ވިޔަފާރި

އުރީދޫން ހިއްސާއަކަށް 2.34 ރުފިޔާ ބަހަން ހުށަހަޅައިފި

Feb 8, 2021
1

އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާ އަކަށް 2.34 ރުފިޔާ ބަހަން ހުށަހަޅަން ބޯޑުން ނިންމައިފި އެވެ.

އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުން ބޭއްވި ބައްދަލުވުމުގައި ވަނީ އަންނަ މަހު ބާއްވާ އަހަރީ އާއްމު ޖަލްސާގައި އާއްމުން ހިއްސާދާރުންގެ ވޯޓަށް ހިއްސާ އަކަށް 2.34ރ. ބަހަން ހުށަހަޅަން ނިންމާފަ އެވެ.

ހިއްސާއަށް ބަހާނެ މިންވަރު ނިންމޭނީ އަހަރީ އާއްމު ޖަލްސާގައި އާއްމު ހިއްސާދާރުންގެ ވޯޓަށް ހުށަހަޅައި ފާސްވުމުންނެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ފޯނާއި އިންޓަނެޓުގެ ހިދުމަތްދޭ އުރީދޫ އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 407 މިލިއަން ރުފޔާ ލިބިފައިވެ އެވެ.

އުރީދޫގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވަން ނިންމާފައިވަނީ އަންނަ މަހު އެވެ. އަހަރީ އާއްމު ޖަލްސާގައި ބައިވެރިވުމުގެ ގޮތުން ހިއްސާދާރުން މި މަހުގެ 15 ވަނަ ދުވަހުގެ 2:30 ގެ ކުރިން ރަޖިސްޓްރީ ވާން ވެސް ވަނީ ހުޅުވާލާފަ އެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ މަލްޓިނޭޝަނަލް ހަމައެކަނި ކުންފުނި ކަމަށް އުރީދޫއަކީ މިހާރު ދިވެހި ގިނަ ބައެއްގެ ހިއްސާވާ ކުންފުންޏެވެ. އެ ކުންފުންޏަށް ދިވެހިންގެ ހިއްސާ ލިބިގެން ދިޔައީ އާއްމުނަށް 9.5 ޕަސެންޓް ހިއްސާ ވިއްކުމުންނެވެ. އަދި ބާކީ އޮތް 90.5 ޕަސެންޓު ހިއްސާ ވަނީ އުރީދޫގެ މައި ކުންފުނި، ވަތަނިއްޔާ އިންޓަނޭޝަނަލް އެވެ.

ކޮވިޑް-19 ގެ ސަބަބުން ޓެލެކޮމިއުނިކޭޝަން ސިނާއަތަށް ބޮޑެތި ގެއްލުން ތަކެއް ވެފައިވާއިރު، އެ ކުންފުނިން ވަނީ މި ހާލަތުގައި ރާއްޖެއަށް ގިނަ އެހީތަކެއް ދީފަ އެވެ. އުރީދޫން މިހާތަނަށް ތިން އަހަރެއްގައި ހިއްސާގެ ފައިދާ ބަހާފައިވެ އެވެ. އެ ކުންފުނިން 2018 ވަނަ އަހަރު ހިއްސާއަކަށް 3.22ރ. ބެހިއިރު، 2019 ވަނަ އަހަރު ހިއްސާއަކަށް 3.30ރ. ބަހާފައިވެ އެވެ.