅިލާމެހިފައި ކަމެވެ.
ޙިއްޞާގެ ބާޒާރަކީ އާންމު ފަރާތްތަކުގެ އަތުގައި ރައްކާކުރެވޭ ފައިސާ ޗެނެލްކޮށް، ފައިސާ ބޭނުންވާ ވިޔަފާރިތަކަށާއި އާންމުންނަށް ހުޅުވާލައިގެންނާއި ހުޅުވާނުލައި ފަންޑު ފޯރޮކޮށްދޭ ފުރިހަމަ ނިޒާމެކެވެ. މި ނިޒާމުގެ އެންމެ ޙާއްޞަ ސިފައަކީ މި ބާޒާރުގައި ބައިވެރިވާ އެންމެހާ ކުންފުނިތަކުގެ މަޢުލޫމާތުތަކަކީ ހާމަކުރަން ޖެހޭ މަޢުލޫމާތު ތަކަށް ވުމެވެ. ދެފުށް ފެންނަ ގޮތުގައި އޮންނަ ނިޒާމެކެވެ. އާންމުންގެ މަސްލަޙަތު ޒިންމާދާރުކުރެވޭ ނިޒާމެކެވެ.
ފަލްސަފީ ނަޒަރުން ބަލާ ނަމަ ކޮންމެ ޤައުމަކަށް ވެސް ކެޕިޓަލް މާކެޓް މުހިންމުވާ އެއް ސަބަބެއް އޮވެއެވެ. ކޮންމެ ޤައުމެއްގެ ވެސް ހުރި މުދަލާއި ޤުދުރަތީ މުއްސަނދިކަމަކީ އެ ޤައުމެއްގެ އެންމެހާ ރައްޔިތުންގެ މިލްކެކެވެ. އެހެންކަމުން، ޤައުމެއްގެ އެންމެހާ ރައްޔިތުންގެ މިލްކުވެރިކަމުގައިވާ މުދަލާއި އާންމު ޙިދުމަތްތަކާއި ޤުދުރަތީ ވަޞީލަތްތަކުގެ ބޭނުން ހިފައިގެން ކުންފުނިތަކުން ބޮޑެތި ވިޔަފާރި ކުރާއިރު، އެފަދަ ވިޔަފާރިތަކުގައި އާންމުންނަށް ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދޭ ހަރުދަނާ ނިޒާމެއް އޮންނަން ވާނެކަމެވެ. އެހެންކަމުން ކެޕިޓަލް މާކެޓުގެ މި ނިޒާނު ފުރިހަމަ ގޮތުގައި ޤާއިމުކުރެވިއްޖެ ނަމަ، ފަރުދުންގެ ފުދުންތެރިކަން އިތުރުކުރުމުގެ ފުރުޞަތު ތަނަވަސްވެގެން ދާނެއެވެ. މިގޮތުން އެންމެ ފަހުން ނިމިދިޔަ ޕަބްލިކް އޮފަރިންގތަކަށް ބަލައިލުމުން، ޢާންމު ފަރުދުން އިންވެސްޓުކުރުމަށް ހުރި ޝައުޤުވެރިކަން ހާމަވެގެންދިޔައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދިވެހިރާއްޖޭގެ ކެޕިޓަލް މާރކެޓުން ތަފާތު އެއް ކަމެއް ފާހަގަވެއެވެ. އާންމު ފަރުދުންގެ ބައިވެރިވުން މި ބާޒާރުގައި ނިސްބަތުން ގިނަ ކަމެވެ.
ދިވެހިރާއްޖޭގެ ހިއްޞާގެ ބާޒާރު
ފުރިހަމަ ކެޕިޓަލް މާކެޓެއްގައި ޙިއްޞާގެ އަގު ބަރޯސާވަނީ ކުންފުނީގެ ހަރުދަނާކަމާ އެވެ. ހަރުދަނާ ކެޕިޓަލް މާކެޓެއްގައި އާންމުންނާއި މީޑިއާއަށް ޕަބްލިކު ކުންފުނިތަކަށް ފާރަވެރިވުމުގެ ފުރުޞަތު ލިބިދެއެވެ. ނުކިއްސަރު އަމަލެއް ހިންގާ ނަމަ ނުވަތަ ކުންފުނީގެ ހިންގުން ހަރުދަނާ ނޫން ނަމަ ކުންފުނީގެ އިތުބާރު ގެއްލި ޙިއްޞާގެ އަގު ދަށަށް ދެއެވެ.
