AVAS PHOTO ESSAY

އަރުޝަދުގެ ކަޅި ވޭމަންޑޫ އަންހެނުންނަށް!

ރާއްޖޭގެ ކޮންމެ ރަށަކީ ވެސް މުޅީން ތަފާތު ރަށެކެވެ. ތަފާތު ރައްޔިތެއް އޮންނަ ތަފާތު ވެއްޓެއްގައި އުޅެ ބައެކެވެ. މި ރަށް ތ. އަތޮޅު ވޭމަންޑޫއަށް ކެމެރާ ފޯކަސް ކޮށްލަމާ ހިނގާށެވެ. މީހުން މީހުންނަށް ވަނީ މީހުން މީހުނަށް ހެދީމައޭ ބުނާނެ ކިތަންމެ މީހަކު މިރަށު ތެރެއިން ކެމެރާއަށް އަރާނެ އެވެ. މަސައްކަތްތެރިންނާއި ހިދުމަތްތެރިންނާއި ހުނަރުވެރިންވެސް މަދަކު ބައިވަރެއް ނޫނެވެ. ނެތީ އެމީހުންގެ ވާހަކަ އަހާލައި އެ މީހުން މުޅި ރާއްޖެއަށް ދައްކާލާނެ ބައެކެވެ. އަވަސްގެ ކެމެރާ މި ފޯކަސް ކޮށްލަނީ ވޭމަންޑޫގައި ތިބި އެފަދަ ބައެއް އަންހެނުންނަށެވެ.

އައިޝަތު އާމިރާ

ބައްޕައަކީ ފަހާ މީހަކަށް ވުމާއެކު، ބައްޕައަށް އެހީތެރިވެ ދިނުމުގެ ގޮތުން ބައެއް ފަހަރު ރޮދި ކޮށުން ކަހަލަ ކަަންކަން ވަރަށް ކުޑައިރުވެސް ކުރި އެވެ. އުމުރުން 13 އަހަރުގައި ފެހުމުގެ މަސައްކަތް ފެށި ގޮތަށް އާމްދާނީ ހޯދަން މި މަސައްކަތް ކުރާތާ މިހާރު 33 އަހަރު ވެއްޖެ އެވެ. އަންނައުނުގެ އިތުރުން ފޮތީގައި މާޖެހުމާއި ސޯފާ ފަދަ ތަކެތީގެ އުރަވެސް ފަހައިދެ އެވެ. އާމިރާގެ މި މަސައްކަތްތައް އުތުރާއި ދެކުނުން މަގުބޫލުކަން ލިބިފައި ވެއެވެ.

އާމިރާ ފެހުމުގެ މަސައްކަތުގައި: އޭނާ ފަހަން ފެށީ އުމުރުން 13 އަހަރުގައި -- ފޮޓޯ: މުހައްމަދު އަރްޝަދު

ސިޔާމާ މުހައްމަދު

މި ރަށުގައި ދަނޑުވެރިކަން ކުރާ ހީވާގި އެތައް އަންހެނުންނެއް އުޅެ އެވެ. އޭގެ ތެރެއިން ސިޔާމާ މުހައްމަދަކީ އެ މަސައްކަތުގައި 15 އަހަރު ހޭދަ ކޮށްފައިވާ އަދި ވެސް ދަނޑުވެރި އަންހެނެކެވެ. ކޮންމެ ދުވަހަކު މަސައްކަތް ކޮށްގެން ސިޔަމާ އާންމުކޮށް ހައްދާ ބާވަތްތަކުގެ ތެރޭގައި މިރުހާއި ކިއުކަންބާ އާއި ބައްޓާއި ފާގަ ހިމެނެ އެވެ. އެންމެ ފުރަތަމަ ސިޔާމާ ގޭދޮށުގައި ދެތިން ޕޮޓާއި ހަން ބުރި އެއްކޮށް ހެއްދި ބާވަތްތައް މިހާރު ހައްދަނީ ސަރާސަރު ބޮޑު ދަނޑެއްގަ އެވެ. އެކަށީގެންވާ އާމްދަނީ އެއް ހޯދަނީ ތާހިރު ދިރިއުޅުމުގެ އަމިއްލަ މަސައްކަތުންނެވެ.

