ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބިދޭސީން ރީރަޖިސްޓްރީ ކުރުން މެދުކަނޑާލައިފި

Mar 10, 2020

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމަށް ފެށި ޕްރޮގްރާމް، މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި މަސައްކަތް ކުރަން އުޅޭ ބިދޭސީންނަށް އަމާޒުކޮށް ކުރިއަށް ގެންދާ "ރެގިއުލަރައިޒޭޝަން" ޕްރޮގްރާމް މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލެވިފައިވާ ކަމަށެވެ.

އަދި މި ޕްރޮގްރާމް އަލުން ފެށުމުން އެކަން އާންމުކޮށް އަންގާ އިއުލާން ކުރާނެކަމަށް ވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

މި ޕްރޮގްރާމް މެދުކަނޑާލި ސަބަބު ހާމަކޮށްފައި ނުވި ނަމަވެސް، ދުނިޔޭގައި މިހާރު ބާރު ދުވެލީގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖޭން ފެނުމާ ގުޅިގެން، މީހުން އެއްކޮށްގެން ހިންގާ އެކި އެކި ހަރަކާތްތައް ދަނީ ފަސް ކުރަމުންނެވެ.

މި ބައްޔަށް ރާއްޖެ އިން ވެސް ހަ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ.

ކޮރޯނާ ވައިރަސް ހާއްސަކޮށް މާލޭގައި ފެތުރިއްޖެނަމަ، އޭގެ ބޮޑު ނުރައްކަލެއް މެދުވެރިވާނީ މާލޭގައި ތިބި ބިދޭސީންގެ ފަރާތުން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ރާއްޖޭގައި އެތަކެއް ހާސް ބިދޭސީންނެއް މަސައްކަތްކުރާއިރު، އޭގެ ތެރެއިން ބޮޑު ޕަސަންޓޭޖަކީ ގަވައިދާ ހިލާފަށް އުޅޭ މީހުނެވެ.

އެގޮތުން، ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ބީދޭސީންނަށް ފޯރުކޮށްދިނުމުގެ ހާއްސަ މަސައްކަތެއް ކުރަމުންދާކަމަށް ކަމާބެހޭ އިދާރާތަކުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެ މައުލޫމާތު މިހާތަނަށް 6،000 އެއްހާ ބިދޭސީންނަށް ފޯރުކޮށްދެވިފައިވާނެކަމަށް މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) އިން ވެސް އިއްޔެ ވަނީ ބުނެފަ އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފައްތަން ފެށި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 38،000 ބިދޭސީން ރަޖިސްޓްރީވެފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.