ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދީ ވަޅުގަނޑަކަށް ރާއްޖެ ނުވެއްޓި ހިފަހައްޓަން ބީއެމްއެލް އިން މުހިންމު ދައުރެއް އަދާ ކޮށްފައިވާ ކަމަށް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ "ފައި ވޯޓް" މެދުވެރިކޮށް އޮންލައިންކޮށް ބީއެމްއެލް އިން މިއަދު ބޭއްވި އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން ޓިމް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުމަކުގައި ގައުމަށް އެހީވުމަށް ބޭންކުން މުހިންމު ދައުރެއް ކުޅުނު ކަމަށާ، އެގޮތުން ކޮވިޑްގެ ސަބަބުން ދިމާވެދާނެ އިގްތިސޯދީީ ގެއްލުން ކުރިން ދެނެގަނެވި ގައުމަށް އެހީވުމަށާއި އިގްތިސޯދު ހީނަރުވިޔަ ނުދިނުމަށް ބީއެމްއެލް އިން ހަަތަރު ކަމެއްގެ މައްޗަށް ސްޓްރެޓަޖީއެއް އެކުލަވާލި ކަމަށެވެ.
އޭނާ ވިދާޅުވީ މި ދަނޑިވަޅުގައި ވެސް މެދުކެނޑުމެއްނެތި ބޭންކިން ހިދުމަތް ދިނުމާއި ކޮޮވިޑްގެ ސަބަބުން މާލީ ގޮތުން އަސަރު ކޮށްފައިވާ ކަސްޓަަމަރުންނަށް އެހީވުމަށް ޝޯޓް ޓާމް ފައިނޭންސިން ދޫކުރެވި އަދި ބޭންކުން ނަގާފައިވާ ލޯނު އަނބުރާ ދެއްކުން ފަސް ކޮށްދެވިފައިވާ ކަމަށެވެ. މީގެ އިތުރުން ސަރުކާރުގެ ލޯނު ސްކީމްތައް މެނޭޖް ކުރުމުގައި އެހީތެރިވެދެވުނު ކަމަށާއި އީއައިބީ ކޮވިޑް-19 ރިކަވަރީ ލޯނާއި ދާދި ފަހުން ފެށި އިކޮނޮމިކް ސްޓިމިއުލަސް ލޯނު ދޫކުރުމަށް އެހީވުން ހިމެނޭ ކަމަށެވެ.
"ކޮވިޑް ސްޓްރެޓަޖީގެ މުހިންމު ބަޔަކަށްވީ ލިކުއިޑިޓީ ޕްރެޝާ ކުޑަކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ފަންޑިން ރާއްޖޭން ބޭރުން ހޯދުން. މިގޮތުން އެކިއެކި މާލީ އިދާރާތަކާ ގުޅިގެން ފަންޑިންގެ ގޮތުގައި ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު ހޯދިފައިވާކަން ފާހަގަ ކޮށްލަން،" ޓިމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ހަމައެހެންމެ މި ދަނޑިވަޅުގައި ވެސް ގައުމަށް އިތުރަށް އެހީތެރިވުމުގެ ގޮތުން އެކަށޭނަ އަދަދަކަށް ބޭރު ފައިސާ ގެ ރިސާވް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރެވުނު ކަމަށެވެ.
"މިއަދު އަޅުގަނޑުމެން މިތިބީ މިދިޔަ އަހަރުގެ މިހިސާބުގައި އަޅުގަނޑުމެން ތިބި ހާލަތަށް ވުރެ ރަނގަޅު ހާލަތެއްގައި. އަދި މި އަޑިގަނޑުން އަޅުގަނޑުމެން އަރައިގަންނާނަން. ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެންނަށް އުދަނގޫތަކާ ކުރިމަތި ވާނެ. މިއާއެކު ވެސް ދެމެހެއްޓެނެވި ކުރިއެރުމަކަށް މިކަންކަމުން އަރައިގަތުމުގެ ހިތްވަރު އެބަހުރި،" ޓިމް ވިދާޅުވި އެވެ.
"މުޅިން އަލަށް ތައާރަފް ކުރެވޭ އައު ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރެވިގެންދާނެ. ނަމަވެސް އެންމެ މުހިންމުކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ ބޭންކުގެ ސްޓްރެޓަޖީ ހިމެނޭ ކަންކަން ފުރިހަމަކުރާނެ ރަނގަޅު ޓީމެއް ބޭންކުގައި އޮތްކަން."