ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބިދޭސީންނާ ގުޅިގެން މައާފަށް އެދިއްޖެ

Apr 22, 2020
5

ކޮވިޑް-19އަށް މާލެއިން ޕޮޒިޓިވްވި ކޭސްތަކަކާ ގުޅިގެން، އިއްޔެ ކަރަންޓީނަށް ގެންދިއަ ބިދޭސީ މަސައްކަތްތެރިންތަކެއް އިންސާނުން ބައިތިއްބަން އެކަށީގެންނުވާ ތަނެއްގައި ބޭއްތިބުމާ ގުޅިގެން ސަރުކާރުން މިއަދު މައާފަށް އެދިއްޖެ އެވެ.

މައިގަނޑު ގޮތެއްގައި ދަނގަޑު ޓިނުން ހަދާފައިހުރި ފާހަނާތަކެއް ހުރި ތަނެއްގައި ބިދޭސީންތަކެއް ބައިތިއްބާފައިވާ ކަމަށް ބުނެ ވީޑިއޯގެ އިތުރުން ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ. އެތަނުގެ ފާހަނާތަކުގައި ދޮރުވެސް ނެތް އިރު، ކަރަންޓީނަށް ގެންދާ ނިކަމެތި ބިދޭސީންނާމެދު އަމަލުކުރަނީ މިގޮތަށްތޯ ބުނެ، ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ފެށުމުގެ ގޮތުން، އެ ސެންޓަރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވަނީ އެކަން ހިނގައިދިއަ ގޮތް ސާފުކޮށް ދެއްވައިފަ އެވެ.

މަބުރޫކު ވިދާޅުވީ، ރޭގެ ވަގުތެއްގައި މާލޭގައި ވަރަށް ތޮއްޖެހިފައި ހުރި ތަނަކުން، 80 ބިދޭސީ މަސައްކަތްތެރިން ވަރަށް ކުއްލި ގޮތަކަށް ވިލިވަރުގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީއަށް ގެންދެވުނު ކަމަށެވެ.

ނަމަވެސް، އެތަނަކީ 30 ކޮޓަރީގެ ފެސިލިޓީއެއް ކަމުން، ރިިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް އެތަނުގައި ކުރިއަށް ދިއައިރު، ގާއިމުކޮށްފައިހުރި ބައެއް ވަސީލަތްތައް އެތަނަށް ގެންދިއަ ބައެއް މީހުން ބޭނުންކުރަންޖެހުނުކަމަށް މަބުރޫކު ވިދާޅުވި އެވެ.

ނަމަވެސް، މިއަދުގެ ވަގުތެއްގައި އެތަނުގައި ތިބި ހުރިހާ މީހުން، ކުޑަބަނޑޮހަށާއި އިރުފުށި ރިސޯޓުގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކަށް ބަދަލުކުރެވިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްގޮތަކަށްވެސް އެތަނުގައި ގިނަ ދުވަހު ބައިތިއްބާކަށް ނޫން. [ބިދޭސީންނާމެދު] އެއް ގޮތަކަށްވެސް އެ ގޮތަށް އަމަލެއް ނުކުރާނެ. އެކަން އެގޮތަށް ހިނގާފައިވާތީ ނިހާޔަތަށް މައާފަށް އެދެން،" އެތަނުގައި އޭގެ ތެރެއިން ބޭނުންކުރަންޖެހުނު ވަސީލަތްތަކަކީ އިންސާނުން ބޭނުންކުރަން އެކަށީގެންނުވާ ވަސީލަތްތަކެއް ކަމަށް ފާހަގަކުރައްވަމުން މަބުރޫކު ވިދާޅުވި އެވެ.

މައިގަނޑު ގޮތެއްގައި ދަނގަޑު ޓިނުން ހަދާފައިހުރި ފާހަނާތަކެއް ހުރި ތަނެއްގައި ބިދޭސީންތަކެއް ބައިތިއްބާފައިވާ ކަމަށް ބުނެ ވީޑިއޯގެ އިތުރުން ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 86 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި މާލެއިން ޕޮޒިޓިވްވި 66 މީހަކު ހިމެނެ އެވެ.

މާލެއިން ބަލިޖެހުނު މީހުންގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިން ހިމެނޭތީ، ތޮއްޖެހިފައި ހުންނަ ތަންތަނުގައި ބައިތިއްބާފައިތިބޭ އެފަދަ މީހުންގެ ތެރޭގައި ބަލި އިތުރަށް ފެތުރިގެންދިއުމުގެ ބިރު މިހާރު ވަނީ ބޮޑުވެފަ އެވެ.