ސިޔާމާ: ދަނޑުވެރިކަން ކުރަނީ ލޯބިން އަދި ކުރާ ހިތުން -- ފޮޓޯ: މުހައްމަދު އަރްޝަދު

އައިމިނަތު ހޫނާ

މި ވޭމަންޑޫގައި ވެސް މިހާރު މީރު އަދި ރީތި ކޭކްތައް އަޅަ އެވެ. މި ރަށުގައި ކޭކް އެޅުމަށް ޝައުުގުވެރިކަން ހުރެ އެކަންކުރާ އަންހެނުންގެ އަދަދު އަންނަނީ ވެސް ދުވަހެއް ވިއްޔާ ދުވަހަކަށް އިތުރުވަމުންނެވެ. މީގެ ކުރީން 2013 ވަނަ އަހަރުން ފެށިގެން ސްކޫލުގައި އުޅެމުން ލިބޭ ހުސް ވަގުތުތަކުގަ އާއި ޗުއްޓީ ދުވަސްވަރާ ދިމާކޮށް ކޭކު އަޅަން ފެށި އާމިނަތު ހޫނާ މިހާރު ރަށުގައި އެކަން ކުރަނީ ފުރިހަމަ ތަމްރީނު ލިބި ޒަމާނިީ ފެންވަރުގަ އެވެ. އުފަންދުވަހުގެ ކޭކާއި ކައިވެނި ހަފުލާތަކަށާއި އޮފީސްތަކުގެ އަހަރީ ދުވަހާއި އެނޫން ވެސް ތަފާތު މުނާސަބާތަކަށް އެކި ޑިޒައިން ތަކުގެ އެތައް ކޭކެއް މި ރަށުގައި އަޅައިދޭ އެކަކީ ހޫނާ އެވެ. އެހެންވެ ރަށު ކަސްޓަމަރުންގެ މަގުބޫލުކަން ޒުވާން ހޫނާގެ "ހޫ ކޭކްސް" ވަނީ ވަރަށް ބޮޑަށް ހޯދާފަ އެވެ.

ހޫނާ ސްކޫލް ދުވަސްވަރު ފެށުނު ޝައުގުވެރި މަސަކަތް ފުޅާކޮށް އާމްދަނީއަކަށް ބަދަލުކުރި -- ފޮޓޯ: މުހައްމަދު އަރްޝަދު

ސީމާ އިބްރާހިމް

އެހެން ރަށްރަށުގެ ގޮތެއް ނޭނގެ އެވެ. ގައިމުވެސް ގޭގައި ހަވާދުގެ ބާވަތްތައް ތައްޔާރު ކުރުމަށްފަހު ފިހާރަތަކަށް ލައި އެތަކެތި ޑިސްޕްލޭކޮށް ވިއްކައިގެން އާމްދަނީ ހޯދުމަކީ މި ވޭމަންޑޫގައި އެތައް ބަޔަކު ކޮށް އާމްދަނީ ހޯދަމުން އަންނަ، މި ރަށުގައި ވަރަށް ރީތި މަސައްކަތެކެވެ. ސީމާއަކީ ވެސް އެކި ބާވަތްތަކުގެ ހަވާދު ގޭގައި ތައްޔާރުކޮށް ވިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ޒުވާން އަންހެެނެކެވެ. ސީމާގެ ހަވާދު ވިކޭ މިންވަރު ހަލުއި ކަމާއި އެއްވަރަށް އޭނާއަށް ހަވާދު ތައްޔާރު ނުކުރެވިފައި އޮވެ އެވެ. މި މަަސައްކަތަކީ ސީމާ ފަދަ އެހެން ކޮންމެ އަންހެނަކު ވެސް އާމްދަނީއެއް ހޯދުމުގެ ގޮތުން ކޮށްލަން ބަރާބަރު މަސައްކަތެއް ކަމަށް ތަޖުރިބާގެ އަލީގައި ސީމާ ޔަގީންކޮށް ދެއެވެ. މަސައްކަތް އަވަހަށް ފަށާށެވެ.

-- ފޮޓޯ: މުހައްމަދު އަރްޝަދު

ހައްވާ ޒާހިރާ

ތ. އަތޮޅު ހޮސްޕިޓަލުގެ ހެލްތު ވޯކަރެއްގެ ގޮތުގައި ހައްވާ ޒާހިރާ މަސައްކަތް ކުރަމުން އަންނަތާ 32 އަހަރަށްވުރެ ގިނަ ދުވަސްވެފައި ވެއެވެ. އެއީ ހާދަ ގިނަ ދުވަހަކެވެ. ހާދަ ބޮޑު ހިދުމަތަކެވެ. ސިއްހީ ދާއިރާގައި އަންހެނުން މަދު އަދި ވަސީލަތްތައް މަދު ދުވަސް ވަރެއްގައި ދާއިރާއަށް ނިކުމެ، މިހާ ހިސާބައް އާދެވިފައިވަނީ ޒާހިރާގެ ވަރަށް ބުރަ މަސައްކަތުންނެވެ. ކެރިގެން ކޮންމެ ކަމަކާވެސް ކުރިމަތިލައިފިނަމަ އަންހެނަކަށް ވިޔަސް ކާމިޔާބު ނުވާންވީ ސަބަބެއް ނެތްކަމަށް ހައްވާ ޒާހިރާ އަދިވެސް ބުނެ ދެނީ އެވެ. އޭނާގެ ހިތްވަރާއި އަޒުމުންނެވެ.