ދިވެހިރާއްޖޭގައި ޙިއްޞާގެ ބާޒާރުގެ ޚިދުމަތް ރަސްމީ ސިފައެއްގައި ދެމެން ގެންދާތާ މިހާރު ގާތްގަނޑަކަށް 18 އަހަރު ވީއެވެ. އެހެންނަމަވެސް، މި ބާޒާރަކީ އަދިވެސް މި ބުނެވުނު ބީދައިން ޙިއްޞާގެ އަގު ބަދަލުވުމުގައި ޅަފަތުގައި އޮތް ބާޒާރެކެވެ.
ދިވެހިރާއްޖޭގެ ޙިއްޞާގެ ބާޒާރު ފުޅާވަމުން ދާ މިންވަރަށް ބަލައިލުމުން ފެންނަނީ ރަނގަޅު މަންޒަރެކެވެ. މި ބާޒާރުގެ ޖުމްލަ އަގު ނުވަތަ މާކެޓް ކެޕިޓަލައިޒޭޝަން 2002 ގައި 548 މިލިއަން ރުފިޔާގައި ތިން ކުންފުންޏާއި އެކު އޮތް ނަމަވެސް، މިހާރު މި ބާޒާރަކީ 17 ބިލިއަން ރުފިޔާގެ އަގުހުރި، ޖުމްލަ 10 ޕަބްލިކް ކުންފުނި ހަރަކާތްތެރިވާ ބާޒާރެކެވެ.
އަދި 42000 އަށް ވުރެ ގިނަ ޙިއްޞާދާރުން ރާއްޖޭގެ 20 އަތޮޅުގެ ގާތްގަނޑަކަށް 207 ރަށުގައި އެބަތިއްބެވެ. ނަމަވެސް، މިއީ އަދި މި ބާޒާރުގެ ހަމަ ސޫރައެއް ނޫނެވެ. މި ބާޒާރަކީ އެތައް ބިލިއަން ޑޮލަރުގެ އަގުހުރި ދިވެހިރާއްޖޭގެ ރަންބިސް އަޅާ ކުކުޅަށް ހެދިދާނެ އާރު ހުރި ބާޒާރެކެވެ. ދުނިޔޭގެ އެކި ބައްރުތަކުގައި ހުރި އެކި އިންވެސްޓްމަންޓް ފަންޑުތަކާއި ބޮޑެތި ކުންފުނިތައް ޝާމިލްވާ ބާޒާރަކަށް ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް ހެދިދާނެއެވެ.
ކެޕިޓަލް މާކެޓަކީ އާމްދަނީގެ ފަރަގު ކުޑަކުރަން އޮތް ހައްލެއް!
ދިވެހިރާއްޖެއަކީ ވަޞީލަތުގެ ގޮތުން މަދު ޤައުމެކެވެ. ނަމަވެސް އިޤްތިޞާދީ ގޮތުން ކުރިއަރާ ދިޔުމަށް ފަހި ފުރުސަތުތަކެއް ހުރި ޤައުމެކެވެ. ވޯލްޑް ބޭންކުން އާންމުކޮށްފައިވާ ތަފާސްހިސާބުން ފެންނަ ގޮތުގައި ރާއްޖޭގައި ބޮލަކަށް އަހަރަކު ޖެހޭ އާމްދަނީ ހުރީ 2019 ވަަނަ އަހަރު 10668 އެމެރިކާ ޑޮލަރުގަ އެވެ. ސައުތު އޭޝިއާއަށް ބަލާނަމަ މިއީ ބޮޑު އަދަދެކެވެ.
