ކޮވިޑް-19ގެ ސަބަބުން މާލީ ދާއިރާ އަށް ބޮޑު ގެއްލުމަކާ ކުރިމަތިވި ނަމަވެސް ހައުސިން ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 21 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ރާއްޖޭގެ ގެދޮރުވެރިކަމުގެ ބާޒާރަށް އެންމެ ގިނަ ލޯނުދޭ އެއް މާލީ އިދާރާ ކަމަށްވާ އެޗްޑީއެފްސީގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން މި ކުއާޓަރުގައި އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 48 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 47 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 21.9 މިލިއަން ރުފިޔާ އެވެ. ނަމަވެސް ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާ އުޅެނީ 22.7 މިލިއަން ރުފިޔާގަ އެވެ. އަދި މި އަހަރުގެ މިހާތަނަށް އެ ކުންފުންޏަށް ލިބުނު ޖުމްލަ ފައިދާގެ އަދަދު 44.7 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރީގައި ސާފު ފައިދާ އުޅެނީ 27 މިލިއަން ރުފިޔާގަ އެވެ.
އެ ކުންފުނީގެ ޝަރިއާ ޕްރޮޑަކްޓް ތަކުން ސާފު ފައިދާގެ ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރުގައި 8.6 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
އެޗްޑީއެފްސީ އަށް މި ކުއާޓަރުގައި ހިއްސާ އަކަށް ޖެހިފައިވަނީ 13.77ރ. އެވެ.
އެޗްޑީއެފްސީއަކީ ދިވެހި ސަރުކާރުގެ 49 ޕަސެންޓް ހިއްސާ އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ)ގެ 18 ޕަސެންޓް ހިއްސާ އަދި އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ 18 ޕަސެންޓް ހިއްސާގެ އިތުރުން އެޗްޑީއެފްސީ އިންވެސްޓްމަންޓް (އިންޑިއާ)ގެ 15 ޕަސެންޓް ހިއްސާ ހިމެނޭ ކުންފުންޏެކެވެ.