އުރީދޫ

އުރީދޫން އާއްމު ހިއްސާދާރުންގެ ޑިރެކްޓަރުން ހޯދަނީ

Dec 24, 2021

އުރީދޫ މޯލްޑިވްސް އިން އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އުރީދޫން ވަނީ އާއްމު ހިއްސާދާރުންގެ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތު ވެސް އާއްމުކޮށްފަ އެވެ. މިހާރު އެ މަގާމު ފުރުއްވަމުން ގެންދަވަނީ ބީއެމްއެލް ކުރީގެ ޗެއާމަން ފަރީހާ ޝަރީފާއި ދީނާ ހުސެއިން އެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިއްސާދާރަކަށްވުން ނުވަތަ އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ގާނޫނީ ޝަހްސެއްގެ ފަރާތުން ހުށަހަޅާ ފަރާތަކަށްވުން ހިމެނެ އެވެ. އަދި ކުންފުންޏާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އާންމުކޮށްފައިވާ ކޯޕަރޭޓް ގަވަނަންސް ކޯޑްގައި ބަޔާންކުރެވިފައިވާ ފެންވަރުތަކާއި ޝަރުތުތައް -- އިންޑިޕެންޑެންޓް ޑިރެކްޓަރުގެ ޝަރުތު ހިމެނޭގޮތަށް ހަމަވާ ފަރާތެއް ކަމަށްވުމާއި ސީއެމްޑީއޭގެ ލިސްޓަޑް ކުންފުނި ތަކުގެ ބޯޑު ޑިރެކްޓަރުންގެ "ފިޓް އެންޑް ޕްރޮޕާ" މިންގަނޑުތައް ފުރިހަމަވާ ފަރާތެއް ކަމުގައިވު ވެސް ހިމެނެ އެވެ.

މީގެ އިތުރުން އެހެން ޝަރުތުތަކުގެ ތެރޭގައި ބައިނަލްއަގްވާމީގޮތުން ބަލައިގަންނަ ޔުނިވަސިޓީ އަކުން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައިވުމާއި ދިވެހިރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި ސަރުކާރު ނުވަތަ ޕްރައިވެޓް ސެކްޓަރުގައި، އިސް މަގާމެއްގައި މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން ވެސް ހިމެނެ އެވެ. އަދި މި ތަޖުރިބާގެ ތެރެއިން މަދުވެގެން އެއް އަހަރު އެކްޓިވް ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުމާއެކު، ބޯޑު މެންބަރެއްގެ ގޮތުން ކޮށްފައިވާ ހިދުމަތުގެ ރިކޯޑު ފެންނަން އޮތުން ހިމެނެ އެވެ.

އުރީދޫން ބުނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ދެ ލިސްޓެޑް ކުންފުނީގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް ވުރެ ގިނައިން މި ވަގުތު ހުރި ފަރާތަކަށް ނުވުން ވެސް އެއީ ޝަރުތެއް ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ކޮމްޕެޓިޓަރެއް ނުވަތަ ރެގިއުލޭޓަރެއްގެ ބޯޑުގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް ނުވުން ވެސް ހިމެނެ އެވެ. ނަމަވެސް މި ފަދަ މަގާމެއްގައި ކޮމްޕެޓިޓާއެއް ނުވަތަ ރެގިއުލޭޓަރަކާ އެކު މަސައްކަތްކޮށްފައިވާ ނަމަ، އެ މަގާމުން ވަކިވެފައިވާތާ މަދުވެގެން އެއް އަހަރު ވާން ޖެހެ އެވެ.

އުރީދޫ މޯލްޑިވްސް ނުވަތަ ވާދެވެރި ކުންފުންޏެއް ނުވަތަ ރެގިއުލޭޓަރެއްގެ މުވައްޒަފެއްގެ ގޮތުގައި މިވަގުތު މަސައްކަތްކުރަމުންދާ ފަރާތަކަށް ނުވުން ވެސް ހިމެނެ އެވެ. މީގެ އިތުރުން ވެސް މި މަގާމަށް ކުރިމަތިލާ ފަރާތެއްގައި ގިނަ ޝަތުރުތަކެއް ހުންނަން ޖެހެ އެވެ.

އުރީދޫން ބުނީ އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓް އިން އިން ލިބޭނެ ކަމަށެވެ.

މި މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކި އަންނަ މަހުގެ 19 އެވެ.