އަވަށްޓެރި އިންޑިޔާއަށް ބަލާނަމަ 2000 އެއްހާ އެމެރިކާ ޑޮލަރު ބޮލަކަށް ޖެހޭ އިރު ސްރީލަންކާގައި ބޮލަކަށް ޖެހެނީ 4000 އެއްހާ އެމެރިކާ ޑޮލަރެވެ. ދިވެހިރާއްޖޭގައި ބޮލަކަށް ނިސްބަތުން އަހަރަކު ޖެހޭ ނިސްބަތް ބޮޑު ނަމަވެސް ޙަޤީގަތުގައި ބޮލަކަށް ލިބޭ އާމްދަނީ ހައިރާންވާހާ ދަށެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން 2016 ވަނަ އަހަރު އާންމުކޮށްފައިވާ ތަފާސްހިސާބުން ފެންނަ ގޮތުގައި ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 60 ޕަސެންޓް މީހުންނަށް މަހެއްގެ މައްޗަށް އެވްރެޖްކޮށް ލިބެނީ 5000 އެއްހާ ރުފިޔާއެވެ. އަދި އާބާދީގެ އެއް ޕަސެންޓް މީހުންނަކީ 20000 ރުފިޔާ އިން މަތީގެ އާމްދަނީ އެއް ލިބޭ މީހުންނެވެ.
ނަމަވެސް، 2016 ވަނަ އަހަރު ރާއްޖޭގެ ބޮލަކަށް ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން އެވްރެޖްކޮށް އަހަރަކު 142450 ދިވެހި ރުފިޔާ -- 9238 އެމެރިކާ ޑޮލަރު -- ނުވަތަ 12 މަހަށް މިއަދަދު ބަހާލާ ނަމަ 11870 ރުފިޔާ ޖެހުނެވެ.
ދެން އޮތީ ފަޤީރުކަމުގެ ނިސްބަތެވެ. ރާއްޖޭގެ އާބާދީގެ 8.2 ޕަސެންޓް މީހުންނަކީ ދިވެހިރާއްޖެއިން ކަނޑައަޅާފައި އޮތް ފަގީރުކަމުގެ ރޮނގު ކަމުގައިވާ ދުވާލަކަށް ބޮލަކަށް 74 ދިވެހި ރުފިޔާ އިން ދަށުގައި ދިރިއުޅޭ މީހުންނެވެ. ރާއްޖޭ ބައެއް އަތޮޅުތަކުގައި މި ނިސްބަތް 24 ޕަސެންޓަށް ވެސް އެބަހުއްޓެވެ. މިކަމުން ސާފުވާ އެއްކަމަކީ ދިވެހިރާއްޖޭގައި އާމްދަނީގެ ފަރަގު އޮތް ނާޒުކު ޙާލަތެވެ. ވަކި ބައެއްގެ އަތްމައްޗަށް ޤައުމުގެ އާމްދަނީގެ ބޮޑުބައެއް ޖަމާވަމުންދާ ދިޔުމެވެ.
ކެޕިޓަލް މާކެޓަކީ މި މައްސަލައަށް އޮތް ބޮޑު ޙައްލެކެވެ. ނަމަވެސް ރަނގަޅު ގޮތުގައި މިކަން ހާސިލުވަމުންދާ ނަމައެވެ. ދުނިޔޭގެ ޙިއްޞާގެ ބާޒާރު އެންމެ ބޮޑު ޤައުމުކަމުގައިވާ އެމެރިކާގައި ޙިއްޞާގެ ބާޒާރު ތަރައްޤީކުރަން ގެންގުޅޭ ސިޔާޞަތުގެ ސަބަބުން އާމްދަނީގެ ފަރަޤު ބޮޑު ވަމުންދާކަން ދިރާސާ އިން ހެކިދެއެވެ. ނަމަވެސް، ރާއްޖޭގައި މިކަން ކާމިޔާބު ކުރުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ކުރެވިދާނެއެވެ. ދަޢުލަތުން އާންމުންނަށް ޙިއްޞާ ގަތުމަށް މާލީ ގޮތުން ލުއި ގޮތްތަކެއް ހޯދާދިނުމާއި އެންމެހާ ފަރުދުން ހޭލުންތެރިކުރުމަކީ މިކަން ކާމިޔާބު ކުރުމަށް މުހިއްމު ފިޔަވަޅުތަކެވެ.
