ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސައުދީ އަަރަބިއްޔާ

ހަރަމްފުޅު ވަގުތީ ގޮތުން ބަންދު ކޮށްފި

މައްކާގެ ހަރަމްފުޅުން: އަހުމަދު ހަމީދު އާދަމް
Mar 5, 2020
4

މުސްލިމުންގެ ގިބްލަ ކަމުގައިވާ ކައުބަތުﷲ ގެފުޅު، އާންމުނަށް ނުވަދެވޭ ގޮތަށް ބަންދު ކޮށްފި އެވެ.

މިއީ މިފަހުން ކައުބާ މިފަދަ ގޮތަކަށް ބަންދު ކުރި ފުރަތަމަ ފަހަރެވެ. ސައުދީ ސަރުކާރުން މި ފިޔަވަޅު އަޅާފައިވަނީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެންނެވެ. ނަމަވެސް މިއީ ވަގުތީ ގޮތުން އެޅި ފިޔަވަޅެކެވެ. އެއީ އެ ސަރަހައްދު ސާފު ކުރުމަށެވެ. ނަމަވެސް މީގެ ކުރިން ހަރަމްފުޅު ސަހަރައްދު ސާފު ކުރުމަށް މިފަދަ ގޮތަކަށް ބަންދެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި ސައުދީގައި ކޮރޯނާއަށް މިއަދު ވެސް އިތުރު ތިން މީހަކު މިހާރު ވަނީ ޕޮޒިޓިވްވެފަ އެވެ. ސަރުކާރުން ބުނީ މިހާރު އެ ގައުމުން ޖުމްލަ ފަސް މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ބުނީ އިތުރު ބައެއްގެ ޓެސްޓްތައް ވެސް ހަދަމުންދާ ކަމަށެވެ.

ކައުބާ ހިމެނޭ ސަރަހައްދު މުޅިން ބަންދު ކޮށްފައިވަނީ މިއަދު މެންދުރު ފަހު އެވެ. ސިފައިން ވަނީ އެ ސަރަހައްދުގައި ތޮވާފް ކުރަން ތިބި އެންމެން ނެރެފަަ އެވެ.

އަދި އެ ސަރަހައްދު މުޅިން ހުސްކޮށް ސާފު ކޮށްފައިވާއިރު، ތޮވާފް ކުރަން ވަދެވޭނެ ހުރިހާ ދޮރުތައް ވެސް މިވަގުތު ވަނީ ބަންދުކޮށްފަ އެވެ. އެ ދޮރުތައް ކައިރީ ގިނަ އަދަދެއްގެ ސިފައިން ދަނީ ފޯރިމަރަމުންނެވެ.

އަދި އިހްރާމްގައި މިސްކިތަށް ވަނުން ވެސް މިވަގުތު ވަނީ މަނާ ކޮށްފަ އެވެ.

ކައުބާ، ތޮވާފްކުރާ މީހުންނަށް ވަގުތީ ގޮތުން ބަންދު ކުރުމަށް ފަހު ދެން ހުޅުވާނެ ވަކި ވަގުތެއް ވެސް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ނުބުނެ އެވެ. ކައުބާ ސަރަހައްދުގައި ތިބި ސިފައިންގެ ބުނި ގޮތުގައި އެ ސަރަހައްދު ބަންދު ކޮށްފައިވަނީ ވަގުތީ ގޮތުންނެވެ. އަލުން ހުޅުވާލާނެ ދުވަހެއް ނޭނގެ އެވެ.

ނަމަވެސ ހަރަމައިން ޝަރީފުން ބުނީ ކައުބާ ހިމެނޭ ސަރަހައްދު މުޅިން ބަންދުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތް ނިމުމުން އަލުން ހުޅުވާނެ ކަމަށެވެ. އަދި ކައުބާގެ މަތީ ފްލޯތަކުގައި މިހާރުވެސް ތޮވާފް ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

މުޅި ދުނިޔޭގައި ހަލުވި ކަމާއެކު ނުރައްކާތެރި ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު ސައުދީ ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި އެއްވެސް ގައުމަކުން އުމުރާވުމަށް ސައުދީއަށް އެތެރެވުން ވަނީ މަނާ ކޮށްފަ އެވެ.

ސައުދީ ސަރުކާރުން މި ނިންމުން ނިންމީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭގެ ފަހުން ސައުދީ މީހުންނަށް ވެސް އުމްރާވުން ވަނީ ހުއްޓުވާފައެވެ.

އަދި ހަރަމްފުޅާ، މަދީނާގައި ހުންނަ މާތް ރަސޫލާގެ މިސްކިތަށް ޒިޔާރަތް ކުރުންވެސް މިދުވަސްވަރު މަދުކުރުމަށް ސަރުކާރުން ވަނީ އެދިފައެވެ.