ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ހަމައެކަނި މަލްޓިނޭޝަނަލް ކުންފުނި ކަމަށްވާ އުރީދޫގެ ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި 2.70ރ. ބަހަން ފާސްކޮށްފި އެވެ.
ފަޅު ހިއްކަގެން ހަދާފައިވާ ކްރޮސްރޯޑް މޯލްޑިވްސްގައި މިއަދު ބޭއްވި އުރީދޫގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ އަގުލަބިއްޔަތުންނެވެ. ހިއްސާދާރުންނަށް މިދިޔަ އަހަރު ލިބުނު ފައިދާއިން 2.70ރ. ބަހާނެ އެވެ.
އުރީދޫން މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ބޯޑަށް އާއްމު ހިއްސާދާރުން ތަމްސީލް ކުރާނެ ޑިރެކްޓަރެއް ވަނީ އައްޔަން ކޮށްފަ އެވެ. މި މަގާމަށް ހޮވިފައިވަނީ ބީއެމްއެލްގެ ޗެއާމަންކަން ވެސް ކުރިން ކުރައްވާފައިވާ ފަރީހާ ޝަރީފު އެވެ. މިއީ އޭނާ މި މަގާމަށް ހޮވުނު ދެވަނަ އަހަރެވެ. ދެހާސް ވިހިވަނަ އަހަރު ވެސް އޭނާ ވަނީ މި މަގާމު ފުރުއްވާފަ އެވެ.
އުރީދޫ އަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މެދުއިރުމައްޗާއި އޭޝިއާގެ ބައެއް ގައުމުތަކުގައި ހިދުމަތް ދެމުން ގެންދާ އުރީދޫ ގްރޫޕުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުންޏެވެ. އެ ކުންފުނީގައި 138 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުން އެބަތިއްބެވެ. މި ކުންފުނީގެ ދަށުން ހިންގާ އުރީދޫ މޯލްޑިވްސް ރާއްޖޭގައި ވަތަނިއްޔާގެ ނަމުގައި ހިދުމަތް ފެށީ 2005 ވަނަ އަހަރު އެވެ.