ފަންޑު ހޯދަން ބޭންކަށް ބަރޯސާވުން
ކުޑަ ޖަޒީރާ ޤައުމަކަށް ވީ ނަމަވެސް، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަކީ ދުނިޔޭގެ މި ސިނާޢަތުގައި އިންވެސްޓަރުންގެ ކަޅި އެންމެ ފުރަތަމަ ހުއްޓޭ އެއް ޤައުމެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ރާއްޖޭގެ ބެންކުތަކުން 2019 އަހަރުގެ ނިޔަލަށް ޖުމްލަ 24.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ އިރު، އޭގެ ތެރެއިން 8.9 ބިލިއަން ރުފިޔާ އަކީ ފަތުރުވެރިކަމުގެ އިންވެސްޓްމަންޓުތަކަށް ދޫކޮށްފައިވާ ފައިސާއެވެ. އެހެންކަމުން، ރާއްޖޭގެ ބޭންކުތަކުން ދޫކުރެވިފައިވާ ލޯނުތަކުގެ 36 އިން ސައްތައަށް ވުރެ ގިނަ ޢަދަދެއްގެ ފައިސާ ހުރީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި އިންވެސްޓް ކުރެވިފައެވެ.
ފަތުރުވެރިކަމުގެ ސިނާޢަތުގައި އާންމުންނަށް ހުޅުވާލައިގެން ފައިސާ ހޯދި ހަމައެކަނި ކުންފުންޏަކީ މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އެވެ. ދެންހުރީ އެހެނިހެން ސިނާޢަތްތަކުގެ ކުންފުނިތަކެވެ. އާންމުންނަށް ފުރަތަމަ ކޮޅު ހުޅުވާލި އެމްޓީޑީސީ ގެ 2.8 މިލިއަން ޙިއްޞާގެ ތެރެއިން 1.6 މިލިއަން ޙިއްޞާ ވިކި ޖުމުލަ 196 މިލިއަން ރުފިޔާ ވަނީ ހޯދާފަ އެވެ.
މި ކުންފުނި ހިންގުމުގައި އެދެވޭ ނަތީޖާއެއް ނުނެރެވުމުގެ ސަބަބުން ހިތި މާޒީ އެއް އޮތް ކަމުގައިވިޔަސް، ހިންގުމުގެ ތަޖުރިބާ ހުރި ފަތުރުވެރިކަމުގެ ރަނގަޅު ކުންފުނިތަކެއްގެ ޙިއްޞާ ވިއްކަން ހުޅުވާލެވިއްޖެ ނަމަ ފުރިހަމަ ކާމިޔާބީއެއް ލިބޭނެކަމަށް ޔަގީން ކުރެވެ އެވެ.
އެންމެފަހުން ހުޅުވާލެވުނު މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ ޙިއްޞާ ވިއްކުމުން މިކަމަށް ހެކިދެއެވެ. އެމްއައިބީ އިން ވަނީ ވިއްކަން ހުށަހެޅި 244 މިލިއަން ރުފިޔާގެ ޙިއްޞާ ކަމުގައިވިޔަސް، އެ ބޭންކުން ވަނީ މިޢަދަދަށް ވުރެ އިތުރަށް 112 މިލިއަން ރުފިޔާގެ ތަރުހީބެއް ހޯދާފަ އެވެ. ދިވެހިރާއްޖޭގެ ޙިއްޞާގެ ބާޒާރުގައި އިންވެސްޓުކޮށްފައި ހުރި ފަރާތްތަކަށް ލިބޭ ޑިވިޑެންޑުން އަހަރު އަށް ޕަސެންޓް އާއި 17 ޕަސެންޓްގެ ރިޓާން އެއް ލިބެމުންދެއެވެ.
ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާކުރުމަށް ބޭނުންވެފައިވާ މި ޙާލަތުގައި، ކެޕިޓަލް މާކެޓަކީ މި އިންވެސްޓުމަންޓުތައް ވުޖޫދަށް ގެނައުމަށް ޙައްލެއް ގެނުވައިދޭނެ ކަމެކެވެ.
