ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އާއްމު ހިއްސާދާރުންގެ ޑިރެކްޓަރު ކަމަށް ހުޅުވާލައިފި

Aug 2, 2021

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިިފި އެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ ހިންގާ ގަވާއިދުގެ 47 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރުންގެ ތެރެއިން މަދުވެގެން ތިން ޑިރެކްޓަރުންނަކީ އާންމު ހިއްސާދާރުން އިންތިހާބުކުރާ ޑިރެކްޓަރުންކަމުގައި ވާން ޖެހޭނެ ކަމަށެވެ. އެ ބޭންކުން މިމަހުގެ 15 ވަނަ ދުވަހު ބޭއްވި އޭޖީއެމްގައި ތިން ޑިރެކްޓަރުންގެ ތެރެއިން ދެ ޑިރެކްޓަރުން ވަނީ އިންތިހާބުކޮށްފަ އެވެ.

މި މަގާމަށް ކުރިމަތިލާ މީހުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޕްރުޑެންޝިއަލް ރެގިއުލޭޝަންގައި ބުނާ "ފިޓް އެންޑް ޕްރޮޕަ ރިކުއަމެންޓްސް" ފުރިހަމަވާން ޖެހެ އެވެ.

ބީއެމްއެލް އިން ބުނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވާނެންސް ކޯޑުގައި ބަޔާކޮށްފައިވާ ގޮތުގެ މަތީން ބޭންކުގެ ބޯޑުގައި ޖެންޑަ ޑައިވާސިޓީ ހިމެނުމަށް ބާރުއެޅުމުގެ ގޮތުން ބޯޑުގެ މެންބަރުންގެ ގޮތުގައި އަންހެން ބޭފުޅުން ކުރިމަތިލުމަކީ އެ ބޭންކުން އަބަދު ވެސް މަރުހަބާ ކިޔާ ކަމެއް ކަމަށެވެ.

މި މަގާމަށް ކުރިމަތިލުމަަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

ގައުމީ ބޭންކުން އެންމެ ފަހުން ބޭއްވި އަހަރީ އާއްމު ޖަލްސާގައި ޗެއާމަނެއް ވެސް ވަނީ ހޮވާފަ އެވެ. ޗެއާމަންގެ މަގާމަށް ހޮވާފައިވަނީ ޔޫޝައު ސައީދު އެވެ. މީގެ އިތުރުން އާއްމު ހިއްސާދާރުން ތަމްސީލް ކުރަން ހޮވާފައިވަނީ ނ. ހޮޅުދޫ، ނެލުމް، އިބްރާހީމް މުހައްމަދާއި ގ. އުފާ، އަހުމަދު މުހައްމަދު އެވެ.