މިދިޔަ އަހަރު ބީއެމްއެލް އަށް ލިބުނު ފައިދާ ދަށްވިނަމަވެސް، ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި 80.7 މިލިއަން ރުފިޔާ ބަހަން ހުށަހަޅަން ބޯޑުން ނިންމައިފި އެވެ.
ގައުމީ ބޭންކް، ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ބޭއްވި ބައްދަލުވުމުގައި މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާ އަކަށް 15 ރުފިޔާގެ މަގުން ޖުމްލަ 80.7 މިލިއަން ރުފިޔާ ބަހަން ހުށަހަޅަން ވަނީ ނިންމާފަ އެވެ.
ކޮވިޑް-19 ގެ ސަބަބުން ކުރިން ވެސް އަންދާޒާ ކުރެވުނު ފަދައިން ބޭންކުގެ ވިޔަފާރިއަށާއި އާމްދަނީ ލިބޭ މައިގަނޑު ގޮތް ތަކަށް ވަނީ އަސަރުކޮށްފަ އެވެ. ބޭންކުގެ އަހަރީ ނަތީޖާ އިން މިކަން ހާމަވެ އެވެ. މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ނަތީޖާ ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 68 ޕަސެންޓަށްވުރެ ބޮޑު ދަށްވުމެކެވެ.
ހިއްސާގެ ފައިދާ ބަހަން ނިންމުމާ ބެހޭ ގޮތުން، ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ކާމިޔާބު ނަތީޖާއެއް 2019 ވަނަ އަހަރު ދެއްކުނު ނަމަވެސް، ކޮވިޑް-19 ގެ ސަބަބުންނާއި އަންދާޒާ ކުރެވިފައި ނުވާނެހެން ވިޔަފާރި ހުއްޓުމަކަށް އައުމުން މިދިޔަ އަހަރުގެ އާމްދަނީ ބޮޑުތަނުން ދަށްވި ކަމަށެވެ.
"މިކަމުން އަރައިގަތުމުގައި ހެޔޮ ބަދަލުތަކެއް ފެންނަމުންދާއިރު އަޅުގަނޑުމެން ވެސް ގަދައަޅައި މަސައްކަތްކުރަމުން ދާނީ މި އަހަރު ހަރުދަނާ މާލީ ނަތީޖާއެއް ހޯދުމަށް. މި ދަތި އުނގަދޫ ދަނޑިވަޅުގައި ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ދާ ބޭންކުގެ މުވައްޒަފުންނަށާއި ބޭންކަށް އިތުރުބާރުކުރައްވާ އަޅުގަނޑުމެންނާ އެކު ކުރިއަށް ވަޑައިގަންނަވާ ހިއްސާދާރުންނާއި ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" ޓިމް ވިދާޅުވި އެވެ.
ހިއްސާގެ ފައިދާ ބަހާނީ ބުކް ކްލޯޝާ ޑޭޓުގެ ކުރިން ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ލިސްޓުކޮށްފައިވާ ހުރިހާ ހިއްސާދާރުންނަށެވެ. ބުކް ކްލޯޝާ ޑޭޓު އިއުލާނުކުރާނީ އަހަރީ އާންމު ޖަލްސާގެ ނޯޓިހާއެކުގަ އެވެ.