ކުރިއަށް ދާންވީ ގޮތް
ކެޕިޓަލް މާކެޓުގެ ބައިވެރިވުމާއެކު އިޤްތިސާދީ ހަމަހަމަކަން ކުރިއެރުވުމަށް ބޭނުންވަނީ ޙިކުމަތްތެރި ރޭވުންތަކަކާއި ތަންފީޒީ ފިޔަވަޅުތަކެކެވެ. ރާއްޖޭގައި ހުރި ބޮޑެތި ސިނާޢަތްތައް ކަމުގައިވާ ޓޫރިޒަމާއި މަސްވެރިކަމާއި ކޮންސްޓަރަކްޝަނާއި ދަތުރުފަތުރުކުރުމުގެ ސިނާޢަތުން ކެޕިޓަލް މާރކެޓުގައި ޝާމިލްވުން އިތުރުކުރަން ޖެހެއެވެ. އާންމުން ހޭލުންތެރިކުރުވަން ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. ދިވެހި ދަޢުލަތުން މި ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފުޅާ ދާއިރާއެއްގައި ޓެކްސްގެ އިސްތިސްނާ ލިބޭނެ އިސްލާޙުތައް ޤާނޫނީގޮތުން ތަޢާރަފުކުރަން ޖެހެއެވެ.
ހަމައެހެންމެ، ދިވެހިރާއްޖޭގައި ޤާއިމްކުރެވޭ ބޮޑެތި މަންފާ ލިބޭ އަދި ދަޢުލަތުން ޙާއްޞަ އިނާޔަތްތަކެއް ދެވިގެން ކުރެވޭ އިންވެސްޓްމަންޓުތަކަކީ ކެޕިޓަލް މާރކެޓުގެ ތެރެއިން ހަރަކާތްތެރިވާ ވިޔަފާރިތަކެއް ކަމުގައި ލާޒިމް ކުރެވިދާނެއެވެ. ނޫން ނަމަ، ވަކި އަހަރަކަށް ފަހު އެފަދަ ވިޔަފާރިތައް އާންމުންނަށް ހުޅުވާލަން ޝަރުތު ކުރެވިދާނެއެވެ. ހަމައެހެންމެ، އެހެން ޤައުމުތަކުގައި ޕަބްލިކް ކުންފުނީގެ ގޮތުގައި ހަރަކާތްތެރިވާ ކުންފުނިތައް ރާއްޖޭގައި އިންވެސްޓުކުރުމަށް ފުރުސަތު ދޭއިރު ޑުއަލް ލިސްޓް ކުރުމަށް ބާރު އެޅިދާނެ އެވެ.
ދިވެހިރާއްޖޭގެ އިގްތިޞާދުގެ މައި ލޭނާރު ކަމުގައިވާ ޓޫރިޒަމް ދާއިރާގެ ރަނގަޅު ކުންފުނިތަކެއް ޙިއްޞާގެ ބާޒާރުގައި ބައިވެރިވާން ޖެހެއެވެ. ޓޫރިޒަމަށް ރަށްތައް ބިޑަށް ހުޅުވާލާއިރު، ޢާންމުނަށް ޙިއްޞާދޫކުރުމަށް ޕްރޮޕޯސަލް ތަކުގައި ހިމާނާފައިވާ ނަމަ، އިތުރަށް ޕޮއިންޓް ލިބޭ ގޮތަށް ހަމަޖެއްސުމަކީ މިކަމަށް މަގުފަހިވާނެކަމެކެވެ. ރިސޯޓުތައް ޙިއްޞާގެ ބާޒާރުގައި ބައިވެރިވުމަކީ ޙިއްޞާ ގަންނަން ތިބި އާންމުންނާއި އިންސްޓިޓިއުޝަނަލް އިންވެސްޓަރުންގެ އިތުބާރު މި ސިނާޢަތަށް ލިބޭނެ ވަރަށް މުހިއްމު ކަމެކެވެ. ރާއްޖޭއިން ބޭރުގެ ފޮރިން އިންވެސްޓަރުން ރާއްޖޭގެ ކެޕިޓަލް މާކެޓުގައި ހަރަކާތްތެރިވުމަށް އެޅޭނެ މުހިއްމު ފާލަމެކެވެ. ދިވެހިރާއްޖޭގެ ކެޕިޓަލް މާރކެޓުގައި ހުޅުވާލެވުނު ޙިއްޞާ އާއި ބޮންޑަށް މިހާތަނަށް ވަނީ 2.8 ބިލިއަން ރުފިޔާ ހޯދިފައެވެ. މި އަދަދަކީ ރާއްޖޭގައި މާ ބޮޑެތި އިންވެސްޓްމަންޓު ފަންޑުތަކެއް ނެތި ޅަފަތުގައި އޮޮތް ބާޒާރަކުން ދައްކައިދިން އުއްމީދީ މަންޒަރެކެވެ.
