އުމްރާގެ އަޅުކަމަށްފަހު މިއަދު ރާއްޖެ އައި ނަވާ ހައްޖު އެންޑް އުމްރާ ގުރޫޕްގެ 50 މީހުން ގޭގައި އެކަހެރިކޮށް ތިބުމަށް އަންގައި އެމީހުންގެ ހާލަތު މޮނީޓާ ކުރަން ފަށައިފި އެވެ.
ކޮރޯނާ ވައިރަސްއާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މުބުރޫކު އަޒީޒު މިއަދު ވިދާޅުވީ އުމްރާއިން އައި މީހުންގެ ފަރާތުން އެއްވެސް އަލާމާތެއް ހުރިތޯ އުމްރާ ގުރޫޕްގެ ޑޮކްޓަރު މެދުވެރިކޮށް އެމީހުން ރާއްޖެ އައުމުގެ ކުރިން ބަލާފައިވާ ކަމަށެވެ. އަލާމާތްތަކެއް ހުރި މީހަކު ނެތް ކަމަށެވެ.
މިއަދު އެ މީހުން މާލެ އައުމުން އެމީހުންގެ ހުން ބަލައި ކޮރޯނާ ވައިރަހާ ގުޅޭ މައުލޫމާތު ދީފައިވާ ކަމަށް ވެސް މަބުރޫކު ވިދާޅުވި އެވެ. އަދި ކޮރޯނާ ވައިރަހަށް ޝައްކުވާ އެއްވެސް އަލާމާތެއް ނޫނީ ހުމުގެ އެއްވެސް އަލާމާތެއް ފެންނަ ނަމަވެސް ޓްރެވެލް ކްލިނިކަށް ދިޔުމަށް އިރުޝާދު ދީފައިވާ ކަމަށް ވެސް މަބުރޫކު ވިދާޅުވި އެވެ.
މަބުރޫކު ވިދާޅުވި ގޮތުގައި އެމީހުން ގޭގައި އެކަހެރިކޮށް ތިބުމަށް އަންގާފައިވަނީ ދެ ހަފުތާއަށެވެ. އެ މުއްދަތުގެ އެމީހުންގެ ހާލަތު ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބަލަމުންދާނެއިރު އެމީހުންގެ އާއިލާގެ މީހުން ވެސް މޮނީޓާ ކުރުމަށް ވަނީ ނިންމާފަ އެވެ.
ސައުދި އަރަބިއްޔާއިން މިހާރު ވަނީ އުމްރާގެ އަޅުކަން ވަގުތީ ގޮތުން ހުއްޓާލާފަ އެވެ. އެ ފިޔަވަޅަށް ފަހު ވެސް އެ ގައުމުން ވަނީ ކޮރޯނާ ވައިރަހަށް ބަޔަކު ޕޮޒިޓިވްވެފަ އެވެ. އެހެންވެ، އެ ގައުމުގައި ވެސް ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. މިއަދު ސައުދީން އައި އުމްރާ ގުރޫޕަކީ އުމްރާގެ އަޅުކަމަށް މީހުން އައުން ސައުދީއިން މަނާކުރި ދުވަހު ރާއްޖެއިން ފުރި ބަޔަކެެވެ.