-- ފޮޓޯ: މުހައްމަދު އަރްޝަދު

ދޮން ހައްވާފުޅު

މިދިލި ގަހުން ބިމަށް ފައިބާފައި ހުންނަ ދޮންމަދު އޭނާ ހޮވައެވެ. އެ މަދުތައް ފަޅައިގެން ކަނަމަދު ނެގުމަކީ ގިނަ ވަގުތު އެކަމަކަށް ހޭދަވާ ވަރަށް ކަވި އެހާ ބުރަ މަަސައްކަތެއް ނަމަވެސް އެކަން ކުރާ ހީވާގި އެތައް އަންހެނުންނެއް މި ވޭމަންޑޫގައި އެބަ އުޅެ އެވެ. މި ރަށު ދޮންހައްވާފުޅު މެދުނުކެނޑި މި މަސައްކަތް ކުރަމުން އަންނަތާ ހަތަރު އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ވޭމަންޑޫއިން އެކަށީގެންވާ ވަރަށް ދޮންމަދު ނުލިބޭތީ ކައިރި ފަޅުރަށްރަށަށް ގޮސް މަދު ހޮވައިގެން މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށް ދޮން ހައްވާފުޅު ބުނެ އެވެ. ކަނަމަދަކީ އަގު ބޮޑު، ޑިމާންޑު ވެސް ބޮޑު އެއްޗެކެވެ.

ދޮން ހައްވާފުޅު މަދު ފަޅަނީ: މަސައްކަތް ހުއްޓާ ނުލައި އަބަދުވެސް އުޅެނީ ފުޅާ ކުރުމުގައި -- ފޮޓޯ: މުހައްމަދު އަރްޝަދު

ހަދިއްޔާ އާދަމް

އުމުރުން 75 އަހަރު ވިޔަސް ހަދިއްޔާއަކީ އަދިވެސް އެނާގެ ދަރިފުޅު އެކި ބާވަތްތައް ހައްދާ ދަނޑުގައި އެކި އެކި ކަންކަމުގައި އެހީތެރިވެދިނުމުގެ މަަސައްކަތް ކުރަމުން އަންނަ ހީވާގި އެހާ މުރާލި އަންހެނެކެވެ. ކުރިން މި އަތޮޅުގެ އަތޮޅުގޭގެ ބަަދިގެ ބެލެހެއްޓުމުގެ ވަޒީފާގައި އޭނާ 17 އަހަރަށްވުރެ ގިނަ ދުވަހު މަސައްްކަތްކޮށްފައިވެ އެވެ. ހަދިއްޔާ ބުނާ ގޮތުން މަސައްކަތެެއް ނުކޮށް ހުރުމަކީ އުނދަގޫ އަދި މީހާ އެހާ އަވަހަށް ބަލިކޮށްލާ ކަމެކެވެ. އަންހެނަކަސް ފިރިހެނަކަސް މަސައްކަތް ނުކޮށް ނުތިބޭން ހަދިއްޔާ ނަސޭހަތްތެރި ވެއެެވެ.

ހަދިއްޔާ: އަބަދުވެސް ދޭ ނަސޭހަތަކީ މަސައްކަތެއްގެ ތެރޭގައި ބައިވެރިވެ އުޅުމަށް -- ފޮޓޯ: މުހައްމަދު އަރްޝަދު

އައިޝަތު މަނިކެ

ކުރީގެ އަތޮޅު އޮފީހުގައި އަދި މިހާރު އަތޮޅު ކައުންސިލުގައި އައިޝަތު މަނިކެ މަސައްކަތް ކުރަމުން ދާތާ 31 އަހަރު ވެއްޖެ އެވެ. އޮފީހުގެ މަސައްކަތަށްފަހު ލިބޭ ހުސް ވަގުތު ތަކުގައި އެކި ބާވަތުގެ ސަންބޯލްތައް ތައްޔާރުކޮށް ވިއްކުމުގެ މަސައްކަތް އައިޝަތު މަނިކެ ކުރެެ އެވެ. ވޭމަންޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގަ އާއި ވޭމަންޑޫ ސްކޫލުގައި ބެލެނިވެރިން ތަމްސީލު ކުރާ މުހިއްމު ކޮމިޓީތަކުގެ ޗެއާ ޕާސަން ކަންވެސް އައިޝަތު މަނިކެ ކުރެ އެވެ.

އައިޝަތު މަނިިކެ ރަސްމީ ވަޒީފާގެ މަސައްކަތުން އަވަދި ވުމުން ސަމްބޯލް ހެދުމުގެ މަސައްކަތުގެ ތެރެއަށް ވަދެ ހުސްވޭ -- ފޮޓޯ: މުހައްމަދު އަރްޝަދު