ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސައުދީ އަަރަބިއްޔާ

ހަފްތާއަކަށް ސައުދީ ބޯޑަރު ބަންދު ކޮށްފި

ސައުދީ ބޯޑަރު، ހަފްތާއެއްގެ މުއްދަތަށް ބަންދު ކޮށްފި އެވެ.

ސައުުދީ ސަރުކާރުން މި ފިޔަވަޅު އަޅާފައިވަނީ ކޮވިޑް-19 އިގެ މުޅިން އާ ވޭރިއަންޓެއް އިނގިރޭސިވިލާތުގައި ވަރަށް ބާރަށް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. ސައުދީން ވަނީ ވައިގެ މަގުންނާއި އެއްގަމު މަގުން އަދި ކަނޑުމަގުންވެސް އެ ގައުމުގެ ބޯޑަރުތައް ބަންދުކޮށްފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ސައުދީގެ ބޯޑަރުތައް ގިނަ މަސްތަކަކަށް ބަންދުކުރި އެވެ. ބަލިމަޑުކަމާއި ގުޅިގެން އުމްރާގެ ފުރުސަތު ބަންދުކޮށްފައި ވަނީ މާޗް މަހުގެ ފުރަތަމަ ހަފުތާގަ އެވެ. ފެބްރުއަރީ ފަހު ހަފުތާގައި ސައުދީގެ ބޯޑަރު ވަނީ ބަންދު ކޮށްފަ އެވެ. އަލުން އުމްރާ ވުމަށް ހަރަމްފުޅު ހުޅުވާލީ ހަތް މަސްފަހުން އޮކްޓޫބަރު މަހުގެ ހަތަަރު ވަނަ ދުވަހު އެވެ. ފުރަތަމަ ފުރުސަތު ދިނީ ސައުދީގައި ތިބި މީހުންނަށް އެކަންޏެވެ. އަދި އުމްރާވުމަށް ފުރުސަތު ދެމުންދިޔައީ ފިޔަވަހިތަކަކަަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ދުވާލަކަށް 6،000 މީހުން އަދި ދެވަނަ ފިޔަވަހީގައި 15،000 މީހުންނަަށެވެ. މިހާރު ދުވާލަކު 20،000 ވުރެ ގިނަ މީހުންނަށް އެ ފުރުސަތު ދެ އެވެ. އަދި އުމްރާ ވުމަށް އެހެން ގައުމުތަކުގެ މީހުންނަށްވެސް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ސައުދީ ސަރުކާރުން ބުނީ ހަފްތާއަކަށް ބޯޑަރު ބަންދުކޮށްފައިވާއިރު މި ފަހުން އެ ގައުމަށް އެތެރެވީ މީހުން 14 ދުވަހަށް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

ސައުދީން މިހާތަނަށް 360،000 ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 6،000 ވުރެ ގިނަ މީހުން އެ ބަލީގައި މަރުވެފައިވެއެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 350،000 މީހުން ވަނީ ފަސޭހަވެފައެވެ. އެ ގައުމުގައި އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ ދިހަ ހާހަށްވުރެ ދަށުގައެވެ.