ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ތޮއްޖެހިފައިތިބި ތަންތަނުން ބިދޭސީން ބަދަލުކުރަން ފަށައިފި

May 3, 2020
4

މާލޭ ސަރަހައްދުގައި، އެއް ތަނެއްގައި ތޮންޖެހިގެން ދިރިއުޅެމުންދާ ބިދޭސީން އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒް ވިދާޅުވީ އެއް ތަނެއްގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ތަންތަން ފާހަގަކުރެވި، އެ ތަންތަނުން މީހުން ބަދަލުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.

އެގޮތުން، ގުޅިފަޅުގައި ގާއިމުކުރި ފެސިލިޓީއަށް 113 މީހުން އަދި ހުޅުމާލޭގައި ގާއިމުކުރި ބިދޭސީންނަށް ހާއްސަ އައިސޮލޭޝަން ފެސިލިޓީއަށް 82 މީހުން ބަދަލުކުރާނެ ކަމަށެވެ.

މަބުރޫކު ވިދާޅުވި ގޮތުގައި، ގުޅިފަޅުގައި ގާއިމުކުރެވިފައިވަނީ 674 މީހުންގެ ޖާގައިގެ ފެސިލިޓީއެއް ކަމަށާއި، އަދި ހުޅުމާލޭގައި އިތުރު ދެ ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ތަފާތު ދެ މިނިސްޓްރީއަކުން ކުރަމުން އަންނަ ކަމަށެވެ.

"އިކޮނޮމިކް މިނިސްޓްރީން ހުޅުމާލޭގައި ގާއިމުކުރާ 2،700 މީހުންގެ ޖާގައިގެ ފެސިލިޓީ ކުރިއަށްއޮތް ދެ ހަފްތާއެއްގެ ތެރޭގައި ބޭނުންކުރަން ފެށޭނެކަމަށް މައުލޫމާތު ވަނީ ލިބިފައި. އޭގެ އިތުރުން، ހޯމް މިނިސްޓްރީން ހަމަ ހުޅުމާލޭގައި އިތުރު ތަނެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުން. އެކަމަކު އެތަނުގެ މާގިނަ މައުލޫމާތެއް ލިބިފައެއް ނެތް،" މަބުރޫކު ވިދާޅުވި އެވެ.

މާލޭގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ 23 ތަނެއް ފާހަގަކުރެވި، އެތަންތަން ފުލުހުން މިހާރު ގެންދަނީ ބަލަހައްޓަމުންނެވެ. އެތަންތަނުން ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭ ކޮވިޑް-19 އިގެ ކްލަސްޓާތައް މިހާރުވެސް ވަނީ ފެނިފަ އެވެ.

މަބުރޫކު މިރޭ ވިދާޅުވި ގޮތުގައި، ބިދޭސީން ބަދަލުކުރުމުގައި، ވަކި ވަޒީފާއެއް އަދާނުކުރާ އަދި ވަޒީފާ އެއް ނެތި ތަންތަނުގައި ދިރިއުޅޭ މީހުނަށް އިސްކަންދީގެން އެ ފެސިލިޓީތަކަށް ބަދަލުކުރެވިގެންދާނެ ކަމަށެވެ.

އެގޮތުން، ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ޖުމްލަ 519 މީހުންގެ ތެރެއިން، 343 މީހުނަކީ ބިދޭސީންނެވެ.