ދިވެހިރާއްޖޭގެ ބޮޑެތި ކުންފުނިތަކަށް ބޭނުންވާ ފައިސާ ރާއްޖެއިން ބޭރުން ހޯދުމުގެ ބަދަލުގައި ރަނގަޅު އިން ސައްތައެއް ރާއްޖޭގެ ކެޕިޓަލް މާކެޓްގެ ތެރެއިން ބޮންޑުގެ ގޮތުގައި ހޯދިދާނެ އެވެ. ބޮންޑުގެ ގޮތުގައި ޕަބްލިކް ކުންފުންޏަކަށް ވާކަށް ނުޖެހެއެވެ. އަމިއްލަ ކުންފުނިތަކަށް ވެސް މިމަގު އޮތީ ހުޅުވާލެވިފައެވެ. ހައުސިންގެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަކީ މި ބުނެވުނު އުސޫލުން ބޮންޑުގެ ގޮތުގައި ފައިސާ ހޯދަމުން އަންނަ ކާމިޔާބު ކުންފުންޏެކެވެ. ރާއްޖޭގައި އޮތް އެންމެ ބޮޑު ފަންޑު، މޯލްޑިވްސް ޕެންޝަން ފަންޑުން ދަނީ މިފަދަ އިންވެސްޓްމަންޓުތަކަށް އިންވެސްޓުކޮށް ނަފާ ލިބިގަންނަމުންނެވެ.
ދެން އޮތީ އިންވެސްޓްމަންޓު ފަންޑުތައް ރާއްޖޭގައި އިތުރުކުރުމުގެ މަސައްކަތެވެ. ބޮޑެތި ކުންފުނިތައް ރާއްޖޭގެ ޙިއްޞާގެ ބާޒާރުގައި އިތުރުކުރުމަށް މިފަދަ ފަންޑުތައް އިތުރު ކުރަންޖެހެއެވެ. ރާއްޖޭގައި މި ވަގުތު އޮތް އެންމެ ބޮޑު ފަންޑަކީ މޯލްޑިވްސް ޕެންޝަން ފަންޑެވެ. ދެން އޮތީ ޅަފަތުގައި އަދި އޮތް ދެ އިންވެސްޓްމަންޓް ފަންޑެވެ. ނަމަވެސް، ދުނިޔޭގެ ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގައި މިފަދަ އެތައް ފަންޑެއް އެބަ އޮވެއެވެ. މިސާލަކަށް، މެލޭޝިއާއަށް ބަލާ ނަމަ 2019 ގެ ނިޔަލަށް ރިއަލް އެސްޓޭޓް ޓްރަސްޓުގެ ގޮތުގައި 18 ފަންޑު އޮތް އިރު، ޖުމުލަ 12.2 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ފައިނޭންޝަލް އެސެޓު މި ފަންޑު ތަކުން މެނޭޖުކުރެއެވެ.
ރާއްޖޭގެ ކެޕިޓަލް މާކެޓް ފުޅާވުމަކީ ދިވެހި އެންމެހާ ފަރުދުންގެ އަރުގައި މިކަމުގެ މީރު ރަހަ ލާނެ ކަމެކެވެ. ހަމައެހެންމެ، ޓޫރިޒަމަށް ބަރޯސާވެފައިވާ މި ރާއްޖޭގެ އިގްތިޞާދު ދުނިޔެއަށް އަންނަ ލޮޅުންތަކުގައި ހަމަ މަގުގައި ދަމަހައްޓައިދޭނެ މުހިއްމު ބާރެކެވެ. ސްޓްރެޓަޖީ ރަނގަޅު ރޭވުންތަކަކާ އެކު ދިވެހިރާއްޖޭގެ ތަރައްޤީ އާާއި ތަމައްދުން ގެނުވަން ބޭނުންވާ ފައިސާ ފޯރުކޮށްދޭ މައި އެއް އިންޖީނަށް ކެޕިޓަލް މާކެޓް ހެދިދާނެ އެވެ.